ރަމަޟާންމަހަށް މަރުޙާބާ ކިޔާނީ ކިހިނެއް؟!

ބަރަކާތުން ފުރިގެންވާ ރަމަޟާން މަސް އަޅުގަނޑުމެންނާ ބައްދަލުކުރަން ދެން މާ ގިނަ ދުވަހެއް ނެތެވެ. ކޮޅުނެތް ކޮޅަށް ބަރަކާތުން ފުރިގެންވާ މައްސަރެކެވެ. ކޮޅުނެތް ކޮޅަށް ރަޙްމަތް ތަނަވަސްވެގެންވާ މައްސަރެކެވެ. މިއީ ތައުބާގެ މައްސަރެވެ. މިއީ މަޣްފިރަތުގެ މައްސަރެވެ. މިއީ އިލާހީ ރަޙުމަތުގެ މައްސަރެވެ.

މި މަތިވެރި މައްސަރުގެ މަތިވެރިކަން ޣަނީމާ ކުރަން އަޅުގަނޑުމެން ތައްޔާރުތޯއެވެ؟ އެހެންކަމަށްވާނަމަ، ހިތާއި ރޫޙާ، ޖަނާއި މާލުން މި މަހުގެ މަތިވެރިކަން ޙާޞިލުކުރަން ތައްޔާރުވާން އެބަޖެހެއެވެ. މިފަދަ އެހެން ފުރުޞަތެއް ދެން ނުލިބިދާނެއެވެ. މަރު އަންނާނެ އިރެއް އެއްވެސް މީހަކަށް ނޭނގެއެވެ. އެހެންކަމުން، އިލާހީ މަތިވެރި މިފަދަ ދެއްވުންތައް އަޅުގަނޑުމެން ޤަބޫލުކުރަން ކަމަރު ބަދެލަންވާނެއެވެ.

ކޮންމެއަކަސް މިފަދަ މަތިވެރި މަހަކަށް މަރްޙާބާ ކިޔިދާނެ ވަރަށް ގިނަ ގޮތްގޮތް ހުންނާނެއެވެ. އެގޮތުން އަޅުގަނޑުގެ ނިކަމެތި ސިކުނޑިއަށް އައި މަދު ކަމެއް މިތަނުގައި ހިމަނާލާނަމެވެ.

1 – ތެދުވެރި ތައުބާއަކުން ތައުބާވުން:

އަޅާއަށް ފާފައެއް ކުރެވިއްޖެނަމަ ތައުބާވުމަކީ ވާޖިބެކެވެ. އަދި އެނގިގެން ފާފައެއް ކުރެވިފައި ނުވިކަމުގައި ވިޔަސް އަބަދުމެ ތައުބާމަތީގައި ހުރުމަކީ މާތް ނަބިއްޔާ صلى الله عليه وسلم އުއްމަތަށް ދަސްކޮށްދެއްވާފައިވާ ވަރަށް މަތިވެރި ނަމޫނާއެކެވެ. އެހެންކަމުން، ތައުބާވުމާއި އިސްތިޣްފާރުކުރުން މަތީގައި އަބަދުމެ ތިބެވޭތޯ އަޅުގަނޑުމެން ބަލަންވާނެއެވެ.  އެއީ މިމަހަށް ވަކިން ޙާއްޞަކުރެވިފައިވާ ކަމެއް ނޫނެވެ. ނަމަވެސް، މިކުރިމަތިވަނީ ބަރަކާތްތެރި މަހެއް ކަމުން މިމަހާ ބައްދަލުވާ ހިނދު އިތުރަށް ހިތް ނިޔަށް ސާފުކޮށް ތައުބާވުމީ މިމާތް މަހަށް އަދާކުރެވޭ އެންމެ ފުރިހަމަ މެހެމާންދާރީކަމުގައި ވެގެންދާނެ ކަމާމެދު އެއްވެސް ޝައްކެއްނެތެވެ.

2 – ގިނަގިނައިން ދުޢާކުރުން:

މި އުތްމަތުގެ ބައެއް ސަލަފުއްޞާލިޙުންގެ ފަރާތުން ވާރިދުވެގެންެވެއެވެ. ރޯދަ މަސް ޖެހެން ހައެއްކަ މަހަށް ވުމުން އެބޭކަލުން މާތް ﷲ ގެ ޙަޟްރަތަށް ކުރިޔަށް އޮތް ރޯދަމަސް އެބޭކަލުންނަށް މިންވަރުކޮށްދެއްވުމަށް އެދި ދުޢާ ކުރައްވައެވެ. އަދި ރޯދަމަސް ނިމުމުން އަނެއް ފަސްވަރަކަށް މަހު، އެރޯދަ މަހުގައި ހިފި ރޯދައާއި ކުޅަ އަޅުކަންތައް ޤަބޫލުކުރެއްވާތޯ މާތް ﷲ ގެ ޙަޟްރަތަށް ދުއްވާ ކުރައްވަތެވެ.

މިކަމަށް އަޅުގަނޑުމެން ބޭނުން ޖެހިފައިވާލެއް އެބޭކަލުންނަށް ވުރެން ބޮޑެވެ. އެހެނީ، އީމާނާއި ތަޤްވާވެގޮތުން އެބޭކަލުންނަށްވުރެ ފަހަތުގައި އަޅުގަނޑުމެންނަށް ތިބެވޭތީއެވެ. އަދި ފާފަކުރުންވެސް އެބޭކަލުންނަށް ވުރެ އަޅުގަނޑުމެންގެ ތެރޭގައި ޢާންމުވެފައިވުމެވެ. އެހެންކަމުން، ރަަމަޟާންމަހުގައި އޮއްސައިލެވޭ އިލާހީ ރަޙްމަތަށް އެންމެ ބޭނުންޖެހިފައިވާ ބަޔަކީ އަޅުގަނޑުމެންކަމާ މެދު އެއްވެސް ޝައްކެއްނެތެވެ.

ވުމާއެކު، ވީހާވެސް ގިނަގިނައިން މާތް ﷲ ގެ ޙަޟްރަތަށް ދެއަތް އުފުލާ، މި މަހުގެ މަތިވެރިކަން ޙާޞިލުވާބަޔަކުކަމުގައި އަޅުގަނޑުމެން ލެއްވުން އެދި ދުޢާކުރުން އެދިވިގެންވެއެވެ.

3 – މިމަތިވެރި މާތް މައްސަރާއި ބައްދަލުވާތީ އެކަމާ އުފާކުރުން:

މާތްﷲ ގެ ނިޢުމަތްތަކުގެ ތެރެއިން މުސްލިމުއަޅާއާ ބައްދަލުކުރާ ވަރަށްވެސް ޙާއްޞަ އަދި ބޮޑު ނިޢުމަތެއްކަމުގައި މިމަސް އޭނަޔާ ބައްދަލުކުރުންވެގެންދެއެވެ. އެހެނީ މިއީ ހެޔޮކަމުގެ މޫސުމެވެ. ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވާލެވޭ މޫސުމެކެވެ. ނަރަކާއިގެ ދޮރުތައް ބަންދުކުރެވޭ މޫސުމެކެވެ. މާތް ﷲގެ ރަޙުމަތް އޮއްސާލެވޭ މޫސުމެކެވެ. އުފާވެރިކަމުގެ މޫސުމެކެވެ.

އެހެންކަމުން، މި މައްސަރު ބައްދަލުވާތީ އެކަމާ އުފާކުރުމަކީވެސް ހެޔޮ ރަނގަޅު ޞާލިޙު ޢަމަލެއް ކަމުގައި މެނުވީ ނުވާނެއެވެ. އަދި މި އުފާ ކުރުމަކީ އެ މައްސަރު އައިސް ބައްދަލުވުމުން އަޅުކަމުގައި ހީވާގިވުމަށް ލިބޭނެ ހިއްވަރެއްކަމާމެދަކުވެސް ޝައްކެއްނެތެވެ. އެފަދަ އަޅަކު ހުންނާނީ، މި މަހަށްޓަކައި އޭނާގެ ހިތާއި ރޫޙު ފުރިހަމައަށް ހުޅުވާލައިގެންނެވެ.

4- ރޯދަމަހުގެ ޙުކުމްތަކާއި ބެހޭގޮތުން ބަލައި އޮޅުންފިލުވުން:

ރޯދަމަހުގެ ޘަވާބާއި ދަރުމަ ހޯދުމަށް ކުރެވިދާނެ އެންމެ ފުރަތަމަ ކަމަކީ، ރޯދަ މަސް ބައްދަލުވުމުގެ ކުރިން ރޯދައާ ބެހޭގޮތުން ހުރި ރޯދާގެ އަޙްކާމްތައް ބަލައި މުޠާލިޢާކުރުމެވެ. އެގޮތުން ރޯދާ ބެހޭގޮތުން ޢިލްމުވެރީން ލިޔުއްވާފައި ހުންނަ ލިޔުންވުންތައް ކިޔުމާއި ރޯދަމަހާ ގުޅޭގޮތުން ބޭއްވޭ ޙާއްޞަ ދަރުސްތަކުގައި ބައިވެރިވުން ހިމެނެއެވެ. އެހެނީ، މިކަމުގެ ސަބަބުން ތިބާގެ ރޯދާގެ ފިޤުހު އިތުރުވެ ރޯދަ ފުރިހަމަ ގޮތުގައި ހިފުމުގެ ތައުފީޤު ލިބިގެންދާނެއެވެ. އަދި ތިމާއަށް އެނގޭ މިންވަރުން ރޯދައާ ބެހޭގޮތުން އަނބިދަރީންނަށް އުގަންނައިދިނުންވެސް މީގެ ތެރޭގައި ހިމެނެއެވެ. އެނގޭ އެއްޗެހި އެހެންމީހުންނަށް ބުނެދިނުމަކީ އެމަޢުލޫމާތުތައް ސިނކުޑީގައި ހަރުލާނެ ކަމެކެވެ.

5- ޝަޢުބާން މަހުގެ ސުންނަތް ރޯދަހިފުން:

عَنْ أُسَامَة بْن زَيْدٍ قَالَ : قُلْتُ : يَا رَسُولَ اللَّهِ لَمْ أَرَكَ تَصُومُ شَهْرًا مِنْ الشُّهُورِ مَا تَصُومُ مِنْ شَعْبَانَ ، قَالَ : ( ذَلِكَ شَهْرٌ يَغْفُلُ النَّاسُ عَنْهُ بَيْنَ رَجَبٍ وَرَمَضَانَ ، وَهُوَ شَهْرٌ تُرْفَعُ فِيهِ الأَعْمَالُ إِلَى رَبِّ الْعَالَمِينَ فَأُحِبُّ أَنْ يُرْفَعَ عَمَلِي وَأَنَا صَائِمٌ )

މާނައީ: މާތް ﷲ ރުއްސުންލެއްވި أسامة بن زيد ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއެވެ. ޝަޢުބާން މަހު ކަލޭގެފާނު ރޯދަ ހިއްޕަވާ ފަދައިން އެހެން މަހެއްގައި ތިފަދަ ގޮތަކަށް ރޯދަ ހިއްޕަވާ ތަނެއް ނުފެނެއެވެ. ޙަދީޡްފުޅުކުރެއްވިއެވެ:( އެމަހަކީ މީސްތަކުން އެމަހަކާ މެދު ޣާފިލުވެފައިވާ މަހެކެވެ. އެއީ ރަޖަބުމަހާއި ރަމަޟާންމަހާ ދެމެދެވެ. އަދި އެމަހަކީ ޢާލަމްތަކުގެ ވެރި ރައްބަށް އަޅާގެ ޢަމަލުތައް އުފުއްލެވޭ މަހެވެ. އެހެންކަމުން ތިމަންކަލޭގެފާނުގެ ޢަމަލު އުފުއްލެވޭއިރު ރޯދައަށް ހުންނެވުމަށް ތިމަންކަލޭގެފާނު ލޯބިކުރައްވަމެވެ.)

ޝަޢުބާން މަހުގައި އެކަލޭގެފާނު (ޞައްލަﷲ ޢަލަހި ވަސައްލަމް) އާދަޔާޚިލާފަށް ރޯދަ ހިއްޕެވުމުގެ ޙިކުމަތް ވަރަށް ސާފުކޮށް ޙަދީޡުން ބަޔާންވެގެން ހިނގައްޖެއެވެ. އެއީ އެމަހުގައި އަޅުތަކުންގެ ޢަމަލު ﷲގެ ޙަޟްރަތަށް އުފުއްލެވޭ މަސް ކަމަށްވާތީއެވެ. ނަމަވެސް މިއަށް ޢިލްމުވެރީން އިތުރުކުރައްވާ އެހެން ޙިކުމަތެއް ވެސް ވެއެވެ. އެއީ ފަރުޟު ނަމާދުތަކުގެ ކުރިން އިހު ސުންނަތް ކުރާ ފަދައިން ކުރެވޭ ކަމެއްގެ ގޮތުގައިވުމެވެ. ފަރުޟު ނަމާދުގެ ކުރީން ސުންނަތް ކުރުމަކީ ނަމާދަށް ތިމާގެ ޚުޝޫޢަތްތެރިކަން އިތުރުވެ، ފަރުޟު ނަމާދަށް އިތުރު ސަމާލުކަމެއްދެވި ފުރިހަމައަށް ތައްޔާރީވާން ލިބޭތީއެވެ. ހަމަ އެގޮތަށް ޝައުބާން މަހު ރޯދަ ހިފުމަކީ ރަމަޟާން މަހަށް ވެވޭ ތަމްރީނެއްގެ ގޮތުގައި ބައެއް ޢިލްމުވެރީން ސިފަކުރައްވައެވެ.

ކޮންމެއަކަސް އިސްވެ ބަޔާންވެގެންދިޔައީ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ކުރެވިދާނެ މުހިންމު ބައެއް ކަންކަމެވެ. މީގެ އިތުރުންވެސް ކުރެވިދާނެ ގިނަ މޮޅެތި ކަންކަން ހުރެދާނެ ކަމާމެދު ޝައްކެއްނެތެވެ. އެހެންކަމުން، އެފަދަ ރަނގަޅު ހެޔޮ ގޮތްގޮތަށް މި މަހަށް މަރުހަބާ ކިޔުމަށް ހުރިހާ އަޚުންނާއި އުޚުތުންނަށް ވަޞިއްޔަތް ކުރާ ހާލު ޙަމްދާއި ޞަލަވާތާއި ސަލާމުން ލިޔުން ނިންމާލަމެވެ.

ޚިޔާލު ފައުޅުކުރުން