ޤާނޫނުލް ޢުޤޫބާތުގެ 123 ވަނަ މާއްދާއަށް ހުށަހެޅިފައިވާ އިޞްލާޙާ މެދު ދީނީ އަދި ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގެ ނަޒަރަކުން.

 

މި ލިޔުމުގައި އަޅުގަނޑު ބަލައިލަން މި އުޅެނީ މިހާރު ސަރުކާރުން ޤާނޫނުލް ޢުޤޫބާތުގެ 123 ވަނަ މާއްދާއަށްް ހުށަހަޅާފައިވާ އިޞްލާޙާ މެދުއެވެ. މި އިޞްލާޙަށް އަޅުގަނޑު ބަލައިލާފައި ވާނީ ދީނީ އަދި ޤާނޫނީ ނަޒަރަކުންނެވެ. ދީނީ އަދި ޤާނޫނީ ބައެއް ބޭފުޅުންގެ މަޝްވަރާތައް ވެސް މިކަމުގައި ހޯދައިފައި ވާނެއެވެ. އަދި އެހުރިހާ ކަމަކަށް ބިނާ ކޮށް މީގައި ހިމެނިފައިވާ ވާހަކަތަކަކީ އަޅުގަނޑު މި މައްސަލައާ މެދު ދީނީ ގޮތުންނާއި ޤަނޫނީ ގޮތުން ދެކޭ ގޮތެވެ.

އަޅުގަނޑު އެދެނީ މި ލިޔުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ ހަމައަށް ފޯރުމެވެ. އަދި ކިޔުންތެރިންގެ އަރިހުން ވެސް އެދެނީ މި ލިޔުން އެބޭފުޅެއްގެ ދާއިރާގެ މަމްބަރުންނަށް ފޯރުކޮށްދެއްވުމެވެ.

އެހެންކަމުން، އިތުރަށް ދިގު ނުކޮށް ލިޔުމާއިގެން ކުރިޔަށް ދާނަމެވެ.

ޤާނޫނުލް ޢުޤޫބާތުގެ 123 ވަނަ މާއްދާގެ (ހ)ގެ 1 ވަނަ ނަންބަރަށް ހުށަހެޅިފައިވާ ފުރަތަމަ ދެ ނުކުތާއަށް ދީނީ ނަޒަރަކުން:

އާދެ، ސަރުކާރުން ޤާނޫނުލް ޢުޤޫބާތުގެ 123 ވަނަ މާއްދާގެ (ހ)ގެ 1 ނަންބަރަށް ހުށަހަޅާފައިވާ ފުރަތަމަ ދެ ނުކުތާގައި ވަނީ ” ޢާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ޚިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ ދެކޮޅު މީހަކު ކަމަށް ތުހުމަތު ކުރުން؛ ނުވަތަ އިސްލާމީ ޢަޤީދާއާ ގުޅުވައި މުޖުތަމަޢުގައި މީހަކާމެދު ނަފްރަތު އުފެއްދުން” މިފަދައިންނެވެ.

 

 

މި ދެ ނުކުތާއަށް ނަޒަރު ހިންގާލާއިރު ދީނީގޮތުން ފާހަގަވާ ބައެއް ނުކުތާތައް ފާހަގަކޮށްލާނަމެވެ.

1- އިސްލާމްދީނަކީ ފުރިހަމަ ޝަރީޢަތެއްގެ މައްޗަށް އެކުލެވިފައިވާ ޝަރީޢަތެއް ކަން އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކަށް ވެސް އެނގޭނެއެވެ. މި ދީނުގައި މަތިވެރި އުސޫލުތަކެއް ކަނޑައެޅިފައިވެއެވެ. ޤަވާޢިދުތަކެއް ކަނޑައެޅިފައިވެއެވެ. ދީނީ ޙުކުމްފުޅުތައް ކީރިތި ޤުރުއާނާއި މާތް ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތުން ޝައްކެއް ނެތް މިންވަރަށް އެނގެން އެބަ އޮތެވެ. އެގޮތުން ބަލާއިރު، ޒިނޭ ކުރުމަކީ ޙަރާމް ކަމެކެވެ. އެއީ ހުއްދަ ކަމެކޭ އެއްވެސް މީހަކަށް ނުބުނެވޭނެއެވެ. އެހެން ބުނެފި ނަމަ، އޭނައަކީ އިސްލާމްދީނާ ޚިލާފުވެއްޖެ މީހެކެވެ. އެ ދީނުގެ ޤަޠުޢީ ޙުކުމްފުޅަކާ ޚިލާފުވެއްޖެ މީހެކެވެ. ހަމައެފަދައިން ދެން ހުރި ހުރިހާ ޤަޠުޢީ ޙުކުމްފުޅުތަކެއް ވެސް މީގެ ތެރޭގައި ހިމެނިދާނެއެވެ. ވައްކަން ކުރުމުގެ ޙައްދާއި، ޤިޞާޞްގެ ޙައްދާއި، ޚިރާބާގެ ޙައްދާއި މިހެން ގޮސް ޤަޠުޢީ ހުރިހާ ޙުކުމްފުޅެކެވެ. އެއާ ދެކޮޅަށް މީހަކަށް ވާހަކައެއް ނުދެއްކޭނެއެވެ. ދައްކާ މީހަކު އެ ދަނީ އިސްލާމްދީނާ ޚިލާފަށެވެ. ދީނުގެ ޙުކުމްފުޅުތަކާ ޚިލާފަށެވެ. އަދި، އެފަދައިން މީހަކު ކަންކަން ކުރާ ނަމަ، އެކަންކަމަކީ ދީނާ ޚިލާފު ކަމެކޭ ބުނެވޭނެއެވެ. އެއީ އިސްލާމްދީނުގައި އޮތް الأمر بالمعروف والنهي عن المنكر ގެ މަބްދައުގެ ދަށުންނެވެ. ހެޔޮ ކަންތައްތައް އަމުރު ކުރުމާއި ނުބައި ކަންތައްތައް ނަހީ ކުރުމުގެ އަސާސުގެ ދަށުންނެވެ.

2- މިހާރު ހުށަހެޅިފައިވާ އިޞްލާޙުން ނުކުންނާނެ ދީނާ ޚިލާފު އެންމެ ބޮޑު ކަމަކީ، މާތް ﷲ ގެ ޒާތުފުޅާއި، އިސްލާމްދީނާއި، ނަބިއްޔާ صلى الله عليه وسلم އަށް ވެސް ފުރައްސާރަ ކުރާ މީހަކާ ދިމާލަށް ތިޔައީ ދީނާ ޚިލާފު މީހެކޭ ބުނުން ކުށަކަށް ވެގެން ދިޔުމެވެ. އަދި އެހެން ބުނުމުގެ ސަބަބުން ޖަލު ޙުކުމެއް އެމީހެއްގެ މައްޗަށް އައުމެވެ. މިއީ ކަނޑައެޅިގެން ދީނީ މި ދެންނެވި މަބްދައުތަކާއި، މުޖުތަމަޢަށް އެފަދަ މީހުންގެ ނުރައްކާތެރިކަމާ މެދު ސަމާލުވުމަށް އަންގައި އިންޒާރު ކުރުމަށް އޮތް އަސާސާ ޚިލާފު ނުކުތާއެކެވެ.

3- އަދި ހަމައެހެންމެ އިސްލާމްދީނާ ދެކޮޅަށް ވާހަކަދައްކައި، ކުރަހައި، މުޖުތަމަޢުގައި އިސްލާމީ އަޙްކާމުތަކާއި ޝިޢާރުތަކަށް ފުރައްސާރަ ކުރާ މީހުން އެކުރާ ކަންކަމުގެ ވާހަކަ ދެއްކުން ވެސް އެ ހިސާބުން މަނާވީއެވެ. ނަމަވެސް، މިއީ ދީނީ ގޮތުން މުޖުތަޢެއްގެ ހަލާކުވެ ފަސާދުވެގެން ދާނެ ކަމެކެވެ. މުންކަރާތް ނަހީ ކުރެވެން ޖެހޭނެއެވެ. އެފަދަ މީހުން އެ ކަންކަމުން ދުރުނުވާ ނަމަ، އެމީހުންގެ ވާހަކަ އާންމު ތަންތަނުގައި ވެސް ދެއްކޭނެއެވެ. މީހުންނަށް އެބައިމީހުންނާ މެދު އިންޒާރު ވެސް ކުރެވޭނެއެވެ. އެބައިމީހުންގެ ނުބައި ވިސްނުމާއި ދީނާ އިދިކީލަ ވާހަކަތަކުން ދުރުވުމަށް ގޮވައިލެވޭނެއެވެ. އެއީ ދީނީ ގޮތުން ބައެއް ޙާލަތްތަކުގައި ވާޖިބެކެވެ.

އެހެންކަމުން، މި ނުކުތާ އަކީ އިސްލާމްދީނުގައިވާ އަސާސީ އެއް ސިފަ ނައްތައިލެވޭ ނުކުތާއެއް ކަމަށް ފާހަގަކުރެވެއެވެ.

4- މިކަމުގެ ހިތި ނަތީޖާ އަކަށް ވެގެން ދާނެ ކަމަށް ލަފާ ކުރެވެނީ ދިވެހި މުސްލިމް ރައްޔިތުންގެ ހިތުގައި އިސްލާމްދީނަށްޓަކައި އޮންނަ ޣީރަތްތެރިކަން ހީނަރުވެގެން ދިޔުމެވެ. އެހެނީ، މުންކަރާތްތައް ލޮލު ކުރިމަތިން ފެނިގެން ދިޔަޔަސް އެކަންކަމާ ވާހަކަ ދެއްކުމަކީ މަނާ ކަމެކެވެ. އެކަމުގެ ސަބަބުން މުޖުތަމަޢުގައި ދީނަށް ދެވިފައިވާ ޙުރުމަތާއި ޤަދަރު ކުޑަވެގެން ދާނެކަން ކަށަވަރެވެ.

5- ދެން ނުކުންނާނެ ނަތީޖާއަކީ މިހާރު ވެސް އިސްލާމްދީނާ ދެކޮޅަށް ވާހަކަ ދައްކާ މީހުންނަށް އިތުރު ހިތްވަރެއް ލިބިގެން ދިޔުމެވެ. މުލްޙިދުންނާއި އިސްލާމީ އުސޫލުތައް ޤަބޫލުނުކުރާ މީހުންނާއި ޢަލްމާނީން ދީނުގެ ޙުކުމްފުޅުތަކާއި ޝިޢާރުތަކަށް ހިތު ހުރި ގޮތަކަށް އަރައިގަތުމަށް ބާރު ލިބިގެން ދިޔުމެވެ. މިހާރު ވެސް މި ނުކުތާގެ ސަބަބުން އުފާ ފާޅުކޮށް އެކަމާ އެއްކޮޅަށް އެބައިމީހުންގެ ތެރެއިން ވާހަކަ ދައްކާ މީހުން ގިނައެވެ.

ނަމަވެސް، ދީނާ ޚިލާފު މީހުން ކުރާ އެފަދަ ކަންކަން މަނާކޮށް ކުށަކަށް ހަދާފައިވާ މާއްދާއެއް ވެސް ޤާނޫނުލްޢުޤޫބާތުގައި ވޭ ނޫންތޯއޭ ވެސް ބައެއް މީހުން ބުނެފާނެއެވެ. ނަމަވެސް އެ ބުނާ މާއްދާއަކީ ވަރަށް ބޮޑަށް ހަނިކުރެވިފައިވާ މާއްދާއެކެވެ. އޭގައި ވަނީ ދީނަށް ތައުހީނު ކުރުމުގެ ނިޔަތުގައި އެފަދަ ކަންކަން ކުރުމަކީ މަނާ ކަމެއްގެ ގޮތުގައެވެ. މުޖުތަމަޢުގައި ކަންކަން ހިނގާގޮތަށް ބަލާއިރު، ކޮންމެ މީހަކު ކޮންމެ ފަދަ އެއްޗެއް ވެސް ދީނާ ދެކޮޅަށް ކިޔާފައި، ކުރަހާފައި، މަލާމާތްކޮށްފައި، ތިމާ އެކަން ކުރީ ދީނަށް ތައުހީނު ކުރުމުގެ ނިޔަތުގައެއް ނޫނޭ ބުނުމުން އެއޮތީ އެކަމުން ރެކިގަނެވިފައެވެ. ވުމާއެކު، އެ މާއްދާ އޮތީ ދީނަށް ފުރައްސާރަ ކުރާ އެއްވެސް މީހަކު ކުށްވެރިވާ ގޮތަކަށް ނޫނެވެ.

އޭގެ ބަދަލުގައި މިހާރު “ނަފުރަތުގެ ޢަމަލު ހިންގުން” އެއީ ކުށެއްކަމަށް ބަޔާން ކުރަން އެކުލަވައިލި މާއްދާގައި އެ އޮތީ ވަރަށް ބޮޑަށް ފުޅާ ކުރެވިފައެވެ. އޭގައި ނިޔަތަކަަށް ވެސް ބަލާކަށް ނުޖެހެއެވެ. ދައްކަމުން މި ދަނީ ވެސް އެ އިޞްލާޙުގައި ހުރި ދީނީގޮތުންނާއި ޤާނޫނީ ގޮތުން ހުރި މައްސަލަތަކުގެ ވާހަކަ ނޫންތޯއެވެ؟

6- މިފަދަ ހާލަތެއްގައި ކަންކަން އޮތް ހިނދު މިކަމުން ދީނަށް ފުރައްސާރަ ކުރާ މުލްޙިދުންނާއި ޢަމްލާނީ ސެކިއުލާ މީހުންނަށް ލިބިގެން އެ ދަނީ އެނެއްކާވެސް ވަރަށް ބޮޑު ފެހި ސިގުނަލެއް ކަމުގައި ނޫނީ ނުވާނެއެވެ. މިކަންކަމުގެ އާޚިރު ނަތީޖާތަކަކަށް ވާނީ ހައްދުފަނަހައަޅަދާ ފިކުރު ވެސް އިތުރަށް އުފެދިގެން ދިޔުމެވެ. އަދި ބައެއް ޒުވާނުން އެބައިމީހުންގެ އަމިއްލަ އަތުން މި ދެންނެވި ދީނަށް ފުރައްސާރަ ކުރާ މީހުންނަށް ޙުކުމް ޖެހުމާއި އެބައިމީހުންގެ ފުރާނަތަކަށް ގެއްލުން ދޭން މަސައްކަތް ކުރުން ވެސް އެކަށީގެންވެއެވެ.

އެހެންކަމުން، ނަފްރާތައި ރުޅިވެރިކަން މުޖުތަމަޢުން މަދުކުރަން ނުވަތަ ފޮހެލަން ލެވިގެން ދާ އިޞްލާޙެއްގެ އާޚިރު ނަތީޖާ އަކީ އިތުރު ރުޅިވެރިކަމާއި ނަފްރަތު އުފެދިގެން ދިޔުން ކަމަށް ވާ ނަމަ، އެއީ އަދި ކިހައި ބޮޑު ގޯހެއް ނޫންތޯއެވެ؟ ނަފްރަތާއި ރުޅިވެރިކަން މުޖުތަމަޢުން ނައްތައިލެވޭނީ ޢަދުުލުވެރިކަމާއެކު މިހިރަ ހުރިހާ ދިމަދިމާލަކަށް ވެސް ފަރުވާ ދެވިގެންނެވެ. އެއް ބަޔަކު އޮބިއަޅުވާފައި އެނެއް ބަޔަކު ބޭނުންހާ ގޮތަކަށް އުޅެން ދޫކޮށްލުމުގެ ނަތީޖާ މުޖުތަމަޢުން ފެނިގެން ދާނީ އަޅުގަނޑުމެން ހީ ވެސް ނުކުރާހާ ނުބައިކޮށެވެ. ދުނިޔޭގެ ބައެއް ޤައުމުތަކަށް ވެފައި ވަނީ ވެސް އެހެންނެވެ.

ދީނީ ނަޒަރަކުން އިސްވެ މި ދެންނެވި ކަންކަން ޚުލާޞާ ކޮށްލާއިރު، ދެންނެވެން އޮތީ، ހުށަހެޅިފައިވާ އިޞްލާޙަކީ އިސްލާމްދީނާ ޚިލާފު، ދިވެހިންގެ ދީނީ ޝަޚްޞިއްތަށް ގެއްލުން ދެނިވި، އަދި ދީނާ ދެކޮޅު މީހުންނަށް އިތުރު ޙިމާޔަތެއް ލިބިގެން ދާނެ އިޞްލާޙެއް ކަމުގައެވެ.

 

ޤާނޫނުލް ޢުޤޫބާތުގެ 123 ވަނަ މާއްދާގެ (ހ)ގެ 1 ވަނަ ނަންބަރަށް ހުށަހެޅިފައިވާ އިޞްލާޙާއި މެދު ޤާނޫނީ ނަޒަރަކުން ބަލާއިރު

1- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 10ވަނަ މާއްދާގެ (ހ) އާއި (ށ) އަށް ރިޢާޔަތް ކުރާއިރު، ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަޞްދަރަކީ އިސްލާމީ ޝަރީޢާ ކަމަށް ވެފައި، އިސްލާމްދީނުގެ އަސްލަކާއި ޚިލާފަށް އެއްވެސް ޤާނޫނެއް ނުހެދޭނެކަމަށް ޤާނޫނުގެ ޞަރީޙަ ނައްޞުން ބަޔާންކުރާ ހިނދު، އިސްލާމްދީނާ ޚިލާފު ވާހަކަ ދެއްކުމާއި ދީނަށް ފުރައްސާރަކޮށް ހަޖޫ ޖެހުމާއި، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާ ވެސް ޚިލާފަށް ލާދީނިއްޔަތު (ސެކިއުލަރިޒަމް) ފަތުރަން މަސައްކަތްކުރާނަމަ، އިސްލާމީ ނިޒާމުގެ އަލްއަމްރު ބިލްމަޢުރޫފި ވައްނަހުޔު ޢަނިލްމުންކަރި (ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންކަން ނަހީކުރުން) މިޤާޢިދާގެ ދަށުން ދައްކަން ޖެހޭ ވާހަކައެއް ދެއްކުމަކީ ކުށެއްކަމުގައި ކަނޑައެޅުމުން ޤާނޫނު އަސާސީގެ 10 ވަނަ މާއްދާއާ ޚިލާފުވާނެއެވެ. އަދި ހަމަ އެއާ އެކު ދީނަށް ފުރައްސާރަ ކުރުމާއި އަދި މުސްލިމުންގެ ނަމުގައި ތިބެގެން މީސްތަކުންނަށް ދީން އޮޅުވާލަން އުޅޭ މީހުންކުރާ ކުށްތައް ބަޔާންކުރުމަށް ހުރަސް އެޅޭނެއެވެ.

2- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫން އަސާސީގެ 27 ވަނަ މާއްދާގައި އިސްލާމްދީނުގެ އަސްލަކާ ޚިލާފު ނުވާނެ ގޮތެއްގެ މަތިން މިނިވަންކަމާ އެކު ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ލިބިދީފައިވާ ހިނދު، ދީނަށް ކުޑައިމީސް ބަސްބުނެ ދީނުގެ އަސްލުތައް މީސްތަކުންނަށް އޮޅުވައިލާ ބަޔަކު އެކުރާ ކަމަކީ ޤާނޫނު އަސާސީގެ 27 ވަނަ މާއްދާ އާ ޚިލާފުކަމެއްކަން ބަޔާންކުރެވެން ޖެހޭނެއެވެ.

3- ޤާނޫނީ މަބުދައެއް ކަމަށްވާ ކުށެއް ކުރިކަން ސާބިތު ނުވާ ކޮންމެ މީހަކީ ކުށެއް ނުކުރާ މީހެއް ކަމާއި، ކުށެއްގެ ތުހުމަތު ކުރެވޭ މީހާ އަކީ އަދި ކުށެއް ކުރި މީހެއް ކަމަށް ނުބެލުމަށް ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގެ ތެރެއިން، ޤާނޫނު އަސާސީ އާއި ޤާނޫނުލް ޢުޤޫބާތާއި އަދި ޖިނާއީ އިޖުރާތުގެ ޤާނޫނުތަކުގައި ބަޔާންކުރެވިފައި ވަނީ، ޤާނޫނީ ގޮތުން ކުށެއް ކަމަށް ކަނޑައެޅިފައިވާ ކަމެއް މީހަކު ކުރިކަމުގެ ތުހުމަތު ކޮށްގެން މެނުވީ މީހަކުގެ މައްޗަށް ޖިނާއީ ތަހުޤީޤެއް ނުހިނގޭނެތީވެއެވެ. އެހެން ކަމުން މި ޤާނޫނީ މަބާދިއުތަކުގެ މައްޗަށް ބަލާއިރު މީހަކު ޤާނޫނީ ކުށެއް ކުރި ކަމަށް ތުހުމަތު ކުރުމަކީ ކުށަކަށް ވުމުން އެކުށް ކުރާ މީހާ ކުށުގައި ދެމިހުއްޓަސް އެމީހާއަށް ހަމަ އެއްވެސް ފިޔަވަޅެއް ނޭޅޭނެއެވެ. އެކަމުގެ ސަބަބުން ޤާނޫނީ ނިޒާމުގެ ބާރު ކެނޑުނީއެވެ.

 

ނިންމާލުން:

ދިމާވެގެން މިއުޅޭ މައްސަލައަކީ ހޭޓް ސްޕީޗް ނުވަތަ ނަފުރަތާއި ފިތުނައާއި ރުޅިވެރިކަން އުފެއްދުމުގެ މައްސަލައެވެ. އެކަމުގެ ޙައްލަކީ ނަފުރަތާއި ފިތުނައާއި ރުޅިވެރިކަން ހުއްޓުވުމެވެ. ކަމުގެ އަސްލަށް ވާސިލުވުމެވެ. މި މައްސަލައިގެ ރޫޓް ކޯސް ނުވަތަ އަސްލަކީ އެއްވެސް ޙައްދެއް ނެތި އެއްވެސް ހިފެހެއްޓުމެއް އުޞޫލެއް ނެތި ސިޔާސީ ބޭނުންތަކަށް މީހުންގެ މައްޗަށް ޤާޠިލުންގެ ލަޤަބާ އެކިއެކި ޖަނަވާރުގެ ލަޤަބާއި އަދި ހުތުރުހައި އެތަކެއް ދޮގު ވާހަކަ ދެއްކުމެވެ. އަދި ހަމަ އެއާ އެކު މިފަދަ ހުތުރު ދޮގު އަދި ސީދާ އިސްލާމްދީނާއި ޚިލާފަށް ވާހަކަ ދައްކާ މީހުންނާ ދޭތެރޭގައި ފިޔަވަޅު ނޭޅުމެވެ. އެކަމުގެ ސަބަބުން މުޖުތަމަޢުގެ ތެރޭގައި ފިތުނަވެރިކަން އިތުރަށް ބޮޑުވެ މީސްތަކުން ބައިބައި ވެއްޖެއެވެ. މި އިޞްލާޙުގެ ޑްރާފްޓު ކިޔާލާއިރު ހީވަނީ ހޭޓް ސްޕީޗަކީ ހަމައެކަނި މީހަކާ ދިމާލަށް ލާދީނީ އޭ ގޮވުންހެންނެވެ. ނުވަތަ ދީނީ ގޮތުން ކަމެއްގެ ޙުކުމް ބަޔާން ކުރުންކަން އެކަންޏެވެ.

އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުތަކާ ޚިލާފަށް ވަކި މެންޑޭޓެއްގެ ދަށުން އިސްލާމަފޯބިއާގެ ވިސްނުމުގެ މައްޗަށް ބިނާވެގެން، ޓެރަރިޒަމްވެސް ހޭޓް ސްޕީޗުވެސް މާނަކުރުވަން މިއުޅެނީ އެއީ އިސްލާމްދީނާ ނުވަތަ އިސްލާމުންގެ މައްސަލައެެއް ކަމަށް ދޭހަވާ ގޮތަށެވެ. ސަރުކާރުގެ ތެރެއަށް ވަކިހިއްޕާލައިފައި މިވާ މިފަދަ ދެތިން ފަރާތެއްގެ ސަބަބުން މިފަދަ ޕޮލިސީތައް ރައްޔިތުން ތަހައްމަލު ކުރަން ޖެހުމަކީ ރައްޔިތުންގެ މެދުގައި އިނތިހާއަށް ކަނބޮޑުވުމާއި ހާސްކަން އޮތްކަމެކެވެ.

ދިވެހިރާއްޖޭގެ އެއްވެސް ދީނީ ޢިލްމުވެރިޔަކު އަދި ދިވެއްސަކު ވެސް މުސްލިމަކު ކާފަރު ކުރާކަށް އަދި އެއްވެސް މީހަކު ޤާނޫނީ ނިޒާމުގެ ބޭރުން ކޯޓުގެ ޙުކުމެއްނެތި އަމިއްލަ އަމިއްލައަށް މީހުންނަށް އަދަބު ދެމުން ނުވަތަ އަނިޔާއެއް ދޭކަށް ވެސް ނޭދޭނެ ކަން ޔަޤީނެވެ. ރާއްޖޭގެ ދީނީ ޢިލްމުވެރިން ވެސް ބަޔާން ކުރަނީ ދީނާ ޚިލާފު ވާހަކަ ދައްކާނަމަ އެކަމެވެ. އަދި ސެކިއުލާރ ނިޒާމު ނުވަތަ ލާދީނިއްޔަތު (ސިޔާސަތާއި ދީން ވަކިކުރުމުގެ) ނިޒާމު ފަތުރައި އިސްލާމީ ޤާނޫނީ ނިޒާމު ފޮހެލަން މަސައްކަތްކުރާ މީހުން އެކުރަނީ ލާދީނީ ކަމެއްކަން ބަޔާން ކުރުމެވެ.

ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ މިދިވެހިރާއްޖޭގައި މި ވީހާތަނަށް ހިނގާފައިވާ ބޮޑެތި ގިނަ ނޭއްގާނީ ޖަރީމާތަކަކީ ކޮންމެ ބަޔަކު ލައްވާ ކުރުވި ނަމަވެސް، ސިޔާސީ ބޭނުންތަކަށް ކުރުވާފައިވާ ކަންކަން ކަމެވެ. އަދި އެފަދަ ބޮޑެތި އެއްވެސް ޖަރީމާއެއްގެ ޙަޤީޤަތް މިހާތަނަށް އެއްވެސް ސަރުކާރަކުން ވެސް ހޯދިފައި ނުވަނީ އެހެންވެގެން ކަމަށް ބެލުމުގެ ފުރުޞަތު ވެސް ކުޑައެއް ނޫނެވެ. އަނިޔާވެރިކަމާއެކު މީހުން މެރުމާއި، މީހުން ގެއްލުވާލުމާއި، އަދި ގޮވާތަކެތި ގެންގުޅެނީ ވެސް ހަމަ ސިޔާސީ އެކިއެކި ބޭނުންތަކަށެވެ.

ދިވެހިރާއްޖޭގެ ސިޔާސީ ނިޒާމު އިޞްލާޙުކޮށް އެއްވެސް ސިޔާސީ ޕާޓީއަކުން އެއްވެސް ސިޔާސީ މީހަކު ގާތްނުވާން ވާ އަދި އެކަމެއްގެ ޙުރުމަތް ނުކަނޑަން ވީ ޤައުމީ ކަންކަން ދެނެގަންނަން ވެއްޖެއެވެ. އެގޮތުން އިސްލާމްދީނާއި، ދިވެހިރާއްޖޭގެ ސިޔާދަތާއި، ދިފާޢީ ކަންކަމާއި ދިވެހިންގެ ޘަޤާފަތާއި މިފަދަ ކަންކަމަކީ ޙުރުމަތްތެރި ކަންކަން ކަމަށް ދެކެންވެއްޖެއެވެ. މިއީ ތަހުޒީބު އެހެނިހެން ބޮޑެތި ސިޔާސީ ވާދަވެރިކަން އޮތް ޤައުމުތަކުގައިވެސް ކަންކަން ކުރެވޭ ގޮތެވެ.

ޚިޔާލު ފައުޅުކުރުން