ޢަލްމާނީ ސެކިއުލާރ ފިކުރުގެ ނުރައްކާ ތަޢުލީމީ ނިޒާމަށް!

ޢަލްމާނީ ފިކުރު ނުވަތަ ސެކިއުލަރ ފިކުރަކީ އޭގެ ނުރައްކާތެރިކަން އިންތިހާއަށް އިސްލާމީ މުޖުތަމަޢުތަކަށް އޮތް ފިކުރެކެވެ. އެހެންކަމުން، މި ލިޔުމުގައި އަޅުގަނޑު ބަލައިލަން ގަސްދުކުރަނީ ޢަލްމާނީ ފިކުރު ނުވަތަ ސެކިއުލަރ ފިކުރުގެ ނުރައްކައުތެރިކަމާ މެދުއެވެ. ނަމަވެސް ލިޔުމުގެ މައިގަނޑަށް ދިޔުމުގެ ކުރިން، ޢަލްމާނީ ފިކުރަކީ ނުވަތަ ޢަލްމާނިއްޔަތަކީ ކޮބައިކަން ވަރަށް މުޚުތަޞަރުކޮށް ބަލައިލާނަމެވެ. ޢަލްމާނިއްޔަތުގެ މަފްހޫމާ މެދު އެހެން ލިޔުމެއްގައި ތަފްސީލީގޮތެއްގައި ލިޔުމުގެ ގަސްދު ވެސް އޮތުމާއެކުއެވެ.

އާދެ، ޢަލްމާނިއްޔަތު ނުވަތަ ސެކިއުލަރިޒަމަކީ، މުޖުތަމަޢު ބައްޓަން ކޮށް ހިންގުމުގައި، އަދި މުޖުތަމަޢު އޮންނާނޭ ގޮތް އެކަށައެޅުމުގައި، ތަޢުލީމީ ދާއިރާގެ ކަންކަމާއި، ސިޔާސީ ކަންކަމާއި އެފަދަ އެހެނިހެން ވެސް ކަންކަމުގައި، ދީނުގެ އެއްވެސް ދައުރެއް އޮވެގެން ނުވާނޭ ކަމަށް ދެކޭ ދެކުމަށް ނުވަތަ ފިކުރަށް ކިޔާ ނަމެކެވެ.

ޢަލްމާނީ ފިކުރުގެ ކުރު މަފްހޫމަކަށް ފަހު ދެން އަޅުގަނޑު ލިޔުމުގެ މައިގަނޑު މައުޟޫޢާއިގެން ކުރިޔަށް ދާނަމެވެ.

ޢަލްމާނީ ފިކުރަކީ އިސްލާމީ ޖީލުތައް ނެތިކޮށްލާނެ ފިކުރެއް:

ޢަލްމާނީ ފިކުރުން އިސްލާމީ މުޖުތަމަޢަކަށް ކުރިމަތިވާނެ އެންމެ ބޮޑު އެއް ނުރައްކަލަކީ، އިސްލާމީ ޖީލުތައް ޚަބާރުކޮށް ހަލާކުކޮށްލުމެވެ. އެކަން ކުރެވިގެން އަންނާނީ ތަޢުލީމުގެ ތެރެއިންނެވެ.

އިސްލާމީ ޖީލެއް ބިނާކުރުމުގެ އެންމެ މުހިއްމު އުންޞުރަކީ ޅަދަރީންނަށް ޅައިރުގައި ދެވޭ ތަޢުލީމާއި ތަރުބިއްޔަތެވެ. އެކުދިން ހިތުގައި މާތް ﷲ މަޢުރިފާކޮށް ދަނެގަތުމާއި، އެ އިލާހުގެ ރަސޫލާ ﷺ ދެކެ ޙައްޤުގޮތުގައި ލޯބިވުމާއި، އެކަލޭގެފާނަށް ފުރިހަމަ ގޮތުގައި ބޯލަނބައި ކިޔަމަންގަތުމާއި، އެކަލޭގެފާނުގެ ސުންނަތަށް ތަބާވުމާއި، އެކަލޭގެފާނު ގެނެސްދެއްވި ކޮންމެ ކަމަކީ ޙައްޤު ތެދުކަމަށް ޤަބޫލުކުރުމާއި، ދީނުގެ ހުރިހާ ޝިޢާރުތަކެއް މަތިވެރިކުރުމާއި، ދީނީ އުސޫލުތަކާއި ޤިޔަމުތަކުގައި ވަރުގަދައަށް ހަރުދަނާކަންމަތީ ހިފަހައްޓައިގެން ހުރުމާއި، އިސްލާމީ ޝަރީޢަތް މަތިވެރިކުރުމާއި، އިސްލާމީ އަޚްލާޤިއްޔާތުގެ ސިފަތަކުން ޒީނަތްތެރިވެ ހުރުމަށް ދަސްކޮށްދޭނީ ޅައިރުގައި ދެވޭ ތަޢުލީމާއި ތަރުބިއްޔަތަކުންނެވެ.

ތަޢުލީމަށް ލެވޭ ކޮކަޑިއަކުން މުޅި ޖީލެއް ޚަރާބުކޮށްލުމަކީ ދާދި ފަސޭހަކަމެކެވެ. މާއްދިއްޔަތަށް ގެއްލިފައިވާ މާއްދީއްޔަތުގެ އަޅުންތަކެއް ފަދައިން އުޅޭ ޖީލަކަށް އެ ޖީލެއް ހަދައިލުމަކީ ދާދި ކައިރި ކަމެކެވެ.

ޒަމާނުއްސުރެ، އަޅުގަނޑުމެންގެ މަދަރުސީ ތަޢުލީމުގައި ދީނީ ތަރުބިއްޔަތާއި ތަޢުލީމު ދެވެމުން އަންނަނީ ވަރަށް ހީނަރުގޮތެއްގައި ކަމުގައި ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ. ދީނީ ޢިލްމުގެ މަދު މިންވަރެއް އެންމެ މާއްދާއަކަށް ކުރުގަޅުވާލުމަށްފަހު، ހަފްތާއަކު މަދު ގަޑިއިރުތަކެއް ކިޔަވައިދޭ ގޮތަށް ހަދައިފައިވުމުގެ ސަބަބުން، ދީނީ ޢިލްމާއި ތަރުބިއްޔަތުގެ ގޮތުން އިސްލާމީ ޖީލަކަށް ބޭނުންވާނެ މިންވަރާ ގާތަށް ވެސް ދީނީ ތަޢުލީމާއި، ތަރުބިއްޔަތާއި، ޢަޤަދިއްޔާތާއި، އަޚްލާޤިއްޔަތާއި، ޤިޔަމުތަކެއް ދަރިވަރުންނަށް ލިބިފައެއް ނުހުރެއެވެ.

މިކަމުގެ ހިތި ނަތީޖާއަކަށް ވަނީ، މަދުރަސީ ތަޢުލީމު ނިމިގެން ނުކުންނަ ކުއްޖާގެ ގައިގައި، ދީނީ ތަޢުލީމާއި ތަރުބިއްޔަތު ނެތުމުގެ ސަބަބުން، އޭނަ އަކީ ހަމައެކަނި މާއްދިއްޔަތަށް ލެނބޭ ކުއްޖަކަށް ވެގެން ދިޔުމެވެ. އޭނައަށް ދީން ވެފައި ވަނީ ޘަޤާފީ ޢާދަކާދައިގެ ތެރޭގައި ހިމެނޭ ވިރާސަތުން ލިބިފައިވާ އެއްޗަކަށެވެ. އެއީ މާބޮޑު ސަމާލުކަމެއް ދޭން ޖެހޭ އެއްޗެއް ކަމަކަށް އޭނާއަށް ޤަބޫލު ކުރެވިފައެއް ނުވެއެވެ. ޢަޤީދާ އާއި އީމާނުގެ ބައިތަކާއި، އިސްލާމީ ޝަރީޢަތުގެ މަތިވެރިކަމާއި މާތްކަމާއި، އިސްލާމީ އަޚްލާޤިއްޔާތުގެ މަތިވެރިކަމާއި މާތްކަން އެ ކުއްޖާގެ ހިތުގައި ބިންވަޅު ނެގެން ޖެހޭ މިންވަރާ ގާތަށް ވެސް ބިންވަޅު ނެގިފައެއް ނުހުރެއެވެ. މާތް ﷲ ބާވައިލައްވާފައިވާ މި ޝަރީޢަތަކީ އިލާހީ ރައްބާނީ ޝަރީޢަތެއް ކަމާއި، މި ޝަރީޢަތަކީ ޤިޔާމަތާ ޖެހެންދެން ހުރިހައި ޒަމާނަކާއި މަކާނަކަށް މާތް ﷲ ބާވައިލެއްވި ޝަރީޢަތެއް ކަން އޭނައަށް ރަނގަޅަށް ފަހުމުވެފައެއް ނުހުރެއެވެ. މި ދަންނަވަނީ، އެހެން ކިޔާ އަޑު މުދައްރިސުންގެ ފަރާތުން އޭނައަށް އަޑު ނުއިވޭ ވާހަކައެއް ނޫނެވެ. ފަހަރެއްގައި އަޑު އިވިފައި ވެސް އޮވެދާނެއެވެ. ނަމަވެސް އޭގެ ޙަޤީޤީ ޢިލްމެއް އޭނައަށް ލިބިފައެއް ނުހުރެއެވެ. ވަށާ ޖެހޭ ގޮތަކަށް ޢަޤީދާގެ ބަޔާއި މުޢާމަލާތުގެ ބަޔާއި އަޚްލާޤިއްޔާތުގެ ބަޔާއި އިސްލާމީ ޝަރީޢަތުގެ އަޙްކާމުތަކާއި ޙިކުމަތާއި މަޤާޞިދުތައް އޭނައަށް މޭރުންވެފައެއް ނުހުރެއެވެ. އިސްލާމްދީނަކީ ޢިލްމަށް ގޮވައިލާ، ޢިލްމީ ޙަޤީޤަތްތައް ދިރާސާކުރުމަށް ގޮވައިލާ ދީނެއް ކަން ވެސް އޭނައަށް އެނގިފައެއް ނޯވެއެވެ. އިސްލާމީ ޝަރިޢަތާ ކައުނުގައިވާ ޢިލްމީ އެއްވެސް ޙަޤީޤަތަކާ ފުށު ނައަރާނޭ ކަން އޭނައަށް ވިސްނިފަކާ ނޯވެއެވެ. ނެތުމުގެ ތެރެއިން ކައުނު ޚަލްޤު ކުރެއްވި ކަށަކުޅަދުންވަންތަ ﷲގެ ޝަރީޢަތާ އެ ކައުނުގައި ޚުދު އެ އިލާހު ލައްވާފައިވާ ޙަޤީޤަތްތަކާއި ޢިލްމާ ދުވަހަކު ވެސް ފުށު ނައަރާނޭ ކަމެއް ކަން އޭނައަށް ޤަބޫލު ކުރެވިފައެއް ނޯވެއެވެ. އިލާހީ ވަޙީ ތަފްސީރު ކުރުމާއި ޝަރަޙަ ކުރުމުގައި އެކިއެކި އިންސާނުން ތަފާތު ވުމާއި، ޢިލްމުގެ އަހުލުވެރިންގެ ތެރޭގައި ވެސް އެކިއެކި ފެންވަރުގެ ބޭފުޅުން ތިއްބެވުމާއި، އެކަންކަމަކީ އެ ތަފްސީރުތަކަށް އަސަރު ކުރުވާ ކަމެއް ކަމާއި، ބައެއް ތަފްސީރުތައް ގޯސްވެފައި ވުމަކީ އިސްލާމީ ޝަރީޢަތަށް އެކަން ނިސްބަތް ކުރެވޭނޭ ކަންކަން ނޫން ކަން އޭނައަށް ވިސްނައި ދެވިފައެއް ނޯވެއެވެ. އަދި އިޖުތިހާދީ ގޮތުން ކުރެވޭ ކޮންމެ ތަފްސީރަކީ ރަނގަޅު އެއްޗެއް ނޫން ކަމާއި، ޢިލްމީ ޙަޤީޤަތްތަކާއި ނަޒަރިއްޔާތުތަކަކީ ވެސް ތަފާތު ދަރަޖަތަކެއް ދެވިފައިވާ އެއްޗެހި ކަމެއް އޭނައަށް ބުނެ ދެވިފައެއް ނޯވެއެވެ. އަދި މިފަދަ ތަފްސީރުތަކާއި ޢިލްމީ ޙަޤީޤަތްތަކާއި، އަދި ޢިލްމީ ޙަޤީޤަތަކަށް ނުވާ ނަޒަރިއްޔާތުތަކާ މުޢާމަލާތު ކުރާނެ ގޮތާއި، ފެންނަ ފެނުމަށް ފުށު އެރުންތަކެއް ފެނިއްޖެނަމަ އެކަމާ މެދު ޢަމަލު ކުރާނެ ގޮތެއް ސާފުކޮށް ދެވިފައެއް ނޯވެއެވެ.

އެއިގެ ނަތީޖާއަކަށް ވަނީ ރާއްޖެއިން ބޭރަށް މަތީ ތަޢުލީމު ހާސިލުކުރުމަށް ދާ ދަރިވަރުންނަށް އެތަންތަނުން ލިބިގެންދާ މާއްދީ ފަލްސަފާތަކާއި ދީނާ ދެކޮޅު ފަލްސަފާތަކާއި ފިކުރުތައް ރީތިވެގެން ދިޔުމެވެ. އަދި އިސްލާމްދީން ޝާމިލުވާނޭހެން ހުރިހާ ދީންތަކަކީ ވެސް ޢިލްމާ ދެކޮޅު ދީންތަކެއް ކަމަށާއި، ޢިލްމާއި ދެކޮޅަށް ހަނގުރާމަ ކުރާ ދީންތަކެއް ކަމަށާއި، ހުރިހާ ދީންތަކަކީ ވެސް ޤަދީމީ އިންސާނުން އަމިއްލައިން އުފައްދާފައިވާ އެއްޗެއް ކަމާއި، އެއީ ކަނު ތަޤްލީދެއްކަމާއި، މާއްދީ މި ދުނިޔެ ފަހަނައަޅައި އެއިގެ މައްޗަށް އެހެން އެއްވެސް ކަމެއް ނުވާ ކަމަށާއި، އާޚިރަތް ނަރަކަ ސުވަރުގެ މިއީ މުޅިން ވެސް ޚިޔާލީ ޚުރާފީ ކަންކަން ކަމަށް ޤަބޫލުކުރެވިގެން ދިޔުމެވެ. އަދި ހުޅަނގުގެ ޙަޟަރާތު ކުރިއަރައި، ތަރައްޤީވެ ތަމައްދުނުގެ ރޭހުގައި އެތަކެއް މަރުޙަލާތަކެއް ކަޑައްތުކޮށްފައި ވަނީ އެބައިމީހުން ކުރިން ޤަބޫލުކުރަމުން އައި ޤަދީމީ ބޯދާ ގޮތްގަނޑު ދޫކޮށް، އިހުގައި ޤަބޫލުކުރަމުން އައި ދީނީ ޚުރާފާތުތައް ދޫކޮށްލުމުގެ ސަބަބުން ކަމަށް ވެސް ޤަބޫލު ކުރެވުމެވެ. އޭގައި އިސްލާމްދީނެއް، ބުދު ދީނެއް، ޙައްޤު ދީނެއް، ބާޠިލު ދީންތަކެއް ފަރަޤެއް ނުކުރެއެވެ. ހުރިހާ ދީންތަކަކީ ވެސް ޚުރާފާތެވެ. އަދި ހުރިހާ ދީންތަކަކީ ވެސް އިންސާނީ ސިކުނޑިއާއި ވިސްނުން ޤައިދުކޮށް ކޮށްޓަކަށް ލާ ދީންތައް ކަމަށާއި، އިންސާނާ ކުރިއަރި ތަރައްޤީވާން ބޭނުން ނަމަ އެންމެ ފުރަތަމަ ވެސް އޭނާ ކުރަން ޖެހޭ ކަމަކީ މި ޚުރާފާތުތަކާ ދުރުވެ، ޢިލްމާއި މާއްދިއްޔަތުގެ މައިދާނުގައި ކުރިއަރައި ދިޔުން ކަމުގައި އޭނައަށް ޤަބޫލު ކުރެވެއެވެ.

ކުރިން ދެންނެވި ފަދައިން، މީގެ ތެރެއިން ގިނަ ދަރިވަރުންނަކީ ދީނީ ޢަޤީދާ އެހައި ރަނގަޅަށް ފަހުމުވެފައިވާ ކުދިންނެއް ނޫނެވެ. އެހެންކަމުން، މިފަދަ ދަރިވަރުން އެކޮޅަށް ލެނބި އިސްލާމްދީނަކީ ވެސް ޚުރާފާތެއް ކަމަށް ޤަބޫލުކުރުން އޮންނަނީ ދާދި ގާތުގައެވެ. އަދި، އިސްލާމްދީނާ މެދު ބޭރުގެ ފަލްސަފާތަކާއި، މުސްތަޝްރިޤުން އުފައްދާފައިވާ ޝުބުހަތަކަށް ދޭނެ ޖަވާބެއް އެ ދަރިވަރުގެ ކިބައިގައި ނުހުރެއެވެ. ތަޢުލީމީ މަންހަޖުން އެ މިންވަރު އެ ކުއްޖާއަށް ލިބިފައެއް ނޯވެއެވެ. ވުމާއެކު، ކިރިޔާވެސް ހިތުގައި އުފެދޭ ކުޑަ ޝައްކެއްގެ ސަބަބުން ދީނާ މެދު ޝައްކު އުފެދި، އެކީއެކަށް ދީން ނަގައި އެއްލާލައި، މާއްދީ މި ދެންނެވި ފަލްސަފާތައް ޤަބޫލުކުރާ އަހުލުވެރިޔަށް ވެދެއެވެ. އެނބުރި ޤައުމަށް އަންނަ އިރު، އޭނާ އަކީ އިސްލާމްދީނުގެ މަތިވެރި ހިދާޔަތު ޤަބޫލުކުރާ މީހެއް ނޫނެވެ. އެއިގެ ތެރެއިން ބައެއް ދަރިވަރުން ދީން ޤަބޫލުކުރިޔަަސް، ދީނަކީ އަމިއްލަ ކަމެއް ކަމާއި، އެއީ މިސްކިތުގައި ނުވަތަ މީހާގެ ހިތުގައި އޮންނާން ޖެހޭ އެއްޗެއް ކަމުގައި ދެކެއެވެ. ދީނަކީ އިންސާނީ ޙަޔާތުގެ މައިދާންތަކުގައި ބަސްކިޔަން ޖެހޭ އެއްޗެއް ކަމަކަށް އޭނާ ނުދެކޭނެއެވެ. އެއީ އޭނާގެ ނަޒަރުގައި މައްސަލަތަކުގެ އަސްލެވެ. އަދި އެއީ އަޅުގަނޑުމެންގެ މުޖުތަމަޢުތައް ކުރި ނާރާ ސަބަބެވެ. އެހެންކަމުން، އޭނާ އަށް ވީ ވަރަކުން އޭނާ އަކީ މިދެންނެވި މާއްދީ ޢަލްމާނީ ފަލްސަފާއަށް ގަދަފަދައަށް ވަކާލާތުކޮށް، މުޖުތަމަޢުގައި އެކަން ތަންފީޒުކުރުމަށް ހަރު އަޑުން ގޮވައިލާ މީހަކަށް ވެދެއެވެ. ޢަލްމާނީ ފިކުރަށް ގޮވައިލާ އަދި ޙަޔާތުގެ މައިދާންތަކުން ދީން އެއްކިބާ ކުރުމަށް ވަކާލާތު ކުރާ މީހަކަށް ވެދެއެވެ.

ގިނަ ފަހަރަށް، މިގޮތަށް ބޭރުން ކިޔަވައިގެން އަންނަ ދަރިވަރުންނަކީ މުސްތަޤްބަލުގައި ޤައުމުގެ ސިޔާސަތު ކަނޑައެޅުމުގެ އެކިއެކި ދާއިރާތަކުގައި އެންމެ އިސް ދައުރެއް އަދާ ކުރާނެ މީހުންނެވެ. އެހެންކަމުން، ދެން ހެދިގެން ދާ ހުރިހާ ސިޔާސަތުތަކާއި ޤާނޫނު ޤަވާޢިދުތަކެއް ހެދިގެން ދަނީ އެބައިމީހުން ދެކޭ އެންމެ ރަނގަޅު މާއްދީ ޢަލްމާނީ ފަލްސަފާތަކުގެ މައްޗަށެވެ. މިއަދު ވެސް އަޅުގަނޑުމެން ޙާލަތަކީ މިއީ ނޫންތޯއެވެ.

ދެން ނިކަން ވިސްނަވާށެވެ. މިހައި ހީނަރުވެ ނިކަމެތިވެފައި އޮތް ދީނީ މަންހަޖެއް އިތުރަށް ނިކަމެތި ކުރުމަށް ޢަލްމާނީ ފިކުރުގެ މީހުން ދަނީ ވަކާލާތު ކުރަމުންނެވެ. ތިމާމެންގެ ފިކުރު އޭގެ އެންމެ ފުރިހަމަ ގޮތުގައި މި ޤައުމުގައި ފެތުރިގެން ދާނީ މިހާރު މިއޮތް ނިކަމެތި މަންހަޖު އިތުރަށް ނިކަމެތިކޮށް، އެއީ އެއްވެސް ކަހަލަ އަސަރެއް ނެތް އެއްޗެއްގެ ގޮތުގައި ހަދައިގެން ކަން އެބައިމީހުން ރަނގަޅަށް ދަނެއެވެ.

އެހެންކަމުން، ޢަލްމާނީން ގޮވައިލަމުން ދަނީ، ތަޢުލީމުން ދީން އެކަހެރި ކުރުމަށެވެ. ތަޢުލީމަކީ އެއްވެސް ކަހަލަ ދީނީ އަސާސެއްގެ މައްޗަށް ބިނާވެގެން ވާނެ އެއްޗެއް ކަމަށް އެބައިމީހުން ނުދެކެއެވެ.

އަދި، ޚާއްޞަކޮށް ވަކި ދީނެއް އިސްވެ އޮންނަން ޖެހޭނެ ކަމަށް ޢަލްމާނީ ފިކުރުގެ މީހުން ނުދެކެއެވެ. ޢަލްމާނީ ފިކުރުގެ މީހުންގެ ތެރެއިން ތިމާމެންނަކީ ވަކިކޮޅަކަށް ނުޖެހޭ މީހުންކަމަށް ދަޢުވާ ކުރާ މީހުން ދެކޭގޮތުގައި، އެމީހަކު ބޭނުން ދީނަކަށް އުޅުމަކީ އެމީހެއްގެ އަމިއްލަ ކަމެކެވެ. އަދި، ދީންތައް ކިޔަވައިދިނުން ވެސް އޭގެ ތެރެއިން ބައެއް މީހުންގެ ކައިރީގައި އެއީ މައްސަލައެއް ނޫނެވެ. ނަމަވެސް ކިޔަވައިދޭ އިރު، އެއީ ހަމައެކަނި އެ ދީނެއްގައިވާ ކަންކަން މަޢުރިފާކޮށް ދެނެގަތުން ނޫން އިތުރު އެއްވެސް އެއްޗެއް ކިޔަވައިދީގެން ނުވާނެ ކަމަށް އެބައިމީހުން ދެކެއެވެ. އިސްލާމްދީން ވެސް ކިޔަވައިދޭން ޖެހޭނީ އެއީ ބޯދާ ދީނެއް ކަމާއި، އެއީ މުސްލިމުންނޭ ކިޔާ ބަޔަކު އިޢުތިޤާދުކޮށް ޤަބޫލުކުރަމުން އަންނަ ދީނެއްގެ ގޮތަށެވެ. ވިރާސީގޮތުން އިންސާނުންނަށް ވާރުތައިން ލިބިފައިވާ ޘަޤާފަތެއްގެ ގޮތުގައެވެ. އެބައިމީހުން ދެކޭގޮތުގައި ތަޢުލީމީ މަންހަޖުގައި، އަރަހުށި ﷲ އިންސާނާ އުޅުމަށް ބާވައިލެއްވި އިސްލާމްދީނާއި، އިންސާނާ އަމިއްލަ އަތުން ކޮށައި މަށައި ހަދާފައިވާ އެތައް ލައްކަ ބުދުތައް ހިމެނޭ ޚުރާފީ ބުދު ދީނަކާ ތަފާތެއް ކޮށްގެން ނުވާނެއެވެ. އެ ދެ ދީނަކީ ވެސް ބޯދާ، ޤަދީމީ، އެއްވެސް އަސާސެއް ނެތި، އިންސާނުން ޤަބޫލުކުރަމުން އަންނަ ހެއްކެއް ނެތް ޤަބޫލުކުރުންތަކެއް ކަމަށް ބުނުން ނޫން އިތުރު ކަމެއް ކޮށްގެން ނުވާނެއެވެ.

އެހެންކަމުން، ތަޢުލީމަކީ ޢަލްމާނީ ފިކުރުގެ މައްޗަށް ދެވޭ އެއްޗެއް ނަމަ، އިސްލާމްދީނުގެ މަތިވެރިކަން ކިޔައި ދިނުމެއް ނޯންނާނެއެވެ. އަދި އިސްލާމްދީނަކީ ޙައްޤު ދީން ކަމުގައި ބުނުމަކީ ވެސް ޖަރީމާއަކަށް ނޫނީ ނުވާނެއެވެ. މުޅި ތަޢުލީމީ މަންހަޖު ބިނާވެގެން ދާނީ ދީނާ ބީރައްޓެހި މާއްދީ ފަލްސަފާތަކުގެ މައްޗަށެވެ.

އެހެންކަމުން، ޢަލްމާނީ ފިކުރުގެ ނުރައްކަލުގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު އެއް ނުރައްކަލަކީ އެބައިމީހުން ތަޢުލީމީ މަންހަޖަށް ލާނޭ ކޮކަޑިއެވެ. ދީން، ތަޢުލީމާއި ތަރުބިއްޔަތުގެ ދާއިރާއިން ލުހެލައި ވަކިކޮށް އެއްލައިލުމެވެ. އެއީ ކެންސަރު ޖެހިފައިވާ ގުނަވަނެއް ކަނޑައި އެއްލައިލާ ފަދައިންނެވެ. އެބައިމީހުންގެ ކައިރީގައި ދީނަކީ އެހައި ވެސް ބޮޑު ވަބާއެކެވެ. އެއީ އިންސާނީ މުޖުތަމަޢަށް ދިމާވެފައިވާ ކެންސަރެކެވެ.

އެމްޑީއެން:

މިސާލެއް ދަންނަވާ ކަމަށް ވަނީ ނަމަ، ޢަލްމާނީ ފަލްސަފާ ޤަބޫލުކޮށް، އެއަށް ވަކާލާތު ކުރާ (އެމްޑީއެން) އެވެ ކިޔުނު ޖަމްޢިއްޔާއިން ރާއްޖޭގެ އިސްލާމީ މުޤައްރަރު “ދިރާސާ”ކޮށް 2016 ވަނަ އަހަރު ހަދާފައިވާ ރިޕޯޓަށް ބަލައިލީމައި، ޢަލްމާނީންގެ ވިސްނުން ހިނގަނީ ކިހިނެއްކަން ވަރަށް ރަނގަޅަށް ސާފުވާނެއެވެ.

އެބައިމީހުންގެ އެ ރިޕޯޓުގައި ބަލައިލާފައި ވަނީ، ރާއްޖޭގެ ކިޔަވައިދޭ އިސްލާމީ މުޤައްރަރުތަކުގައި ހައްދުފަހަނައަޅައި ދިޔުމަށް މަގުފަހިވާ ބައިތައް ހުރިތޯއެވެ. އެގޮތުން ގްރޭޑް އެކަކުން ފެށިގެން ގްރޭޑް ބާރަ އާ ހަމަޔަށް އިސްލާމް ހުރިހާ މާއްދާތަކެއް “ދިރާސާ”ކޮށްފައިވެއެވެ.

އެބައިމީހުންގެ އެ ރިޕޯޓަށް ނަޒަރު ހިންގާލާއިރު، އެ ބުނާ “ދިރާސާ”އެއް އެބައިމީހުންގެ ހަދާފައި ވަނީ ޢަލްމާނީ ނަޒަރަކުން ކަން ވަރަށް ރަނގަޅަށް ސާފުވެގެންދެއެވެ.

އެ ރިޕޯޓުގައި ވާ ގޮތުން، އެހެން ހުރިހާ މަޚްލޫޤުން ދެކެ ވާ ވަރަށް ވުރެ ބޮޑަށް ރަސޫލާ ﷺ ދެކެ ލޯބިވުމަކީ ވެސް ހައްދުފަހަނައަޅައި ދިޔުމެވެ. އަދި ހަމައެހެންމެ، އެއީ ރަސޫލާ ﷺ އަކީވެސް (ޑެމީގޯޑެއް) ނުވަތަ ކުޑަ ކަލާނގެއެއް ކަމުގައި ދެކުން ކަމަށާއި، މިކަމުގެ ސަބަބުން ރަސޫލާއަށް ފުރައްސާރަކުރުމާއި ކާޓޫނު ކުރެހުމަކީ މުސްލިމުން ގާތަށް ރުޅި އައިސް “އެހެން މީހުންގެ ޙައްޤުތަކަށް އެބައިމީހުން ފަރުވާ ކުޑަކުރާ ކަމެއް” ކަމުގައި ހިތާމައާއެކު ފާހަގަކުރާ ކަމުގައި ލިޔެފައިވެއެވެ. އަދި އެކަލޭގެފާނަކީ މިހާރު މިޒަމާނުގައި ތިބި ތަކްފީރީން ފަދައިން ތަކްފީރީއެއް ކަމުގައި ވެސް ބަޔާންކޮށްފައިވެއެވެ.

ޝީޢީންގެ ބާޠިލު ޢަޤީދާއަށް ގުރޭޑް 11 އިގެ އިސްލާމް މައްދާ ފޮތުގައި ރައްދު ދީފައިވާތީ، އެއީ އިސްލާމްދީނުގައި ހިމެނޭ ބަޔަކާމެދު ނަފްރަތު އުފެއްދުން ކަމަށާއި، ސުންނީ މުސްލިމުންނަކީ އިސްލާމްދީނަށް އުޅޭ ޙަޤީޤީ މުސްލިމުން ކަމުގައި ދޭހަވާތީ އެއީ ކަންބޮޑުވާ ކަމެއް ކަމުގައި ބަޔާންކޮށްފައިވެއެވެ.

ހަމައެފަދައިން، މާތް ނަބިއްޔާﷺގެ ރިސާލަތުގެ ތެދުކަން ބަޔާންކުރެއްވުމުގެ ގޮތުން އެކަލޭގެފާނަށް މާތް ﷲ ދެއްވި ބައެއް މުޢުޖިޒާތުތަކަކީ ޒަމާނީ ސައިންސާ ނުގުޅޭ އެއްޗެއް ކަމާއި، އެއީ ޚުރާފީ ވާހަކަތަކެއް ކަމަށް ލިޔެފައިވެއެވެ.

އަދިވެސް، އޭގައި ލިޔެފައިވާ ގޮތުން، އެހެން ދީންތަކުގެ ވާހަކަ ބަޔާންކޮށް، އެއީ ބާޠިލު ދީންތަކެއް ކަމަށް ބުނުމާއި، އިސްލާމްދީނަކީ ޙައްޤު ދީން ކަމުގައި ބުނުމުން މުޖުތަމަޢުގައި ބައިބައިވުން އުފެދުމާއި ނަފްރަތު އުފެދުމާއި، އެހެން މީހުންނަކީ ދަށްބައެއް ކަމުގައި ބެލުމުގެ ވިސްނުން ފެތުރިގެން ދިޔުން ފަދަ ކަންކަން ދިމާވާނެ ކަމަށް ލިޔެފައިވެއެވެ.

މީގެ އިތުރުން އިސްލާމްދީނުގައިވާ މާތް މަތިވެރި އަޚްލާޤިއްޔާތުގެ ތެރޭގައި ހިމެނޭ ދޫރައްކާތެރިކުރުން ފަދަ ކަންކަމާ ގުޅޭ މައުޟޫޢުތަކާއި އެކަމާ ގުޅޭ އާޔަތްތަކާއި ޙަދީޘްތަކަކީ ޑިމޮކްރަސީގައި މި އޮންނަ “ފްރީޑަމް އޮފް އެކްސްޕްރެޝަން” އާއި “ފްރީޑަމް އޮފް ސްޕީޗް” ފަދަ ޙައްޤުތަކާ ދެކޮޅަށް ތަފްސީރު ކުރެވިދާނޭ އެއްޗެހީގެ ގޮތުގައި ސިފަކޮށް ފާޑުކިޔާފައިވެއެވެ.

މިއީ އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ބައެއް ނުކުތާތަކެވެ. ހުރިހައި ނުކުތާއެއް ވެސް ނޫނެވެ. ނަމަވެސް، މިއިން އެނގިގެން ދަނީ އިސްލާމްދީނުގައި ވާ ބައެއް ކަންކަމަކީ އެބައިމީހުން ޤަބޫލުކުރާ މާއްދީ ފަލްސަފާތަކާ ފުށުއަރާ ކަންކަން ކަމަށް ވުމުން އެބައިތައް އުނިކުރަން ހިފާފައިވާކަމެވެ. އަދި އެބައިތައް ހުރުމަކީ ދީނީގޮތުން ޙައްދުފަހަނައަޅައި ދިޔުމަށް މަގުކޮށައިދޭ ކަމެއްކަމަށް އެބައިމީހުން ދެކޭ ކަމެވެ. އެއީ މުޖުތަމަޢުގައި ބައިބައި ވުމާއި އެހެން މީސްތަކުންނާ މެދުގައި ނަފުރަތު އުފެއްދުން ކަމުގައި އެބައިމީހުން ސިފަ ކުރާކަމެވެ. ކީރިތި ޤުރުއާނާއި މާތް ނަބިއްޔާ ﷺ  ގެ ޞައްޙަ ޙަދީޘްފުޅުތަކުން ސާބިތުވާ އެތަކެއް ޤަޠުޢީ ޙުކުމްފުޅުތަކާއި ދީނުގެ ޘަވާބިތުތަކާއި ޝިޢާރުތަކަކީ އެބައިމީހުންގެ ގާތުގައި މާ ބުރަދަނެއް ހުރި އެއްޗެއް ނޫނެވެ. އެ ހުރިހާ އެއްޗެއް މިނެކިރައި ހަދަން ޖެހޭނީ ޢަލްމާނީ މާއްދީ ފަލްސަފާތަކުގެ ތިލަފަތުންނެވެ. މި ރިޕޯޓުގައި އެބައިމީހުން ކޮށްފައި ވަނީ ވެސް އެކަމެވެ.

އެހެންކަމުން، އެބައިމީހުން ފާހަގަކޮށްފައިވާ ބައިތަކަކީ ތަޢުލީމީ މަންހަޖުން ނަގައި އެއްލައިލަން ޖެހޭ ބައިތަކެއް ކަމާއި، އެއީ އެއްވެސް ގޮތަކަށް ދަރިވަރުންނަށް ކިޔަވައިދޭން ހެޔޮ ވެސް ނުވާނޭ އެއްޗެހިތަކެއް ކަމުގައި ބަޔާންކޮށްފައިވެއެވެ. މުޅި އިސްލާމީ މަންހަޖު މުރާޖަޢާކޮށް މިބައިތައް އެކީއެކަށް މަންހަޖުން އުނިކުރުމަށް މިބައިމީހުން ވަނީ ގޮވާލާފައެވެ.

މިއީ ޢަލްމާނީން އިސްލާމީ މުޖުތަމަޢުތަކުގައި ތަޢުލީމީ މަންހަޖު ޢަލްމާނީ ކުރަން މަސައްކަތް ކުރާ މިންވަރުގެ ކުޑަކުޑަ މިސާލެކެވެ. މިކަންކަމަށް މިބައިމީހުންނަށް ބޮޑަތި ފަންޑުތައް ދުނިޔޭގެ ޢަލްމާނީ ދައުލަތްތަކުން ހުށަހެޅިފައިވެއެވެ. އަދި އެއީ ސިއްރުން އެބައިމީހުން ކުރާ ކަމެއް ނޫނެވެ. އެ ހުރިހާ އެއްޗެއް އެބައިމީހުން ރިޕޯޓުތަކުގައި ލިޔެފައިވެއެވެ. ފަންޑު ކުރާ ފައުންޑޭޝަންތަކުގެ މަޢުލޫމާތަށް ދާންދެން ހާމަކޮށްފައިވެއެވެ.

އުތެމަ:

ހަމައެގޮތަށް، ސަރުކާރުން ނެރުނު ‘ސްޓްރެޓެޖިކް އެކްޝަން ޕްލޭން’ ހެދުމުގައިވެސް ‘އުތެމަ’ ޖަމްޢިއްޔާ ވަނީ ބައިވެރިކޮށްފައެވެ. އަދި، ތަޢުލީމީ މަންހަޖަށް ބަދަލު ގެންނަ އިރު، އެކަން ތަންފީޒުކުރާ ބައިވެރިންގެ ތެރެއިން ‘އުތެމަ’ ޖަމްޢިއްޔާގެ ނަން ހިމަނާފައިވެއެވެ.

‘އުތެމަ’ ޖަމްޢިއްޔާ އަކީ، އަންހެނުންގެ ޙައްޤުތަކަށް ވަކާލާތު ކުރުމުގެ ނަމުގައި ހެދިފައިވާ ޖަމްޢިއްޔާއެކެވެ. އަންހެނުންގެ ޙައްޤުތަކަށް، ޙައްޤުގޮތުގައި ވަކާލާތު ކުރުމަކީ އޭގެ ޒާތުގައި މައްސަލައެއް ނޫނެވެ. ދީނާ ފުށުނާރާ ގޮތެއްގައި، ދީނުގައި އަންހެނާއަށް ދެވިފައިވާ ޙައްޤުތައް ހޯދައިދިނުމަށް މަސައްކަތް ކުރުމަކީ ވަރަށް ރަނގަޅު ކަމެކެވެ.

ނަމަވެސް، މިބައިމީހުންގެ މައްސަލައަކީ ވެސް މާއްދީ ފަލްސަފާގެ މައްޗަށް ހެދިފައިވާ ސީޑޯ މުޢާހަދާ (އަންހެނުންނާ މެދު ކުރެވޭ ތަފާތުތައް ނައްތައިލުމާ ބެހޭ މުޢާހަދާ) އަކީ އެއީ ހުރިހާ ވެސް އެއްޗެއް ކަމަށް ދެކުމެވެ. އެއީ، ތުނޑުންތުނޑަށް ދިވެހިރާއްޖެއިން ބަލައިގަންނަން ޖެހޭ މުޢާހަދާއެއް ކަމަށް ދެކުމެވެ. އަދި، ހަމައެފަދައިން، ޔޫ.ޑީ.އެޗް.އާރް (ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާ ބެހޭ ޤަރާރު) އަކީ ވެސް އެއިގެ އެއްވެސް ފިއްޔަކަށް ބަދަލެއް ގެނައުމެއް ނެތި ފުރިހަމައަށް ބަލައިގަންނަން ޖެހޭ އެއްޗެއް ކަމަށް ޤަބޫލުކުރުމެވެ.

މިހުރިހާ މުޢާހަދާތަކަކީ އެ އޮތްގޮތަށް ބަލައިގެންފިނަމަ، އިސްލާމީ ޝަރީޢަތުގެ މަތިވެރި އެތަކެއް ޙުކުމްތަކެއް އެކަހެރިކޮށްލަން ޖެހޭ މުޢާހަދާތަކެކެވެ. ނަމަވެސް އެބައިމީހުން ވަކާލާތު ކުރަމުން ދަނީ މިއިން އެއްވެސް ކަމަކަށް ރިޢާޔަތް ކުރުމެއް ނެތި، ދީނާ ފުށުއަރާތީ ސަރުކާރުން މިހިސާބަށް ވެސް ނަގާފައިވާ ރިޒަވޭޝަންތައް ވެސް ދޫކޮށްލައި، ފިލިން ފިއްޔަށް އެކީއެކަށް އެ މުޢާހަދާތައް ޤަބޫލުކުރުމަށެވެ. އަދި، އެއާ ގުޅިގެން ޤާނޫނަށް ގެންނަން ޖެހޭ ހުރިހާ ބަދަލެއް ގެނައުމަށެވެ. މިއީ، އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ ޢާއިލީ ނިޒާމާއި، ވާރުތަ މުދާ ބަހާނެގޮތާއި، ބައެއް ކުށްތަކަށް ކަނޑައަޅުއްވާފައިވާ ޢުޤޫބާތްތަކާއި އެހެނިހެން ގިނަގުނަ ޤަޠުޢީ ޙުކުމްފުޅުތަކެއް އެއްކޮށް އުވިގެން ދާނެ ކަމެކެވެ.

މި ޖަމްޢިއްޔާ އަކީ އެއް ޖިންސުން ގުޅުން ހިންގުމަކީ ވެސް ޙައްޤެއް ކަމަށް ވަކާލާތު ކުރާ ބޭރުގެ މިފަދަ އަންހެނުންގެ ޙައްޤުތަކަށް ވަކާލާތު ކުރާ ޖަމްޢިއްޔާތަކާ އެއްބާރުލުން ދީ އެކުގައި އެތަކެއް މަސައްކަތްތަކެއް ކުރަމުން ދާ ޖަމްޢިއްޔާއެކެވެ. މި ޖަމްޢިއްޔާގެ ބައެއް މުއައްސިސުން ޓްވިޓާފަދަ ތަންތަނުގައި ހިއްސާކޮށްފައިވާ ބައެއް ޚަބަރުތަކުގައި، ޕްރަމަރީ އިސްކޫލު ކުދިންނަށް އެއްޖިންސުން ގުޅުން ހިންގުމަކީ ޙައްޤެއް ކަމަށް ކިޔަވައިދިނުމަށް ބާރުއަޅާ ލިޔެވިފައިވާ ޚަބަރުތަކާއި ލިޔުންތައް ހިއްސާކޮށްފައިވެއެވެ.

އަދި ހަމައެފަދައިން މިބައިމީހުން ރަށްރަށުގައި ނަގައިދީފައިވާ ބައެއް ވޯކްޝޮޕުތަކުގައި ޒިނޭ އަކީ ކުށެއް ނޫން ކަމާއި، އެއީ މައްސަލައަކަށް ވެގެން ވާނެ ކަމެއް ނޫން ކަމުގައި ވަކާލާތުކޮށް ސެޝަންތައް ނަގައިދީފައިވާ ކަމަށް އެފަދަ ވޯކުޝޮޕްތަކުގައި ބައިވެރިވެފައިވާ ފަރާތްތަކުން ޚަބަރު ދީފައިވެއެވެ. އެހެންކަމުން، މިފަދަ ބަޔަކަށް ތަޢުލީމީ މަންހަޖު ދިރާސާ ކުރުމާއި، އެއަށް ބަދަލު ގެނައުމުގެ ކަންކަމުގައި ބައިވެރި ކުރުމުން އަންނާނެ ނުރައްކާ ނިކަން ރަނގަޅަށް ވިސްނަވާށެވެ.

އިސްލާމް މާއްދާ އިޚްތިޔާރީ ކުރަން މަސައްކަތް ކުރުން:

ޢަލްމާނީންގެ އަތް މައްޗަށް ތަޢުލީމީ މަންހަޖަށް ބާރާއި ނުފޫޒު ފޯރުވަން ފުރުޞަތެއް ލިބިއްޖެނަމަ އެބައިމީހުން އެންމެ ފުރަތަމަ ދިމާ ކުރާނީ ދީނީ މާއްދާއާ އެވެ. އެ މާއްދާ އަކީ ދަށް މާއްދާއެއްގެ ގޮތުގައި ދެއްކުމަށެވެ. އަދި އެއީ އެއްވެސް އަހައްމިއްޔަތުކަމެއް ނެތް މާއްދާއެއްގެ ގޮތުގައި ދެއްކުމަށެވެ. އެގޮތުން، އެއީ އެހެން މާއްދާތަކާ އަޅާ ބަލާއިރު ދެވަނަ ދަރަޖައިގެ މާއްދާއެއް ކަމަށް ދޭހަވާނޭ ފަދަ ގޮތަކަށް އެ މާއްދާއާ މުޢާމަލާތު ކުރެއެވެ. އެއީ މަޖުބޫރީ މާއްދާއެއްގެ ކެޓަގަރީގައި ހިމެނެން ވެސް ނުޖެހޭ މާއްދާއެއްގެ ގޮތުގައި ހެދުމަށް ކުރެވުނު ހުރިހާ މަސައްކަތެއް ކުރެއެވެ. ޙަޤީޤަތުގައި އެބައިމީހުން ބޭނުން ވަނީ އެ މާއްދާ އުވާލުމަށެވެ. ނަމަވެސް އެއީ އިސްލާމީ މުޖުތަމަޢަކުން ބަލައިގަންނާނޭ ކަމަކަށް ނުވާތީ އެންމެ ފުރަތަމަ ކަމެއްގެ ގޮތުން މާއްދާގެ އަހައްމިއްޔަތުކަން ކަނޑުވައިލައި، އެއީ ދެވަނަ ދަރަޖައިގެ މާއްދާއަކަށް ހަދައި، އިޚްތިޔާރީ މާއްދާއަކަށް ހެދުމަށް މަސައްކަތް ކުރުމަކީ ރޭވިގެން ކުރިޔަށް ދާ ކަންކަމެވެ. މިއީ ހަމައެކަނި ރާއްޖޭގައި ކަންކަން ވާ ގޮތުގެ ވާހަކައެއް ނޫނެވެ. އިސްލާމީ ބައެއް ޤައުމުތަކުގައި ވެސް ކަންކަން ވަމުން ދަނީ މިއާ ދާދި އެއް ގޮތަށެވެ. ބޭނުން ކުރަނީ ދާދި އެއް އުކުޅެކެވެ. ތަޢުލީމީ މަންހަޖާއި ތަޢުލީމީ ނިޒާމު އެއްކޮށް ޢަލްމާނީ ކުރުމަކީ އެބައިމީހންގެ އެންމެ ބޮޑު ލަނޑުދަނޑިއެވެ.

2010 ވަނަ އަހަރު ދިވެހިރާއްޖޭގައި ވެސް މިފަދަ މަސައްކަތްތަކެއް ކުރެވުނެވެ. އެ ފަހަރު ތަޢުލީމީ ވުޒާރާޔާ ހަވާލުވެވަޑައިގެން ހުންނެވީ އެފަދަ ފިކުރެއްގެ ބޭފުޅެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ. ހަމަގާއިމު ވެސް އެބޭފުޅާގެ ޢަމަލުތަކުން ފެނިގެން ދިޔައީ އެކަންކަން ތަންފީޒު ކުރެއްވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުން ގެންދެވި މަންޒަރެވެ. ދިވެހި އިސްލާމް ދެ މާއްދާއަކީ އިޚްތިޔާރީ މާއްދާތަކެއްގެ ގޮތުގައި ހެއްދެވުމަށް ވަރަށް ބޮޑަށް ގަދަފައި ވިއްދަވާފައި މަސައްކަތްތަކެއް ކުރެއްވިއެވެ. ރައްޔިތުންގެ ނުރުހުމާއި އިހުތިޖާޖާ ދެކޮޅަށް ވެސް އެކަން ކުރައްވަން ވަރަށް މަސައްކަތް ކުރެއްވިއެވެ. ނަމަވެސް، އެންމެ ފަހުން ޖެހިވަޑައިގަތީ ގޮތް ދޫކުރައްވަައި، ރައްޔިތުންގެ އިހުތިޖާޖުގެ ކުރިމަތީގައި ކުޑަ ކަކޫ ޖައްސަވާށެވެ. ހަމަ މި ބޮޅަށް އިތުރު ކޮށްލެވޭނެ އަނެއް ކަމަކީ، އެއިރުގެ ސަރުކާރުން އިޒްރޭއީލާ އެކު ސޮއެ ކުރި އެމްއޯޔޫތަކުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި ތަޢުލީމީ ގޮތުން އެއް ބާރުލުން ދިނުމުގެ އެމްއޯޔޫއެއްގައި ސޮއެ ކުރުމެވެ. އޭގައި ވާ ގޮތުން، ދިވެހިރާއްޖޭގެ ތަޢުލީމީ މަންހަޖާ ކުޅުމުގެ ފުރުޞަތު އިޒްރާއީލު ތަޢުލީމީ އިދާރާތަކަށް ލިބިގެން ދެއެވެ. ނަމަވެސް އިޒްރޭލާ ގުޅުން ޤާއިމު ކުރުމާ ދެކޮޅަށް ދިވެހިން ކުރި އިހްތިޖާޖު ވެސް ކާމިޔާބުވެ އެބައިމީހުންގެ އެ ޕްލޭނު ވެސް މާތް ﷲގެ ރަޙްމަތުން ފޭލުވެގެން ދިޔައީއެވެ.

މިއީ ތަޢުލީމީ ނިޒާމު ޢަލްމާނީ ކުރަން ކުރެވިފައި ހުރި ބައެއް ކަންކަމެވެ. ޢަލްމާނީންގެ އަތަށް ބާރެއް އަރައިފި ކޮންމެ ހިނދެއްގައި މިފަދަ އެތަކެއް ގޮންޖެހުންތައް ތަޢުލީމީ ނިޒާމަށް ދިމާވުމަކީ ނުވެ ނުދާނޭ ކަންކަމެވެ. މިހާރު ވެސް ދަނީ ކުރިމަތިވަމުންނެވެ. ތަފާތު އެކިއެކި ނަންނަމުގައެވެ. މަންހަޖު މުރާޖަޢާ ކުރުމުގެ ނަމުގައެވެ. ނުވަތަ އިޞްލާޙު ކުރުމުގެ ނަމުގައެވެ. އިޞްލާޙު ކުރުން އެބައިމީހުން މާނަ ކުރަނީ، ޢަލްމާނީ ލާދީނީ ފަލްސަފަތަކާ ނުގުޅޭ ހުރިހައި ކަމެއް މުޤައްރަރުން ނަގައި އެއްލައިލުމަށެވެ. އަދި އޭގެ ބަދަލުގައި އަލްމާނީ ފަލްސަފާ ޕްރޮމޯޓުކުރާ ކަންކަން ހިމެނުމަށެވެ. މިކަން މިއަދު ވެސް ބާރު މިނުގައި ކުރެވެމުން އެބަ ދެއެވެ.

ތަޢުލީމީ ނިޒާމު ޢަލްމާނީ ކުރުމުގެ ގޮތުން މީގެ އިތުރުން ވެސް ވަރަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވަމުން ދެއެވެ. ވަރަށް ގިނަ ކަންކަން ކުރެވެމުންދެއެވެ. ތަފާތު އުސްލޫބުތައް ބޭނުން ކުރެވެމުން ދެއެވެ. ނަމަވެސް، މި ހިސާބުން މި ލިޔުން ކުރުކޮށްލަން ގަސްދުކުރަމެވެ.

އިސްވެ ދިޔަ ބައިތައް ޚުލާޞާކޮށް ދަންނަވާނަމަ، ޢަލްމާނީންގެ އެންމެ ބޮޑު އަމާޒަކީ އިސްލާމީ މުޖުތަމަޢުތަކުގައިވާ ތަޢުލީމީ މަންހަޖު ޢަލްމާނީ ކުރުމެވެ. ތަޢުލީމީ މަންހަޖު އެއްކޮށް ސެކިއުލަރ ކުރުމެވެ. އެހެނީ، މުސްތަޤްބަލުގެ ޖީލަކީ ޢަލްމާނީ ފަލްސަފާތައް ޤަބޫލު ކުރާ ޖީލަކަށް ވެއްޖެނަމަ އެ މުޖުތަމަޢެއް އޮޓޯމެޓިކުން ޢަލްމާނީ ނުވާނެ އެއްވެސް ގޮތެއް ނޯންނާނެއެވެ. އެހެންކަމުން، ޢަލްމާނީންގެ ނުރައްކާ ތަޢުލީމީ މަންހަޖަށް އޮތީ އިންތިހާއަށް ކަމުގައި ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ. އަދި، އެއީ އިސްލާމީ މުޖުތަމަޢަކަށް ދިމާވާނޭ އެންމެ ބޮޑު ގޮންޖެހުން ވެސް މެއެވެ.

 

ޚިޔާލު ފައުޅުކުރުން