މާތް ނަބިއްޔާ ﷺ  ދުޢާދެއްވި ވެރިން!

މާތް ނަބިއްޔާ ﷺ ކުރައްވަވާ ދުޢާއެއް ކަމަށް ޢާއިޝާ رضي الله عنها ގެ އަރިއަހުން ވާރިދުވެފައިވާ ދުޢާއެއްގެ މާނައިގައިވެއެވެ. ” ޔާﷲ އެވެ! މިއަޅާގެ އުންމަތުގެ ކަންކަމުގެ ތެރެއިން ކަމަކާ ހަވާލުވެ އުންމަތަށް ދަތިއުދަނގޫ ޖައްސައިފި މީހަކަށް ދަތިއުދަނގޫ ޖައްސަވައިދެއްވައިދޭނއެވެ. އަދި މި އަޅާގެ އުންމަތުގެ ކަންކަމުގެ ތެރެއިން ކަމަކާ ހަވާލުވެ އުންމަތަށް އޯގާތެރިވެއްޖެ މީހަކަށް އޯގާތެރިވެވޮޑިގަންނަވައިދޭނއެވެ.” (صحيح مسلم)

މި ޙަދީޘްފުޅުގައި މި ވަނީ އިސްލާމީ އުންމަތުގެ ކަންކަމާ ހަވާލުވާ މީހަކަށް މާތް ނަބިއްޔާ ﷺ ކުރައްވާފައިވާ ދުޢާފުޅެކެވެ. އުންމަތުގެ ކަމަކާ ހަވާލުވެ އެކަމެއް އަމާނާތްތެރިކަމާއެކު ކޮށް ރައްޔިތުންނަށް އޯގާތެރިވާ މީހަކަށް މާތް ﷲ ގެ އޯގާތެރިކަން ދެއްވުމަށް އެދިއެވެ. އަދި އެއާޚިލާފަށް އެކަމަކަށް ޣަދަރުވެރިވެ، ރައްޔިތުންގެ މައްޗަށް ބުރައަކަށްވެ އުދަނގުލާއި ދަތިކަން ޖައްސައިފި މީހަކަށް އުދަނގުލާއި ދަތިކަން މެދުވެރި ކުރެއްވުމަށެވެ.

މިއީ އުންމަތުގެ ކަންކަމާ ހަވާލުވާ މީހުން ނުހަނު ބޮޑަށް ވިސްނަންވީ ކަމެކެވެ. މި ޙަދީޘްފުޅުގައި މި ވާ ހެޔޮ ދުޢާ ލިބިގަތުމަށެވެ. އެކަން އެގޮތުގައި ކުރެވޭނީ ތިމާޔާ ހަވާލުކުރެވޭ މަޤާމާއި ވަޒީފާއަކީ ޒިންމާއެއް ކަން އެނގޭ ނަމައެވެ. އެއީ ބޮޑު މަސްއޫލިއްޔަތެއް ކަން އެނގޭ ނަމައެވެ. ދުނިޔެ މަތީގައި ނުފޫޒާއި ބާރުގެ ބޭނުން ކޮށްގެން ބޭނުންހާ ގޮތަކަށް އުޅެވުނަސް މާތް ﷲ ގެ ޙަޟްރަތަށް ހާޒިރު ކުރެވި ވަރުގަދައަށް ސުވާލު ކުރެވޭނެ ދުވަހެއް އަންނާނެ ކަން ދަންނަ ނަމައެވެ.

ހަވާލު ކުރެވޭ މަޤާމާއި ޒިންމާތަކަކީ ލިބޭ ބޮޑު ޝަރަފަކާއި ޖާހެއް ކަމަށް ބަލައި އެކަމުގެ ފޮނިމީރު ކަމުގައި އުޅެން ވިސްނައިފި މީހަކަށް އޭނާގެ ޒިންމާތައް އޮންނާނީ ފުރިހަމައަށް އަދާ ނުކުރެވިއެވެ. އެކަންކަމުގައި އޮންނާނީ ފަރުވާކުޑަކުރެވިފައެވެ. ދެއްކުންތެރިކަމާއި ކިބުރުވެރިކަމަކީ އޭނާގެ އެކުވެރިން ކަމުގައި އޮންނާނީ ވެފައެވެ. މަޤާމާއި ނުފޫޒަކީ އޭނާ އާއި އޭނާގެ ޢާއިލާ އާއި އެކުވެރިންނާއި އޭނާ ނިސްބަތްވާ ހިޒްބުގެ މީހުންގެ މިލްކެއް ކަމަށް ދެކި އެކަންކަމުން ނާޖާއިޒު ފައިދާ އެބަޔަކަށް ނަގައި ދިނުން އޮންނާނީ އާދައަކަށް ވެފައެވެ. ތިމާ އާއި ތިމާގެ އެކުވެރިންނާއި ޢާއިލީ މީހުންނަކީ ޤާނޫނީ ޙުކޫމަތު އެބައެއްގެ މައްޗަށް ހިނގަން ޖެހޭ ބައެއް ކަމުގައި އޭނާ ނުދެކޭނެއެވެ. މިފަދަ މީހަކަށް ކައިރިވެގެން ވަނީ ޙަދީޘްފުޅުގައި ވާ ބަދު ދުޢާ ކަން ކަށަވަރެވެ.

އުންމަތުގެ ކަންކަމާއި އުންމަތުގެ ރައްޔިތުންނަކީ ވެރިންގެ ބޮލުގައި އެޅުވޭ ވަރަށް ބޮޑު ޒިންމާއެކެވެ. އެ ޒިންމާ އަޅުއްވާ ފަރާތަކީ މާތް ﷲ އެވެ. ޢަދުލުވެރިކަމާއި، އަމާނާތްތެރިކަމާއި، ތެދުވެރިކަމާއި، އިޚްލާޞްތެރިކަމާއި، ވަފާތެރިކަމާއެކު މާތް ﷲ ޝަރީޢަތުގައިވާ ގޮތަށް ބިލާދާއި ޢިބާދުންގެ ކަންކަން ހަމަޖައްސައި ސިޔާސަތުކުރެއްވުމަކީ އޭނާގެ މައްޗަށް ލާޒިމުވެގެންވާ ކަމެކެވެ.

ނިންމައިލާ ހިތް އޮތީ، އިހަށްދުވަހު ނިމިދިޔަ އިންތިޚާބުގައި ކައުންސިލުތަކަށް ހޮވިވަޑައިގެންނެވި ހުރިހާ މޭޔަރުންނާއި ކައުންސިލަރުންނަށް އިސްވެ ދެންނެވުނު ޙަދީޘްފުޅު ހަނދާންކޮށްދެމުންނެވެ. އަދި މަޤާމާއި ވަޒީފާގެ ޒިންމާ އަދާކުރެއްވުމުގައި މާތް ﷲ އަށް ބިރުވެތިވުމަށް ވަޞިއްޔަތް ކުރަމުންނެވެ.

 


 

( ނޯޓު: މި ލިޔުމަކީ 16 އެޕްރީލް 2021 ގައި ޝާއިޢު ކުރެވުނު “ދީނުގެމަގު” މަޖައްލާ ޢަދަދު 15 އަށް އަޅުގަނޑު ލިޔެފައިވާ ލިޔުމެކެވެ.)

 

ޚިޔާލު ފައުޅުކުރުން