ޢަދާލަތު ޕާޓީއަށް އެއްބާރުލުން ދިނުން!

ޢަދާލަތު ޕާޓީން ރިޔާސީ އިންތިޚާބަށް ނެގި މައުޤިފާ އެންމެ ދެކޮޅު ހެދި އެކަކަށް އަޅުގަނޑުވާނެއެވެ. އަދި ފާޅުގައި ޢަދާލަތުގެ މައުޤިފަށް ފާޑުކީ މީހަކަށްވެސް އަޅުގަނޑުވާނެއެވެ. “ރިޔާސީ އިންތިޚާބު 2018 ” މިނަމުގައި އަޅުގަނޑު ލިޔުނު ސިލްސިލާ ލިޔުންތަކުގައި ޢަދާލަތުގެ މައުޤިފަށް ފާޑުކިޔައި، އެމައުޤިފު އަޅުގަނޑަށް ކަމުނުދިޔަ ސަބަބުވެސް ވާނީ ބަޔާންކޮށްފައެވެ. އަދިވެސް އަޅުގަނޑުގެ ޚިޔާލަކީ އެއީ އެވެ. އެއަކަށް ބަދަލެއްނާދެއެވެ.

މިހާރު މިވަނީ 2018 ގެ ރިޔާސީ އިންތިޚާބު ނިމިފައެވެ. ސިޔާސީ މައިދާން ވަކިކޮޅަކަށް ބުރަވެ ހަމަޖެހިފައެވެ. ޢަދާލަތު ޕާޓީ ހިމެނުނު ކޯލިޝަނުން މިވަނީ އިންތިޚާބު ކާމިޔާބުކޮށްފައެވެ.  އަނެއްކާވެސް، އަޅުގަނޑުމެންނަށް އޮތީ ވާޤިޢަށްް ބަލައިގެން ކުރިޔަށް ދިޔުމެވެ. ދީނީގޮތުންނާއި ވަޠަނީގޮތުން ޤައުމަށް މިވަޤުތަށް އެންމެ ފައިދާހުރި ގޮތަކީ ކޮބައިތޯ ބަލައި ވަޒަންކޮށް، އެގޮތަކަށް ކުރިޔަށް ދިޔުމެވެ. މިހާރު ބަލަންވީ، އެއްވެސް ޒާތީ ކަމެއްނެތި، މިޙާލަތުގައި ދީނާއި ޤައުމަށް އެންމެ ފައިދާ ބޮޑު ގޮތަކީ ކޮބައިތޯއެވެ. މަޞްލަޙާ މަފްސަދާ އަނެއްކާވެސް ޙާލަތުގެ މީޒާނުގައި ކިރާލުމެވެ. އެހެންކަމުން، މިކަމާމެދު އަޅުގަނޑު ވިސްނާތާ ގިނަ ދުވަސްތަކެއްވެއްޖެއެވެ. އަދި އަޅުގަނޑުގެ ވިސްނުމާއި ފިކުރަށް އައި ޚިޔާލާތު ކިޔުންތެރިންނާ ހިއްސާކޮށްލާނަމެވެ.

އާދެ، ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގައި ދީނާއި ޤައުމުގެ ޙައްޤުގައި ވަކާލާތުކުރަން (އޭގެ ޙަޤީޤީ މާނާގައި) ތިބި ބަޔަކަށް އަޅުގަނޑަށް ފެންނަނީ ޢަދާލަތު ޕާޓީއެވެ. ރައީސް ޔާމީނުގެ އަނިޔާވެރިކަމާއި ކޮރަޕްޝަން ހައްދުން ނައްޓައިގެން ދިޔުމުގެ ސަބަބުން، އެމްޑީޕީއާއެކު ކޯލިޝަން ހެދުމަކީ ޢަދާލަތުވި ވަރަށް ބޮޑު (ކޮމްޕްރޮމައިސް) ޤުރުބާނީއެކެވެ. އެކަމުގައި ޢަދާލަތުން ނަގަންޖެހުނީ އެއްވެސް ބަޔަކު ބިރުވެރި ހުވަފެނަކުންވެސް ނުދެކޭފަދަ ނިންމުންތަކެކެވެ. އެއީ އެންމެ ރަނގަޅު ނިންމުންކަމަށް އޭރުވެސް އަދި މިހާރުވެސް އަޅުގަނޑު ޤަބޫލުނުކުރަމެވެ. އެގޮތަށް އަޅުގަނޑު އެކަން ޤަބޫލުނުކުރާ ވަރަށް ގިނަ ސަބަބުތައްވެސް އެބަހުއްޓެވެ. އެނިންމުމަކީ އަޅުގަނޑު ޢަދާލަތާ ވަކިވާން ޖެހުނު މައިގަނޑު އެއްސަބަބުކަމުގައިވެސް ވިއެއެވެ. އަދި އަޅުގަނޑު ދެކޭގޮތުގައި ޢަދާލަތަށް އެޙާލަތުގައި އެމްޑީޕީފަދަ ޕާޓީއަކާ ކޯލިޝަން ނަހަދާވެސް ޔާމީން ސަރުކާރާ ދެކޮޅަށް ވަކާލާތު ކުރެވޭނެ ބައިވަރު މަގުތައް ހުއްޓެވެ. އަޅުގަނޑުގެ މިވާހަކަތަކަށް ޢަދާލަތުގެ ފަރާތުން ދެކޮޅު ހަދައި، އެބޭފުޅުންގެ މައުޤިފު ދިފާޢުކޮށް، ދޭނެ ބައިވަރު ޖަދަލުހުންނާނެއެވެ. އަދި މިދެންނެވި ކަންކަމާމެދު ޢަދާލަތު ޕާޓީގެ ލީޑަރޝިޕްގެ އެންމެ އިސް ބައެއްބޭފުޅުންނާ އަޅުގަނޑާ ދެމެދުވާނީ އެކިދުވަސްވަރު ތަފާތު ގިނަ ވާހަކަތަކެއް ދެކެވިފައެވެ. އަޅުގަނޑު އެބޭފުޅުންގެ ނިންމުންތަކަށް ފާޑުކިޔުމުން، އެބޭފުޅުންގެ ނިންމުންތައް ނިންމަން ޖެހުނު ސަބަބާއި، އެބޭފުޅުން މުސްތަޤްބަލާމެދު ވިސްނަވާގޮތް ހިއްސާކުރައްވައެވެ. އަދި އެކަންކަމަށް އަޅުގަނޑުގެ ހިތްތަނަވަސް ނުވިޔަސް، އެކަންކަމަށް އިޙްތިރާމުކުރާ ކަމުގައި ދަންނަވަމެވެ. މިއީ އައު ވާހަކަތަކެއް ނޫނެވެ. އަޅުގަނޑު މިޢިޝާރާތްކުރާ ބޭފުޅުންނަށް އެއީ ކޮން ބޭފުޅުންނެއްކަން އެނގިލައްވާނެއެވެ. އަދި އަޅުގަނޑުމެންގެ މެދުގައި ދެކެވުނީ ކޮންވާހަކަތަކެއްކަމާ، އަޅުގަނޑުގެ ޚިޔާލަކީ ކޮބައިކަންވެސް އެބޭފުޅުންނަށް މާރަނގަޅަށް އެނގިލައްވާނެއެވެ. އަދި އެބޭފުޅުންގެ ޚިޔާލާއި ވިސްނުންފުޅުތަކަކީ ކޮބައިކަންވެސް އެންމެ ރަނގަޅަށް އެނގޭނެ އެކަކަށް އަޅުގަނޑު ވާނެއެވެ. ނަމަވެސް، މިހާރު އެވާހަކަތަކަކީ މާޟީއެވެ. މިތަނުގައި ދައްކަން މިއުޅެނީ، މިހާރު، މިޙާލަތުގައި އަޅުގަނޑުމެން ކަންތައް ކުރަން އެންމެ އެކަށީގެންވަނީ ކޮންގޮތަކަށް ކަމެވެ.

އެގޮތުން ބަލާއިރު، ކޯލިޝަނުގައި ޢަދާލަތަކީ ބާރުގަދަ ޕާޓީއެއްގެ ގޮތުގައި އޮތުމަކީ މިވަޤުތަށް އެންމެ މުހިއްމު އެއްކަންތަކެވެ. އެންމެ މުހިއްމު އެއްކަންތަކޭ ބުނުމުގެ ބަދަލުގައި އެންމެ މުހިއްމު ކަމޭ ބުނުންވެސް އަޅުގަނޑު ދެކޭގޮތުގައި ގޯހަކަށް ނުވާނެއެވެ. އެހެނީ، ކޯލިޝަނުގައި ހިމެނިފައިވަނީ، ތަފާތު ފިކުރުތަކުގައި ތަފާތު ފަލްސަފާތަކުގެ ޕާޓީތަކެެވެ. އަދި ޕާޓީތަކުގެ ލީޑަރުންގެވެސް ވިސްނުންފުޅާއި ގެންގުޅުއްވާ ފަލްސަފާތައް ވަރަށް ތަފާތެވެ. އެގޮތަށް ބަލާއިރު، ދީނީ ފަލްސަފާއަކަށް އޮތީ ޢަދާލަތުގެ ފަލްސަފާއެވެ. ވެރިކަމުގެ ނިޒާމުގައި، ހުރިހައިކަމެއް ދީނާއި ޤައުމަށް އެންމެ ފައިދާވާ ގޮތަށްވުމަށް އެދޭ ބަޔަކީ ޢަދާލަތެވެ. ދީނާއިދުރު، ލާދީނީ ފިކުރުތަކާ އެންމެ ދެކޮޅުވެރި ޕާޓީއަކީވެސް ޢަދާލަތެވެ. މިހިރަ ވާހަކަތަކަކީ އިތުރު ހެއްކަކަށް ބޭނުންވާ ވާހަކަތަކެއްނޫނެވެ. މިއީ މާޟީން އަޅުގަނޑުމެންނަށް ފެންނަން އޮތް ޙަޤީޤަތެކެވެ. ލާދީނީ ފިކުރުތަކާ ދެކޮޅަށް ޢަދާލަތުން ކޮށްފައިވާ މަސައްކަތަކީ ޝުކުރު ޙައްޤު މަސައްކަތްތަކެކެވެ.

ލާދީނީ ފިކުރުތަކާ އަދިވެސް ކުރިމަތިލާން އޮތް ޕާޓީއަކީ ޢަދާލަތު ޕާޓީއެވެ. ޢަދާލަތަށް އަންނަ ނިކަމެތިކަމަކީ ލާދީނިއްޔަތަށް އަންނާނެ ކުރިއެރުމެކެވެ. ޢަދާލަތު ވަރުގަދަވެގެން ދިޔުމަކީ ލާދީނީ ފިކުރުތަކަށް ލިބޭނެ އެންމެ ބޮޑު ގެއްލުމެވެ. އެހެންކަމުން، ރާއްޖޭގެ ސިޔާސީ މައިދާނަށް ނަޒަރު ހިންގާލާއިރު، މިފަދަ ޙާލަތެއްގައި ޢަދާލަތު ވަރުގަދަވުމަކީ ކޮންމެހެން ބޭނުންތެރިކަމެކެވެ. ކޯލިޝަން ތެރެއިންނާއި ބޭރުންވެސް އައިސްދާނެ ލާދީނީ ފިކުރަކާ ކުރިމަތިލާނެ ބަޔަކަަށް މައިދާނުގައި އަދިވެސް އޮތީ ޢަދާލަތެވެ. ޢަދާލަތު ބަލިކަށިކޮށް އޮތުމަކީ ލާދީނީ ފިކުރުތައް އެންމެ ބޮޑަށް އުހައުވާނެ ކަމެވެ. އަޅުގަނޑު ހިތުގެ އަޑިން ޔަޤީންކުރާކަމެއް އެބައޮތެވެ. ކޯލިޝަން ތެރޭގައިވެސް ދީނަށް ވަކާލާތު ކުރާނެ ބަޔަކަށް ހަމަ އޮތީވެސް ޢަދާލަތެވެ. އެކަމަށް ޢަދާލަތުން ވަކާލާތުކުރާނެ ކަމާމެދު ޝައްކެއްނުކުރަމެވެ.

ފިކުރު ދިމާނުވާ، ކޯލިޝަނެއްގައި ޢަދާލަތު ޕާޓީ އޮތުމަކީ މިވަޤުތަށް އެޕާޓީއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ. އެގޮންޖެހުމުގެ ތެރެއަށް ޢަދާލަތު ވަނީވެސް އަމިއްލައިންނެވެ. ކޯލިޝަންތެރެއިންވެސް އެޕާޓީ ވަކާލާތުކުރާ ކަންކަން ބައެއްފަހަރު ނުވެދާނެކަމީ ޙަޤީޤަތެކެވެ. ކޯލިޝަން ތެރޭގައި ޢަދާލަތަށްވުރެ އެތައްގުނައަކަށް ނުފޫޒުގަދަ ޕާޓީތަކާއި ބޭފުޅުން ތިއްބެވުމަކީވެސް ޢަދާލަތަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެކެވެ. ސަރުކާރުގެ ވުޒާރާތަކާއި މުއައްސަސާތުތައް ބަހާލެވޭނެގޮތަކުންވެސް ޢަދާލަތަށް އެތައް ގޮންޖެހުންތަކެއް އަންނާނެއެވެ. ޢަދާލަތުން ބޭނުންނުވާ އެތައްބަޔަކު، އެވުޒާރާތަކާއި މުއައްސަސާތުތަކަށް ލެވިގެންވެސް ގޮސްދާނެއެވެ. އަދި ސަރުކާރުން ނިންމަންޖެހޭ ތަފާތު ނިންމުންތަކާއި ކަނޑައަޅާ ޕޮލިސީސްތަކާއި ބައެއް މަޝްރޫޢުތަކުގެ ސަބަބުންވެސް ޢަދާލަތަށް ނުހަނު ބޮޑު ގޮންޖެހުންތަކެއް އަންނާނެއެވެ.  މިހުރިހައި ގޮންޖެހުމަކާ އެންމެ އެކަށީގެންވާ ޙިކުމަތްތެރިގޮތެއްގައި ކުރިމަތިލުމަށް ޢަދާލަތުން ބޭނުންވެސްް ވާނެއެވެ. މިހުރިހައި ކަމެއްގައި ދީނީގޮތުން އެކަމަށް އެންމެ އެކަށީގެންވާގޮތަށް ކަންކަން ކުރިޔަށް ގެންދިޔުމަށް ޢަދާލަތުން ބޭނުންވާނެއެވެ. ލާދީނީކަމެއް ނުވަތަ ލާދީނީ ފިކުރެއް ފެތުރިގެންދާނަމަ، އެކަމާ ދެކޮޅަށް ވަކާލާތުވެސް ކުރަން ޢަދާލަތުން ބޭނުންވާނެކަމީ ޝައްކެއްއޮތްކަމެއްނޫނެވެ.

ނަމަވެސް، އެގޮންޖެހުންތަކަށް އެންމެ އެކަށީގެންވާގޮތެއްގައި ކުރިމަތިލެވޭނީ ޢަދާލަތަކީ އެހައި ލަޔާޤަތާއި ޤާބިލިއްޔަތުކަން ހުރި ޕާޓީއަކަށްވެގެންނެވެ. އެކަމަށް ޢަދާލަތަށް ބޭނުންވަނީ ދިވެހިރައްޔިތުންގެ ތާއީދާއި އެއްބާރުލުމެވެ. ޚާއްޞަކޮށް ދީނީ ޢިލްމުވެރިންނާއި ދީނީ ޖަމްޢިއްޔާ ޖަމާޢަތްތަކާއި ދީނީ ފިކުރުގެ މީހުންނާއި، ތަޢުލީމީ ޒުވާނުންނާއި ހަރުދަނާ މީހުންގެ އެއްބާރުލުމެވެ. މިތަނުގެ އެއްބާރުލުމުގެ މާނައަކީ ހުރިހައި އެންމެން ޢަދާލަތު ޕާޓީއަށް ސޮއިކުރުމެއް ނޫނެވެ. ސޮއިކުރެވޭ ހިސާބުގައި ތިބި ބަޔަކު ސޮއިކުރުމަކީވެސް މުހިއްމުކަމެކެވެ. މިތަނުގައި އެއްބާރުލުން ދިނުމުގެ މުރާދަކީ، ޢަދާލަތު ކުރިމަތިލައިގެން އެއުޅޭ ގޮންޖެހުންތަކާ ކުރިމަތިލުމުގައި، އެއަށް ވެވުނުގޮތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. ޢަދާލަތުން ކަމަކަށް އެދެފިނަމަ، އެކަމެއް ކޮށްދިނުމަށް މަސައްކަތްކުރުމެވެ. އެއްބަޔަކު އަނެއްބަޔަކާ ގުޅިގެން ދީނާއި ޤައުމަށް ފައިދާހުރި މަގުން ކަންކަން ނިންމާ، އެކަންކަން ތަންފީޒުކުރުމަށް މަސައްކަތްކުރުމެވެ. ދީނަށް އޮތް ގޮންޖެހުންތައް ދަނެގަނެ، އެގޮންޖެހުންތަކާ ކުރިމަތިލުމަށް އަތުގުޅައިގެން އެންމެން އެއްސަފެއްގައި އެއްމިސްރާބަކަށް ދަތުރުކުރުމެވެ. ދީން ކުރިއަރުވަން ކުރަންޖެހޭ ކަންކަން ދަނެގަނެ، އެކަންކަމުގައިވެސް އެންމެން ގުޅިގެން މަސައްކަތްކުރުމެވެ.

ކަންކަން އޮންނަންޖެހޭ ގޮތަކީ މިއީކަމުގައިވިޔަސް، މިކަންކަން ޙަޤީޤަތަކަށް ހެދުމަކީވެސް ގޮންޖެހުމެކެވެ. އެކުގައި އުޅުންވެސް މިވަނީ ގޮންޖެހުމަކަށްވެފައެވެ. އެއްބަޔަކު އަނެއްބަޔަކަށް އެއްބާރުލުން ދިނުންވެސް ވެފައިވަނީ ގޮންޖެހުމަކަށެވެ. ސިޔާސީގޮތުން އުފެދުނު ޚިޔާލުތަފާތުގެ ސަބަބުން އެއްބަޔަކު އަނެއްބަޔަކު މިވަނީ ވަރަށް ބޮޑަށް ދުރުވެފައެވެ. ނަމަވެސް، ޢަދާލަތު ޕާޓީން މިކަންކަމަށް އިސްނަގައިފިނަމަ، އަޅުގަނޑަށް ހީވަނީ މިއީ ދާދި ފަސޭހަކަމެއް ހެންނެވެ. އެހެނީ، ވެރިކަން ކުރާ ކޯލިޝަނުގައި ޢަދާލަތު ހިމެނޭކަމުން، ދީނީ ވުޒާރާތަކާއި ދީނީ ކަންކަމުގެ އެންމެ އިސްދައުރެއް ލިބިގެންވެސް ދާނީ ޢަދާލަތު ޕާޓީއަށެވެ. މިވަޤުތަށް ރާއްޖޭގެ ދީނީ ކަންކަމާބެހޭ ބެލެނިވެރިއަކަށް ވެގެންދާނީ ޢަދާލަތެވެ. އެހެންކަމުން، ދެން ތިބި، ދީނީ ޢިލްމުވެރިންނާއި، ދީނީ ޖަމްޢިއްޔާޖަމާޢަތްތަކުގެ އެއްބާރުލުމަށް އެދުމަކީ ޢަދާލަތަށް މިހާރު ލިބިގެންވާ ޖާއިޒު ޙައްޤެކެވެ. އެއްވެސް ޒާތީކަމެއްނެތި، އެޙައްޤުގެ ބޭނުން ޢަދާލަތުން ހިފައިފިނަމަ، މިދެންނެވި ކަންކަން ހާސިލުކުރުމަކީ ދާދި ފަސޭހަކަމަކަށް ވެދާނެއެވެ. އޭގެ ބަދަލުގައި، ސިޔާސީގޮތުން އުފެދުނު ޚިޔާލުތަފާތުގެ ސަބަބުން، ބައެއްމީހުން އެކަހެރިކޮށް، އެބައިމީހުންނަކީ ކެންސަރުކަމަށް ސިފަކޮށް، އެބައިމީހުންނާއެކު މުސްތަޤްބަލުގައި ކުރިޔަށް ނުދެވޭނެކަމަށް ޢަދާލަތުން ބުނެފިނަމަ، އުފެދޭނެ ބައިބައިވުން އަދި މާބޮޑެވެ. އެކަންވެގެންދާނީ ޒިންމާދާރުކަން ކުޑަ ޢަމަލަކަށެވެ. ދީނާއި ޤައުމަށް އެކަމުން ވާނެ ފައިދާއަށްވުރެ ގެއްލުން ބޮޑެވެ.

މިވަޤުތު ޢަދާލަތުންވެސް ނަގަންވީ ޙިކުމަތްތެރި މައުޤިފެކެވެ. ފިކުރު ދިމާނުވާ ހަތުރުންނާއެކު، ޢަދާލަތުން މަސައްކަތްކުރަމުން ދާއިރު، ފިކުރު އެއްގޮތް، ދާން ބޭނުންވާ މަންޒިލް އެއްގޮތް، އެހެންނަމަވެސް ޚިޔާތު ތަފާތުވެފައިވާ މިތުރުންނާއެކު މާބޮޑަށްވެސް މަސައްކަތްކުރެވެން ވާނެއެވެ. މަސައްކަތްކުރެވެން ވާނެއޭ ބުނުމަށްވުރެ ރަނގަޅުވާނީ މަސައްކަތްކުރުން ލާޒިމުވާނެއޭ ބުނުމެވެ. އެހެނީ، ކުރަން މިއުޅެނީ ޒާތީ މަސައްކަތެއްނޫނެވެ. ކުރަން މިއުޅެނީ ދީނީ މަސައްކަތެކެވެ. ޤައުމުގެ ލާބައާއި މަންފާ ހިމެނެނީ އެކުވެރިވުމުގައެވެ. އެހެންކަމުން، ޢަދާލަތުގެ ދޮރުތައް ހުޅުވާލަންވީއެވެ. މަރުޙަބާ ކިޔަންވީއެވެ. މިއީ އެންމެން އެއްބައިވަންތަކުރަން ޢަދާލަތަށް ލިބިގެންދާ ފުރުޞަތެކެވެ. ދީނީ ޢިލްމުވެރިންނާއި ދީނީ ޖަމްޢިއްޔާތަކާ މަޝްވަރާ ބައްދަލުވުންތަކެއް ބާއްވައި، ކުރިޔަށް ކަންތައް ގެންދާނެ ގޮތުގެ މަޝްވަރާ ފަށަންވީ މިވަޤުތެވެ. މިއަށްވުރެ މިކަމަށް މުނާސަބު ވަޤުތެއްނެތެވެ. ދީނާއި ޤައުމަށް އެންމެ ފައިދާ ބޮޑު ގޮތަކީ މިއީކަމުގައި އަޅުގަނޑު ދެކެމެވެ.

މިވަޤުތަކީ ޒާތީގޮތުން އުފެދުނު ނުތަވަސްކަން ފިލުވައިލަންވީ ވަޤުތެވެ. ހިތްހެޔޮކުރުމާއި ހިތްސާފުކުރަންވީ ވަޤުތެވެ. ދީނާއި ޤައުމުގެ ޙައްްޤުގައި ކުރިޔަށް ދާންވީ ވަޤުތެވެ. މިކަމުގެ އެންމެ ބޮޑު ދައުރެއް އަދާކުރެވޭނީ ޢަދާލަތަށެވެ. ވަކިވަކިވެ ބައިބައިވެފައިވާ ސަފުތައް އަތުރާލަން މަސައްކަތްކުރަން އެބަޖެހެއެވެ. ސަލާމުގެ އަތް އެންމެ ފުރަތަމަ ދިއްކުރާ ބަޔަކު ކަމުގައި ޢަދާލަތު ޕާޓީވާން އެބަޖެހެއެވެ. ދީނީ ޢިލްމުވެރިންނާއި، ދީނީ ޖަމްޢިއްޔާތަކާއި، ޢަދާލަތުގެ ކުރީގެ މެމްބަރުންނާއި، ހަރުދަނާ ޙަރަކާތްތެރިންނަށް ދަޢުވަތު އަރުވައި ބައްދަލުކޮށް މަޝްވަރާކޮށް، ޕާޓީގެ ދޮރުތައް އެބައިމީހުންނަށްޓަކައި ހުޅުވިފައިވާކަން ހާމަކޮށްދޭން އެބަޖެހެއެވެ. އެބައިމީހުންގެ އެހީތެރިކަން ޕާޓީއަށް ބޭނުންވާކަން ހާމަކޮށްދޭން އެބަޖެހެއެވެ.

ޚިޔާލު ފައުޅުކުރުން