قال الله تعالى: وَمَن يُعَظِّمْ شَعَائِرَ اللَّهِ فَإِنَّهَا مِن تَقْوَى الْقُلُوبِ (އަލްޙައްޖު: 32)

މާނައީ: “އަދި اللَّه ގެ ޝިޢާރުތަކަށް މާތްކޮށްހިތާމީހާ (ދަންނާށެވެ) ފަހެ، ހަމަކަށަވަރުން، އެކަންތައްވަނީ، ހިތްތަކުގެ ތަޤްވާވެރިކަމުގެ ތެރެއިންނެވެ.”

މި ކަރުދާސްކޮޅުގައި މިވަނީ ވަރަށް މަތިވެރި އާޔަތެކެވެ. މި އާޔަތުގައި ވަނީ މާތް ﷲ ގެ ޝިޢާރުތައް މަތިވެރި ކުރާ މީހަކު އެކަން ކުރާނީ އޭނާ ހިތުގައި ހިނގާ ތަޤްވާވެރިކަމެއްގެ ސަބަބުން ކަމަށް  ބަޔާންކުރައްވާފައެވެ.

މި ކަރުދާސްކޮޅުގައި މިފަދައިން މާތް ﷲ ގެ އިސްމުފުޅާއި، އެ އިލާހުގެ ކަލާމްފުޅު ހިމެނިފައިވުމުން މުއުމިނަކު ހަމަގައިމުވެސް މި ކަރުދާސްކޮޅު މަގު މައްޗަށް އެއްލައި ނުލާނެވެ. އަދި، ކިޔުމަށްފަހު، ކުނިވަށިގަނޑަށްވެސް އަޅައެއް ނުލާނެއެވެ. ހަމަ އެންމެ ސަބަބަކާ ހެދިއެވެ. މާތް ﷲ ގެ އިސްމުފުޅާއި އެ އިލާހުގެ ކަލާމްފުޅު އޭގައި ލިޔެވިފައި ވާތީއެވެ. އެހެނީ، އޭނައަކީ، މާތް ﷲ އިސްމުފުޅު މަތިވެރި ކުރާ މީހެކެވެ. އެ އިލާހުގެ ކަލާމްފުޅު މަތިވެރި ކުރާ މީހެކެވެ. މާތް ﷲ ގެ ޝިޢާރުތައް މަތިިވެރި ކުރާ މީހެކެވެ. އޭނާ ހިތުގައި ވަނީ މާތް ﷲ އަށް ބިރުވެތިކަމާއި، ތަޤްވާވެރިކަމާއި، ޤަދަރާއި ލޯތްބެވެ.

ނަމަވެސް، ހިތާމައަކީ، ބައެއްފަހަރު، އަޅުގަނޑުމެންގެ މުޖުތަމަޢުން މިއާ ޚިލާފަށްވެސް ކަންކަން ވަމުންދާތަން ފެންނާތީއެވެ. ކަރުދާސްކޮޅެއް އެއްލައިލާއިރު، އެއްވެސް ބަލައިލުމެއް ނެތި އެއްލައިލާތަން ފެނެއެވެ. ނޫސްމަޖައްލާތަކާއި، ފޮތްތަކާއި، ލިޔެކިޔުންތައް އެއްލައިލާއިރު، އޭގައި މާތް ﷲ ގެ އިސްމުފުޅެއް ލިޔެވިފައިވޭތޯ ނުވަތަ އާޔަތެއް ލިޔެވިފައިތޯ ބަލައިނުލާ އެއްލައިލާތަން ފެނެއެވެ. މިއީ ހަމަގައިމުވެސް މުއުމިނެއްގެ ހިތަށް ކެތްވާނެ މަންޒަރެއް ނޫނެވެ.

މާތް ﷲ ގެ އިސްމުފުޅު ނުވަތަ ޤުރުއާނުގެ އާޔަތްތައް ލިޔެވިފައި ހުންނަ ކަރުދާސްކޮޅެއް، ކޮންމެހެން އެއްލައިލަން ޖެހިއްޖެ ހިނދެއްގައި ކަންތައް ކުރަންވާ ގޮތްތަކެއް ވެސް އެބަހުއްޓެވެ. އެއީ، އެ ކަރުދާސްކޮޅު އަންދައިލުމެވެ. ވަޅުލުމަކީވެސް ޢިލްމުވެރިން ދެއްވާ ޙައްލެކެވެ. އަދި، އޭގައިވާ އިސްމުފުޅުތަކާއި އާޔަތްތައް ނޭނގޭނެ ވަރަށް ޤަލަމަކުން ފަވައި ކަނޑައިލުމަކީވެސް ކުރެވިދާނެ ކަމެކެވެ.

މިއީ ފަރުވާ ކުޑަ ކުރެވިގެންވާނެ ކަންކަމެއް ނޫނެވެ. އެހެން މީހަކު އެއްލައިލާފައިވާ ކަރުދާސްކޮޅެއް ބިންމަތިން ފެނިއްޖަނަމަ ވެސް ނަންގަވާށެވެ. އެއީ، ތިބާ ސުވަރުއަށް ވައްދައިފާނޭ ސަބަބަކަށްވެސް ވެދާނެއެވެ. އެހެނީ، މާތް ﷲ ގެ އިސްމުފުޅު މަތިވެރި ކުރުމަކީ ކުޑަ ކަމެއް ނޫނެވެ. އެއީ ބޮޑުކަމެކެވެ. އެފަދަ މީހަކު އެ ޙާސިލުކުރަނީ ހިތުގެ ތަޤްވާވެރިކަމެވެ. އަދި، ބޮޑެތި ފަރުބަދަތައް ވަރުގެ ޘަވާބާއި ދަރުމައެވެ.

މުޖުތަމަޢުގައި ހިނގާ މިފަދަ ކަންކަން ހުއްޓުވޭނީ، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް ޢަމަލީގޮތުން ހެޔޮ ނަމޫނާ ދައްކައިގެންނެވެ.

 

(ނޯޓު: މި ލިޔުމަކީ 5 ފެބުރުއަރީ 2021 ގައި ޝާއިޢު ކުރެވުނު ދީނުގެމަގު މަޖައްލާ، ޢަދަދު 5 އަކަށް ލިޔެފައިވާ ލިޔުމެކެވެ.)

ޚިޔާލު ފައުޅުކުރުން