އާޑަކިޔުމަކީ މަލާމާތް ކުރުމާއި ފުރައްސާރަ ކުރުމެވެ. ދީނީ ނަޒަރަކުން ބަލާއިރު، އާޑަފުރައްސާރަ ކުރުމަކީ ވަރަށް ބޮޑަށް ނަހީކުރައްވައި މަނާ ކުރައްވާފައިވާ ކަމެކެވެ.

ނަމަވެސް ހިތާމައަކީ އަޅުގަނޑުމެންގެ މުޖުތަމަޢުގައި މި ނުބައި ވަބާ ވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ. ކިރިޔާވެސް ތިމާ ހިތްހަމަނުޖެހޭ ކަމެއް ދިމާވެއްޖެނަމަ، އެންމެ ފަސޭހައިން ކުރާ ކަމަކަށް ވެފައި މި އޮންނަނީ އާޑަކިޔުމެވެ.

މުސްލިމުންނަކީ މާތް ﷲ އެންގެވި ގޮތަށް އެބައިމީހުންގެ އުޅުމާއި ގުޅުންތައް ބައްޓަން ކުރާންޖެހޭ ބައެކެވެ. އެގޮތުން މާތް ނަބިއްޔާ ﷺ އަށް ތަބާވުމަކީ ވަރަށް ބޮޑަށް ކީރިތި ޤުރުއާނުގައިވެސް މާތް ﷲ ބާރުއަޅުއްވައިފައިވާ ކަމެކެވެ. އެކަލޭގެފާނުގެ ސުންނަތުގައި ބަޔާންވެފައިވާ ކަމެއް ކުރުމުގެ ސަބަބުން އެ ސުންނަތަށް ތަބާވި މީހަކަށް އާޑަކިޔައި ފުރައްސާރަ ކުރުމަކީ ނުސީދާކޮށް ސުންނަތަށް ފާޑުކިޔުމެވެ. މިއީ ވަރަށް ނުރައްކާތެރި ބިރުވެރި ކަމެކެވެ. އެއީ އެނގިގެން ކުރާ ކަމެއްނަމަ، މީހާ ދީނުންވެސް ބޭރުވެގެން ހިނގައިދާނެ ކަމެކެވެ.

މުސްލިމުންނަށާއި މުއުމިނުންނަށް އުދަނގޫ ކުރުންވެސް ވަނީ ކީރިތި ޤުރުއާނާއި މާތް ނަބިއްޔާ ﷺ ގެ ޙަދީޘްފުޅުތަކުން ވަރަށް ބޮޑަށް ނަހީކުރައްވައި މަނާ ކުރައްވައިފައެވެ. ކުރީން ދީނާ އެހައި ގާތް ނޫން މީހަކު ދީނަށް ހިތްޖެހި، މާތް ﷲ ގެ ރަޙްމަތަށް އެދި، މާތް ﷲ ގެ ދީނުގައި އޮތްގޮތް ބަލައި އޮޅުން ފިލުވައި، އިންސާނިއްޔަތަށް ނަމޫނާއަކަށް ފޮނުއްވި މާތް ނަބިއްޔާ ﷺ ގެ ސުންނަތަށް އުޅޭން މަސައްކަތް ކުރާން ފެށުމުން އެމީހަކަށް އާޑަ ކިޔުމަކީ ޝައިޠާނާއަށް ވެދެވޭ އެހީތެރިކަމެކެވެ. އެކަމާ އެންމެ އުފާ ވާނީ ޝައިޠާނާއެވެ. އަދި އެކަމުގެ ގެއްލުމާއި ހަލާކު އާޚިރުގައި އޮތީ އެ އާޑުކިޔާ މީހަކަށެވެ. އެހެނީ، މާތް ﷲ ގެ މަގުގައި ސީދާކަން މަތީގައި އުޅޭން މަސައްކަތް ކުރާ މީހަކީ މާތް ﷲ ގެ ވަލީވެރިއެކެވެ. އެފަދަ މީހަކާ ދެކޮޅުވެރިވުމަކީ މާތް ﷲ އާ ދެކޮޅުވެރިވުން ކަމުގައި މާތް ﷲ ވަނީ ޤުދުސީ ޙަދީޘްފުޅެއްގައި ވަޙީކުރައްވާފައެވެ. މާތް ﷲ އާ ޢަދާވާތްތެރިވެއްޖެ މީހެއް ބަލިކަށިވެގެން ނުދާނޭ ގޮތެއް ނޯންނާނެކަން ކަށަވަރެވެ.

އިއްޔެ ދީނާ ދުރުގައި އުޅެފައި މިއަދު ދީނަށް ހިތްޖެހިގެން ފަރުޟު ފަސްނަމާދު ބަރާބަރަށް އަދާކޮށް، އަދި، އުޅުމާއި ގުޅުމުގައި ދީނީ ކުލައާއި މަޡްހަރު ޖެހިގެންދާ މީހަކީ ހައްދުފަހަނައަޅައިދާ މީހެއް ކަމަށް ސިފަކުރާ ކުރުމަކީވެސް ވަރަށް ބޮޑު ގޯހެކެވެ. އަދި، އެހެނޭ ކިޔާފައި، އޭނާއަށް އުނދަގޫކޮށް ޖެއްސުންކޮށް އާޑަ ކިޔާ ކިޔުމަކީ، އެއްވެސް ޙައްޤެއް ނެތި އޭނާގެ ޙައްޤަކަށް އަރައިގަތުންވެސްމެއެވެ. އެއީ އޭނާ މާފުދިނުމުން ނޫނީ މާފުނުވާނޭ ކަންކަމެވެ.

އަޅުގަނޑުމެންގެ މި އިސްލާމީ މުޖުތަމަޢުގައި މިފަދަ ކަންކަން ހިނގުމަކީ އެއްގޮތަކަށް ވެސް ރަނގަޅު ކަމެއް ނޫނެވެ. މިފަދަ ކަންކަން ހުއްޓުވޭނީ، އެފަދަ ނޭދެވޭ އާޑަފުރައްސާރަ ކުރުމަކީ ވަރަށް ބޮޑު ނުބައި ކަމެއް ކަން ދަނެ، އެކަންކަމާ އަޅުގަނޑުމެން އެންމެން ދެކޮޅުވެރިވެ ދުރުހެލިވެގެންނެވެ.

 

(ނޯޓު: މި ލިޔުމަކީ 19 ފެބްރުއަރީ 2021 ގައި ޝާއިޢު ކުރެވުނު ދީނުގެމަގު، ޢަދަދު 7 އަކަށް ލިޔެފައިވާ ލިޔުމެކެވެ.)

ޚިޔާލު ފައުޅުކުރުން