ޢަރަބިއްޔާ ސްކޫލާ މެދު ކަންތައް ވަމުން ދާ ހިތާމަވެރި ގޮތް!

1961 ވަނަ އަހަރު ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމަކީ އިނގިރޭސި މީޑިއަމް ކިޔަވައިދޭ ނިޒާމަކަށް ބަދަލުވުމަށް ފަހު، ޢަރަބި ބަސް ރަސްމީކޮށް ކިޔަވައި ދިނުން ވެސް އެ ހިސާބުން ހުއްޓުނެވެ. އަދި، ރައީސް މައުމޫނު ވެރިކަމަށް ވަޑައިގެންނެވި އިރު، ރާއްޖޭގައި ދީނީ ޢިލްމު އުނގަންނައިދޭ ރަސްމީ ވަކި މަދަރުސާއެއް ހުރިކަމެއް އެނގޭކަށް ނެތެވެ. އެހެން އެކަން ހުއްޓައި، 9 ފެބްރުއަރީ 1980 ވަނަ އަހަރު ދީނީ ތަޢުލީމަށް ޚާއްޞަ ކުރެވިގެން ޢަރަބި މީޑިއަމަށް މަދަރުސާއެއް ސަރުކާރުން އަޅުއްވައި ދެއްވިއެވެ. އެއީ މަޢުހަދުއްދިރާސާތިލް އިސްލާމިއްޔާއެވެ.

މަޢުހަދުއްދިރާސާތިލް އިސްލާމިއްޔާއަށް ލިބިގެން ދިޔައީ ހޫނު ތަރުޙީބެކެވެ. އެތަނުން ކިޔެވުމަށް އެދޭ ދަރިވަރުންގެ ޢަދަދު ދިޔައީ އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ. ނަތީޖާއަކަށް ވީ، 8 ފެބްރުއަރީ 1987 ވަނަ އަހަރު ސަރުކާރުން ޢަރަބި މީޑިއަމަށް ތަޢުލީމު ދޭނޭ އިތުރު މަދަރުސާއެއް ހުޅުއްވައި ދެއްވުމެވެ. އެއީ މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއެވެ. އާދެ، ޢަރަބިއްޔާ ސްކޫލެވެ.

ދިވެހި ދީބަށް މި ދެ މަދަރުސާއިން އެތަކެއް އަގުހުރި ދަރިވަރުންތަކެއް އުފައްދަވައި ދެއްވިއެވެ. މިހާރު ޤައުމުގެ އެކިއެކި ދާއިރާތަކުގައި ޚިދުމަތް ކުރައްވަމުން ގެންދަވާ ޢިއްޒަތްތެރި ބައެއް ބޭފުޅުންކޮޅަކީ މި ދެ މަދަރުސާއިން ކިޔެވުން ނިންމެވުމަށް ފަހު، ދުނިޔޭގެ އެކިއެކި ޔުނިވާސިޓީތަކުން މަތީ ތަޢުލީމު ހާސިލުކުރައްވައިގެން ވަޑައިގެން ބޭފުޅުންކޮޅެކެވެ. މި ދެ މަދަރުސާއިން ވަނީ، އަގުހުރި އެތައް ދަރީންނަށް ދިވެހި ޤައުމަށް ދެއްވާފައެވެ.

އިސްވެ ދެންނެވުނީ ޢަރަބިއްޔާ ސްކޫލުގެ އުޖާލާ ދުވަސްވަރުގެ ވާހަކައެވެ. ދެން ޢަރަބިއްޔާ ސްކޫލަށް ދިމާވެގެން އުޅޭ ހިތްދަތި ދުވަސްތަކުގެ ވާހަކައަށް އެނބުރިލަމާތޯއެވެ. އާދެ، ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން 2007 ވަނަ އަހަރު އަލްޖަޒީރާ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި އޭރު އިދިކޮޅު ޕާޓީ އެމްޑީޕީގެ ލީޑަރު، މުޙައްމަދު ނަޝީދު (އަންނި) ވިދާޅުވީ، ރާއްޖޭގައި 11000 ކުދިން ޢަރަބި ތަޢުލީމު އުނގެނެމުންދާ ކަމަށާއި، މައުމޫނު ވެރިކަމާ ހަވާލުވުމަށް ފަހު ޢަރަބި މީޑިއަމަށް ކިޔަވައިދޭ ދެ މަދުރަސާ ސަރުކާރުން ހިންގަވާ ކަމަށެވެ. ނަމަވެސް، އެއީ އިސްލާމީ ފަންޑަމެންޓަލިޒަމަށް ސަރުކާރުން އެހީވެދީ ވާޤިވެރިވުން ކަމަށާއި ލިބަރަލް ޑިމޮކުރަސީއަކާއި މުޅިން ދެކޮޅު ކަމެއް ކަމުގައެވެ.

ރައީސް ނަޝީދަށް 2008 ގައި ވެރިކަން ލިބިވަޑައިގަތުމަށް ފަހު އެކިއެކި ގޮތްގޮތުން ޢަރަބިއްޔާ ސްކޫލަށް ފިއްތުންތައް ކުރިމަތިވެފައިވެއެވެ. ޢަރަބިއްޔާ ސްކޫލުގެ ޢިމާރާތް ބާވެ، ޝީޓުތައް ނެއްތި، ސީލިންގުތައް ކުދީންގެ ބޮލަށް ވެއްޓެން ފެށުމުން ޢަރަބިއްޔާއިން އެދެމުން ދިޔައީ އެތަން މަރާމާތުކޮށް ދެއްވުމަށެވެ. ނަތީޖާއަކަށް ވީ 2010 ވަނަ އަހަރު ސަރުކާރުން ޢަރަބިއްޔާ ސްކޫލު ހުރި ޢިމާރާތް ބާވެއްޖެ ކަމަށް ބުނެ، އެތަން މަރާމާތު ކުރުމުގެ ނަމުގައި އެއިރު މަންދުކޮލެޖު ހިންގަމުން އައި އެމްއީއެސް ޢިމާރާތަށް ޢަރަބިއްޔާ ކުދީން ބަދަލުކުރުމެވެ. ނަމަވެސް ޢަރަބިއްޔާ ސްކޫލު ހިންގި ބިމުގައި މާލޭގެ ރަށްވެހީންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވުމުގެ ނަމުގައި ފްލެޓް އެޅުމަށް ނިންމައި އެތަން ސަރުކާރަށް ނެގީއެވެ.

އެމްއީއެސް ޢިމާރާތުގައި ޢަރަބިއްޔާ ކުދީން ކިޔަވަމުން އައީ ވަރަށް ދަތި ހާލުގައެވެ. އެސެމްބްލީއެއް ނުބޭއްވި، އިތުރު ޙަރަކާތްތައް ވެސް ނުބޭއްވިއެވެ. އެ ތަނުގައި އެ ކުދީން ކިޔަވަމުން އައީ ކުދީންތަކެއް ޓިއުޝަން ކްލާސްތަކެއްގައި ކިޔަވަން ތިބޭ ފަދަ ގޮތަކަށެވެ. މިހިރަ ކަންކަމާއި އަދި ޢަރަބިއްޔާ ބިމުގައި އެ ސްކޫލަށް އައު ޢިމާރާތެއް އެޅުމުގެ ނަމުގައި އެ ތަން އަތުލުމަށް ފަހު، އެތަނުގައި ފްލެޓު އަޅަން ނިންމުމުން، އެ ކަންކަން ޙައްލުކޮށްދެއްވުން އެދިގެން ރައީސް ނަޝީދާ ބައްދަލު ކުރަން ދިޔަ ޢަރަބިއްޔާ ސްކޫލުގެ ބެލެނިވެރިންނާ މެދު ކަންތައް ވެގެން ދިޔައީ ވެސް ވަރަށް ހަރުކަށިކޮށެވެ. އެ ބެލެނިވެރިންނާ ރައީސް ނަޝީދު ބައްދަލު ކުރައްވަން އިންކާރު ކުރެއްވިއެވެ. އަދި ފުލުހުން މެދުވެރިކޮށް އަނިޔާވެރި ގޮތަކަށް ކަރުނަ ގޭސް ޖަހައި އެ ބެލެނިވެރީންނަށް އެތަކެއް އަނިޔާތަކެއް ދެވުނެވެ.

އެއަށް ފަހު، ރައީސް ނަޝީދު ސަރުކާރުން ޢަރަބިއްޔާ ސްކޫލަށް ކުރީގެ ޢަރަބިއްޔާ ބިމަށް ވުރެ 5000 އަކަ ފޫޓު ކުޑަ ބިމެއްގައި ޢިމާރާތެއް އަޅަން ނިންމިއެވެ. އެއީ އަމީނިއްޔާ ސްކޫލު ކުރިމަތީގައި އޮތް ކުރިން އީޕީއެސް ސްކޫލު ހިންގި ބިމެވެ. ޢަރަބިއްޔާގެ ޕީޓީއޭއިން ސަރުކާރުގައި އެދެމުން ދިޔައީ، ކުރީގެ ބިމުގައި ޢަރަބިއްޔާ ސްކޫލު އަޅުއްވައި ދެއްވުމަށެވެ. ސަރުކާރުން އެ ބިން ނަގާކަމުގައި ވަނީވިއްޔާ، ބޮޑުމިނުގެ ގޮތުން އެފަދަ އެހެން ބިމެއް ދެއްވުމަށެވެ. ނަމަވެސް، ރައީސް ނަޝީދު ސަރުކާރުން އެ ވާހަކަތަކަށް ދެއްވީ ބީރު ކަންފަތެކެވެ. އަދި، ސަރުކާރުން ވިދާޅުވަމުން ގެންދެވީ، ބެލެނިވެރީން ކިތަންމެ ބޭނުން ކަމުގައި ވިޔަސް، އަދި ކިތަންމެ މުޒާހަރާއެއް ކުރިކަމުގައި ވިޔަސް، ކުރީގެ ބިމުގައި ދެން ޢަރަބިއްޔާ ޢިމާރާތެއް ނޭޅޭނޭ ކަމުގައެވެ. އެއީ މާލޭގެ ރަށްވެހީންނަށް ފްލެޓް އަޅަން އަބަދުވެސް ވިސްނާފައި އޮތް ބިމެއް ކަމަށެވެ.

ސަރުކާރުން ފަހުން ޢަރަބިއްޔާއަށް ކަނޑައަޅުއްވައި ދެއްވި ބިމުގައި ޢިމާރާތް އަޅައި ނިމުނީ 2013 ވަނަ އަހަރު ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ވެރިކަމުގައެވެ. އެ ޢިމާރާތަކީ އުސް ނަމަވެސް ބިމުގެ ގޮތުން ޖާގަ ކުޑަ ތަނެކެވެ. އެހެން ސްކޫލުތަކާ ޚިލާފަށް ކުޅިވަރާއި އިތުރު ޙަރަކާތްތައް ހިންގާނެ ތަންކޮޅެއް ނެތް ތަނެކެވެ. ނަމަވެސް މި ހުރިހާ ކަމަކަށް ކެތްކޮށްލައިގެން ޢަރަބިއްޔާ ސްކޫލު އެތަނުގައި ހިންގަމުން ދިޔައެވެ. ނަމަވެސް މާ ގިނަ ދުވަހެއް ނުވެ، ޢަރަބިއްޔާގެ ސީލިންގުތަކުން ފެން ލީކުވާން ފެށިއެވެ. އަދި ޢިމާރާތްތަކުގެ ތަނބުތަކުން ބޮޑެތި ރެނދުތައް އުފެދެން ފެށިއެވެ. ނުރައްކާތެރި ޙާދިސާއެއް ހިނގާފާނޭ ކަމުގައި ބިރުބޮޑު ދަރަޖައަކަށެވެ.

2018 ވަނަ އަހަރުން ފެށިގެން އެކިއެކި ފަހަރު، މިކަން އެޑިޔުކޭޝަނުގެ ސަމާލުކަމަށް ގެނެސް ބެލެނިވެރިންނާއި މުދައްރިސުންނާއި މެނޭޖުމަންޓުން އާދޭސްކޮށްގެން ވެސް އެތަން މަރާމާތު ކުރުމަށް ވަނީ ބަޖެޓު ކަނޑައަޅައި ނުދެވިފައެވެ. އެކަންކަން ކުރަން ސަރުކާރުގައި ބަޖެޓު ނެތްކަމުގެ ބަހަނާ އެތަައް ފަހަރަކު އެޑިއުކޭޝަނުން ދިޔައީ ދައްކަމުންނެވެ. އެތަނާ މެދު ޢަމަލު ކުރެވެމުން ދަނީ އިހާނެތި ގޮތަކަށެވެ. އެތަނަކީ އެހެން ސްކޫލްތަކާ އެއް ހަމައެއްގައި މުޢާމަލާތް ކުރެވޭ ސްކޫލެއް ނޫން ކަން ސަރުކާރުގެ ޢަމަލުތަކުން ދަނީ ސާބިތުވަމުންނެވެ.

މިގޮތަށް އާދޭހަކަށް ފަހު އާދޭހެއް ކުރަމުން ދިޔުމުން އަދި މިކަމަކީ ނޫސްތަކުގެ ފަލަ ސުރުޚީތަކުން ޖާގަ ލިބޭ ޚަބަރަކަށް ވާން ފެށުމުން، 2021 ވަނަ އަހަރު ފަހު ކޮޅުގައި ސަރުކާރުން ވަނީ ޢަރަބިއްޔާ ސްކޫލު މަރާމާތު ކުރުމުގެ ގޮތުން، އެތަނުން ކުދީން ބޭރުކޮށް، ޢިއްޒުއްދީން ސްކޫލު ޢިމާރާތަށް ބަދަލުކުރަން ނިންމާފައެވެ.

ޢިއްޒުއްދީންއަކީ ކުރީގެ އެމްއީއެސް ހުރި ޢިމާރާތެވެ. ނަމަވެސް 800 އެއްހާ ދަރިވަރުން ކިޔަވަމުން ދާ ޢަރަބިއްޔާ ސްކޫލުގެ ދަރިވަރުން ޢިއްޒުއްދީން ސްކޫލުގެ ޢިމާރާތަށް ބަދަލު ކުރުމަކީ ވަރަށް ދަތި އުނދަގޫތަކެއް ކުރިމަތިވާނޭ ކަމެއް ކަމަށް ދެކި ބެލެނިވެރިން ދަނީ އެކަމާ ދެކޮޅު ހަދަމުންނެވެ. އެހެނީ، މިހާރު ޢަރަބިއްޔާގެ ޢިމާރާތުގެ ޖާގައަކީ 46 ކްލާސްރޫމެވެ. ނަމަވެސް އެއީ ވެސް ޖާގައިގެ ގޮތުން ދަތި މިންވަރެކެވެ. ޢިއްޒުއްދީން ސްކޫލުގެ ކްލާސްރޫމުގެ ޖާގައަކީ 20 ކްލާސްރޫމެވެ. އެޑިއުކޭޝަނުގެ ވިސްނުން ހުރީ އެތަނުގެ ޖާގައަށް ވާ ވަރަށް ކުދީން އެތަނަށް މެންދުރުފަހު ދަންފަޅިއަށް ގެން ގޮސްގެން ކިޔަވައި ދިނުމަށެވެ. އަދި، ބަކީ ކުދީންނަށް އޮންލައިންކޮށް ކިޔަވައި ދެއްވުމަށެވެ.

އެތަނަށް ކުދީން ބަދަލު ކުރަން ބެލެނިވެރީން ދެކޮޅު ހަދާ އަނެއް ސަބަބަކީ، ޢަރަބިއްޔާ ސްކޫލަށް ވާ ޢިމާރާތެއްގެ ގޮތުގައި ޢިއްޒުއްދީން ސްކޫލުގެ ޢިމާރާތް ދާއިމީކޮށްފާނެ ކަމުގެ ބިރު ވެސް އޮތުމެވެ. ސްކޫލުގެ ޕީޓީއޭއިން ސަރުކާރުގައި އެދިފައި ވަނީ، ޢަރަބިއްޔާގެ ދަރިވަރުންނާ އެކު އެހެން އެއްވެސް ސްކޫލެއްގެ ދަރިވަރުން މައްސުނި ނުވާނެ ހެން ކަންކަން އިންތިޒާމުކޮށްދެއްވުމެވެ. އަދި އެހެނިހެން ސްކޫލުތަކުގެ ދަރިވަރުންނަށް ވެސް ލިބިދީފައިވާ ފުރުޞަތުތައް ޢަރަބިއްޔާ ދަރިވަރުންނަށް ފަހިކޮށްދެއްވައި ކިޔެވުމަށް އެކަށީގެންވާ ދާއިމީ މާހައުލެއް ޤާއިމުކޮށްދެއްވުމެވެ.

ޚިޔާލު ފައުޅުކުރުން

  • ވަކި މީހަކަށް އިނގިލި ދިއްކުރުމުގެ ބޭނުމެއް ނެތް! ބޭނުންހާ ގޮތަކަށް ހުރިހާ ކަމެއް އެއްވެސް ސްކޫލަކަށް އަދި މީހަކަށް ވެސް ނުވޭ! އަރަބި ތައުލީމު ކިޔާ ތައުލިމެއް ދުނިޔެއަކު ނޮވޭ! އޮންނަނީ އަރަބި ބަހެއް! އެބަހުން ވެސް ހާސިލުކުރަނި އެހެން ބަހުން ވެސް ހާސިލުކުރާ ތައުލީމު. އަރަބި ބަސް ދަސްކުރުމަކީ ކޮންމެ ދަރިވަރަކަށްވެސް ކުރެވިދާނެ ކަމެއް!

    • އިސްލާމީ ތަޢުލީމު އެދެވޭ ގޮތެއްގައި ކިޔަވައި ދެވޭނީ ޢަރަބި ބަހުން! ސަބަބަކީ ދީނުގެ ދެ މަޞްދަރު ވަނީ ޢަރަބި ބަހުން! އެ ދެ މަޞްދަރަށް ރުޖޫޢަވެގެން ނޫނީ އިސްލާމީ ތަޢުލީމެއް ލިބިގަތުމަކީ މުސްތަޙީލު ކަމެއް. ޢަރަބި ބަސް ނޭނގޭ ނަމަ، ދެން އެ ދެ މަޞްދަރަށް ރުޖޫޢަ ވެވެން އޮންނާނީ ދެވަނަ މީހެއްގެ ތަރުޖަމާގެ ތެރެއިން. ތަރުޖަމާއަކީ އެންމެ ފުރިހަމަ ގޮތަކަށް ނުވެދާނެ. ޢަރަބި އިސްލާމީ ތަޢުލީމަކީ އޮންނަ އެއްޗެކެވެ. އޮންނަނީ މި ދެންނެވި ސަބަބާ ހެދިއެވެ. ރާއްޖޭއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމަކަށް ވުމުން އިސްލާމީ ޢަރަބި ތަޢުލީމު އޮތުމަކީ ކޮންމެހެން ލާޒިމު ކަމެއް.