ރަޖަމަކީ ކޮބާ؟

ރަޖަމަކީ އިސްލާމްދީނުގައި ކަނޑައެޅިފައިވާ ޙައްދުތަކުގެ ތެރެއިން ޙައްދެކެވެ. ނުވަތަ ޢުޤޫބާތުގެ ތެރެއިން ޢުޤޫބާތެކެވެ. މިޙައްދު ކަނޑައެޅިފައިވަނީ، މުޙްޞަނެއް (ޞައްޙަ ކައިވެނިއެއްކޮށް، އެކައިވެނީގެ ރަހަ ލިބިފައިވާ މީހެއް) ޒިނޭގެ ފާޙިޝް ޢަމަލެއް ކޮށްފިކަން ޝަރީޢަތަށް ޘާބިތުވެއްޖެނަމަ އެކަމުގެ ޢުޤޫބާތެއްގެ ގޮތުންނެވެ.

ރަޖަމު ކުރެވޭ ގޮތަކީ، ރަޖަމުގެ ޙުކުމް އިއްވިފައިވާ މީހާ ކުދި ގަލުން/ހިލައިން ތަޅައި މަރާލުމެވެ. މިޙުކުމް ޤާއިމުކުރުމަކީ، ޙާކިމް މީހާގެ މަސްއޫލިއްޔަތެކެވެ. އަދި، މިކަން ކުރެވިގެންދަނީ ޢާންމު ރައްޔިތުންގެ ކުރިމަތީގައި، އެ ރައްޔިތުން މެދުވެރިކޮށެވެ.

ޒިނޭކުށް ޘާބިތުވާން އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވަނީ، ދެގޮތަކަށެވެ. ނަމަވެސް ބައެއް ޢިލްމުވެރިން ތިން ގޮތެއް ބަޔާންކުރައްވައެވެ. އެއީ، ޒިނޭ ކުރިކަމަށް އެމީހަކު އަމިއްލައިން ޝަރީޢަތުގެ މަޖިލީހުގައި އިޢުތިރާފުވުމެވެ. ނުވަތަ، ޒިނޭ ކުރި ފިރިހެނާގެ އައުރަ ގުނަން، ޒިނޭ ކުރި އަންހެނާގެ އައުރަ ގުނަނުގެ ތެރެއަށް ވަންނަ ތަން އެއްވެސް ޝައްކެއްނެތް މިންވަރަށް ފެނުނުކަމަށް ހެކިވާ 4 ހެކިންގެ ހެކިބަހަށެވެ. ދެން ތިންވަނަ ކަމަކަށް، ބައެއް ޢިލްމުވެރިން ބަޔާންކުރައްވަނީ، ކައިވެނިން ބޭރުގައި އަންހެނާ ބަލިވެ އިނުންކަމަށެވެ.

ނަމަވެސް، ފަހުން މިދެންނެވި ތިންވަނަ ގޮތާމެދު ޢިލްމުވެރިންގެ މެދުގައި އިޚްތިލާފު އެބައޮތެވެ. އެހެނީ، އެކަމުގައި ޝުބުހަ އޮތުމުންނެވެ. ޝުބުހަ އޮތުމޭ މިދެންނެވީ، ރޭޕެއްގެ ސަބަބުން ފަދަ ކަމަކުން ދިމާވި ކަމެއްގެ އިޙްތިމާލު އެކަމުގައި އޮތުމެވެ. ޙައްދަކީ ޝުބުހައެއް އޮވެއްޖެނަމަ، ޤާއިމުނުކޮށް ދޫކޮށްލެވޭ ކަމެކެވެ. އެހެންކަމުން، ޖުމްހޫރު (ގިނަ) ޢިލްމުވެރިންގެ ރައުޔަކީ ޝުބުހައެއް އޮވެއްޖެނަމަ، ކައިވެނިން ބޭރުގައި ބަލިވެ އިންނަ އަންހެނާގެ މައްޗަށް ޒިނޭގެ ޙައްދު ޤާއިމުނުކުރެވޭނެ ކަމެވެ.[1]      

  • ރަޖަމުގެ ޙައްދު ސުންނަތުން:

ރަޖަމުގެ ޙައްދުގެ ޙަޤީޤަތަށް ބަލާއިރު، ރަޖަމުގެ ޙައްދަކީ، މާތް ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތުން، ޤަޠްޢީކޮށް ޘާބިތުވެފައިވާ ޙުކުމެކެވެ. ޤަޠްޢީކޮށް ޘާބިތުވުމުގެ މުރާދަކީ، އެއްވެސް ޝައްކެއްނެތް މިންވަރަށް، ޔަޤީންކަމާއެކު، މާތް ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން އެ ޙުކުމް ބަޔާންވެފައިވުމެވެ. މާނައަކީ، ޙަދީޘް ޢިލްމުވެރިން ކައިރީގައި، މި ބަސްފުޅަކީ ސީދާ މާތް ނަބިއްޔާ صلى الله عليه ގެ މާތް ޠާހިރު ދޫފުޅުން ޙަދީޘްފުޅު ކުރައްވާފައިވާ ބަސްފުޅެއްކަމަށް ސައްތައިންސައްތަ ޔަޤީންވާ ދަރަޖައަށް ދިއުމެވެ. އެއަށް މިކިޔަނީ ޤަޠްޢީކޮށް ޘާބިތުވުމެވެ. ރަޖަމުގެ ޙައްދާ ބެހޭގޮތުން އެކަލޭގެފާނުގެ އަރިހުން ވާރިދުވެފައިވާ ޙަދީޘްފުޅުގެ ދަރަޖަ ގޮސްފައިވަނީ މިހިސާބަށެވެ. މާތް ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތުން ކަނޑައެޅިގެން ޤަޠްޢީކޮށް ޘާބިތު މައްސަލައެއްގެ ގޮތުގައެވެ.

ވަރަށް ގިނަ ޢިލްމުވެރިންގެ އަރިހުގައި ރަޖަމުގެ ޙައްދަކީ މުތަވާތިރު މަގުން ވާރިދުވެފައިވާ ޙައްދެކެވެ. ޙަދީޘް ޢިލްމުވެރިންގެ އަރިހުގައި މުތަވާތިރުގެ މުރާދަކީ، މާތް ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން އެ ޙަދީޘްފުޅެއް ރިވާ ކުރެއްވުމުގައި، އެތަކެއް ބައިވަރު ޞަޙާބީންނެއް އެ ޙަދީޘްފުޅު ރިވާ ކުރެއްވުމާއެކު، އެ ޞަޙާބީންގެ ފަރާތުންވެސް އެތަކެއް ބައިވަރު ޠާބިޢީންނެއް ރިވާކުރެއްވުމާއި، މިބީދައިން ގޮސް، ޙަދީޘް ރިވާކުރައްވާފައިވާ މުޅި ސިލްސިލާގައި އެތަކެއް ބައިވަރު ރާވީންތަކެއް ރިވާކުރެއްވުމުގެ ސަބަބުން، ބަޔަކު އިއްތިފާޤުވެ ދޮގެއް ހަދަން ފުރުޞަތެއް ނެތް ދަރަޖައަށް އެ ޙަދީޘްފުޅެއް ރިވާވެގެން އައުމެވެ.

ރަޖަމުގެ ޙަދީޘްފުޅަކީ މުތަވާތިރު ޙަދީޘްފުޅެއްކަމަށް ވިދާޅުވާ ޢިލްމުވެރިންގެ ތެރޭގައި، މުތަވާތިރު މި މައުޟޫޢަށް ފޮތް ލިޔުއްވާފައިވާ ޢިލްމުވެރިން ހިމެނެއެވެ. އޭގެ ތެރޭގައި، އިމާމު ޖަލާލުއްދީން އައްސުޔޫޠީ (911ހ) އެކަލޭގެފާނުގެ ފޮތް “قطف الأزهار المتناثرة في الأخبار المتواترة” ގައި 380 ވަނަ ހަދީޘްފުޅަކަށް ރަޖަމުގެ ޙަދީޘްފުޅު ހިމަނުއްވާފައިވެއެވެ. އަލްމުރުތަޟާ އައްޒަބީދީ (1205ހ)، އެކަލޭގެފާނުގެ ފޮތް ” لقط الآليء المتناثرة في الأحاديث المتواترة” ގައި 47 ވަނަ ޙަދީޘްފުޅުގެ ގޮތުގައި ހިމަނުއްވާފައި ވާއިރު، މުޙައްމަދު ބުނު ޖަޢުފަރު އަލްކިއްތާނީ (1345ހ)، އެކަލޭގެފާނުގެ ފޮތް ” نظم المتناثرة في الحديث المتواتر ” ގައި ރަޖަމުގެ ޙައްދާ ބެހޭ ޙަދީޘްފުޅު 182 ވަނަ ޙަދީޘްފުޅުގެ ގޮތުގައި ހިމަނުއްވާފައިވެއެވެ.

މިހުރިހާ ފޮތްތަކަކީވެސް މުތަވާތިރު ޙަދީޘްފުޅުތައް ހިމަނުއްވާފައިވާ ފޮތްތަކެކެވެ. މި ތިން ފޮތުގައިވެސް ފާހަނގަކޮށްލަން ޖެހޭ މުހިންމު ކަމަކީ، މި ތިން ބޭކަލުންވެސް ގެންނަވާފައިވަނީ މާޢިޒު رضي الله عنه ގެ މައްޗަށް ރަޖަމްގެ ޙައްދު ޤާއިމުކުރެވުނު ރިވާޔަތްތައް ކަމެކެވެ. މިއީ، މާތް ނަބިއްޔާ صلى الله عليه وسلم ގެ ޙަޔާތްފުޅުގައި ހިނގި މިފަދަ ރަޖަމުގެ އެއް ޙަދީޘާއެވެ. ނަމަވެސް މިއީ މިފަދަ ހަމައެކަނި ޙަދީޘާއެއް ނޫނެވެ. މީގެ އިތުރުންވެސް، އެކަލޭގެފާނުގެ ޒަމާނުގައި އަލްޣާމިދިއްޔާއާއި، އަލްޖުހައިނިއްޔާއާއި ދެ ޔަހޫދީއެއްގެ މައްޗަށް ރަޖަމުގެ ޙައްދު ޤާއިމުކުރެވިފައިވެއެވެ. މާޢިޒުގެ ޙާދިޘާ 18 އަށްވުރެ ގިނަ ޞަޙާބީން ރިވާކުރައްވާފައިވެއެވެ. އަދި މި ޙަދީޘްފުޅުތައް ޞަޙީޙު ބުޚާރީއާއި މުސްލިމްއާއި އެހެނިހެން ހަދީޘް ފޮތްތަކުގައި ޞައްޙަ ސަނަދުން ރިވާވެފައިވެއެވެ. މިއީ، ރަޖަމުގެ ޙާދިޘާތަކުގެ ތެރެއިން އެއް ޙާދިޘާއެވެ. އެހެނީ، ރަޖަމުގެ ޙައްދާ ބެހޭގޮތުން ރިވާވެގެންވާ ހުރިހާ ޙަދީޘްފުޅުތަކަށް ބަލާއިރު، ރިވާޔަތްތައް މިއަށްވުރެސް ގިނަވެ އިތުރުވެފައިވެއެވެ.

  • ރަޖަމުގެ ޙައްދު ޞަޙާބީންގެ ފަރާތުން:

މިދެންނެވީ، މާތް ނަބިއްޔާ صلى الله عليه وسلم ގެ ޒަމާނުގައި އެކަން ހިނގާފައިވާ ގޮތުގެ ވާހަކައެވެ. މާތް ނަބިއްޔާ صلى الله عليه وسلم އަށްފަހު، އެކަލޭގެފާނުގެ ޚުލާފައުއްރާޝިދީން މިޙުކުމް ޤާއިމުކުރައްވާފައިވެއެވެ. އަދި އެބޭކަލުންނާއި ޞަޙާބީންގެ އަރިހުން ރިވާވެފައިވާ އަޘަރުތައް ޞަޙީޙް ބުޚާރީއާއި މުސްލިމް ފަދަ އެންމެ ޞައްޙަ ޙަދީޘް ފޮތްތަކުގައި ޞައްޙަ މަގުން ރިވާކުރެވިފައިވެއެވެ.

ހަމައެކަނި ޞަޙީޙް ބުޚާރީގައިވެސް، ޞަޙާބީ ބޭކަލުންގެ ތެރެއިން 8 ބޭކަލެއް މާތް ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ރިވާކުރައްވާފައިވާ ރަޖަމުގެ ޙައްދާބެހޭ ރިވާޔަތް ހިމަނުއްވާފައިވެއެވެ. އޭގެ ތެރެއިން ކޮންމެ ޞަޙާބީ ބޭކަލެއްގެ އަރިހުން އެކަކަށްވުރެ ގިނަ ރާވީން ރިވާކުރައްވާފައިވެއެވެ. އިމާމު ބުޚާރީ، އެކަލޭގެފާނުގެ ޞަޙީޙް ބުޚާރީގައި ހިމަނުއްވާފައިވާ ރިޔާވަތްތަކުގައި ހިމެނޭ ޞަޙާބީންނަކީ، ޢަލީގެފާނު، ޖާބިރުގެފާނު، ޢުމަރުގެފާނު، ޒައިދު ބުނު ޚާލިދު، އަބޫ ހުރައިރާ، އިބްނު ޢައްބާސް، އިބްނު މަސްޢޫދު އަދި އިބްނު އަބީ އައުފާ – رضي الله عنهم – އެވެ.

އަދި ހަމައެހެންމެ، ޞަޙީޙް މުސްލިމްގައި، 12 ޞަޙާބީ ބޭކަލެއްގެ އަރިހުން ރަޖަމުގެ ޙައްދު، އިމާމު މުސްލިމް ރިވާކުރައްވާފައިވެއެވެ. އިމާމު މުސްލިމް ހިމަނުއްވާފައިވާ، ޞަޙާބީ ބޭކަލުންނަކީ، ކުރިން ބުޚާރީގައި ހިމަނުއްވާފައިވާ (ޢަލީގެފާނު ފިޔަވައި) 7 ބޭކަލުންގެ އިތުރުން، ޢުބާދަތުގެފާނު، ބުރައިދަތުގެފާނު، ޖާބިރު ބުނު ސަމުރަތުގެފާނު، ޢިމްރާން ބުނު ޙުޞެއިންގެފާނު، އަބޫ ސަޢީދު އަލްޚުދުރީގެފާނެވެ. رضي الله عنهم جميعا.

އެހެންވީމާ، މިޢަދަދަށް ބަލާއިރު، މިއީ 13 ޞަޙާބީ ބޭކަލުންނެވެ. މި 13 ޞަޙާބީ ބޭކަލުން މާތް ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ރަޖަމުގެ ޙުކުމް ރިވާކުރައްވާފައިވެއެވެ. މިއީ ހަމައެކަނި، ޞަޙީޙް ބުޚާރީއާއި މުސްލިމްގައި ޞައްޙަ ޞަޙީޙް މަގުން ރިވާވެގެންވާ ޢަދަދެވެ. މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅުތައް އެންމެ ޞައްޙަ މަގުން ރިވާކުރެވިފައިވާ އަދި އުއްމަތް މި ދެފޮތުގެ ޞައްޙަ ކަމުގެ މައްޗަށް އިއްތިފާޤުވެ ޤަބޫލުކޮށްފައިވާ ދެފޮތެވެ.

  • ރަޖަމުގެ ޙައްދު އުއްމަތުގެ އިޖުމާޢުން:

އުއްމަތުގެ ޢިލްމުވެރިންގެ އިޖުމާޢު ނަޤުލުވެފައިވަނީ ޢަދަދު ނުކުރެވޭހާ ގިނައިންނެވެ. އޭގެތެރެއިން އިޖުމާޢު ނަޤުލުކުރައްވާފައިވާ ބައެއް ބޭކަލުންގެ ނަންތައް ހިމަނާލާނަމެވެ. އެގޮތުން: އިމާމު ބައިހަޤީ السنن الكبرى[2] ގައި، އިބްނު ޤުދާމާ المغني[3] ގައި، އިބްނު ބައްޠާލު الفتح ގައި ޢިލްމުވެރިންގެ އިޖުމާޢު ނަޤުލުކުރައްވާފައިވެއެވެ.  

ހަމައެފަދައިން ރަޖަމުގެ ޙައްދަކީ ޘާބިތު ޙައްދެއްކަމަށް އިޖުމާޢު ނަޤަލުކުރައްވާފައިވާ ބޭކަލުންގެ ތެރޭގައި، كتاب الحاوي ގައި އިމާމު މާވަރުދީ، އަދި كتاب الإشراف ގައި އިމާމު އިބްނު މުންޛިރު އަދި الاستذكار ގައި އިބްނު ޢަބްދުލްބައްރު އަދި المراتب ގައި އިމާމު އިބްނު ޙަޒްމު ފަދަ ބޭފުޅުން ހިމެނެއެވެ.

އަދި ހަމައެހެންމެ، މާލިކީ މަޒުހަބުގެ ބޮޑު އިމާމެއްކަމުގައިވާ އައްޤަރާފީ، އެކަލޭގެފާނުގެ ފޮތުގައި، (الذخيرة ގައި) އެކަންކަމަށް އިންކާރު ކުރުމުން ދީނުން ބޭރުވާނެ ކަންކަމުގެ ތެރޭގައި ރަޖަމުގެ ޙުކުމްވެސް ހިމަނުއްވާފައިވެއެވެ. އެހެނީ، ރަޖަމުގެ ޙުކުމަކީ، އިސްލާމްދީނުގައި ޤަޠްޢީކޮށް ޘާބިތުވާ ޙުކުމެއްކަމަށްވާތީއެވެ.

  • މަތީގައި ބަޔާންކުރެވުނު ކަންކަމުގެ ޚުލާޞާ:

ރަޖަމުގެ ޙުކުމަކީ، މާތް ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތުން ޤަޠްޢީކޮށް ޘާބިތުވެފައިވާ ޙުކުމެއް ކަމާމެދު އެއްވެސް މިންވަރެއްގެ ޝައްކެއް ވަހުމެއް ނެތެވެ. އަދި އެކަލޭގެފާނަށްފަހު، ޚުލާފާއުއްރާޝިދީންނާއި ޞަޙާބީބޭކަލުން އެ ޙައްދު ޤާއިމުކުރައްވާފައިވެއެވެ. މިއާއެކު، އުއްމަތުގެ އިޖުމާޢުވެސް ޢިލްމުވެރިން ނަޤަލު ކުރައްވާފައިވެއެވެ.


[1] – واستدل الجمهور بما أخرجه ابن أبي شيبة في المصنف وسعيد بن منصور في سنن هو البيهقي في سننه: ” أن عمر رضي الله عنه أتي بامرأة ليس لها زوج قد حملت! فسألها عمر؟ فقالت: إني امرأة ثقيلة الرأس وقع علي رجل وأنا نائمة فما استيقظت حتى فرغ، فدرأ عنها الحد ” 

ޖުމްހޫރު ޢިލްމުވެރިން މިކަމަށް ދަލީލު ގެންނަވަނީ، އިބްނު އަބީ ޝައިބާ އާއި އަލްބައިހަޤީ އުމަރުގެފާނުގެ މަގުން ރިވާކުރައްވާފައިވާ ރިވާޔަތެއްގެ މައްޗަށެވެ. އޭގައި ވަނީ، (ޢުމަރުގެފާނުގެ އަރިހަށް ކައިވެނިން ބޭރުގައި ބަލިވެއިން އަންހެނަކު ގެނެވުމުން ޢުމަރުގެފާނު އޭނައާ އެކަމާބެހޭގޮތުން ސުވާލު ކުރެއްވިއެވެ. އެ އަންހެނާ ބުންޏެވެ. “އަހުރެންނަކީ ވަރަށް ނިދި ގަދަ މީހަކީމެވެ. އަހުރެން ނިދިފައި އޮތްވާ، ފިރިހެނެއް އަހުރެންގެ ގައިމައްޗަށް އަރައި އޭނާގެ ބޭނުން ފުއްދީއެވެ. އަހުރެންނަށް ހޭލެވުނުއިރު އޭނަ އެކަމެއް ކޮށް ނިމިއްޖެއެވެ.” ދެން ޢުމަރުގެފާނު އެ އަންހެނާގެ މައްޗަށް ޙައްދެއް ޤާއިމެއް ނުކުރައްވައެވެ.)


ويدل لمذهب الجمهور تلقين علي رضي الله عنه للهمدانية عندما جيء بها إليه، فقال لها:لعل رجلاً وقع عليك وأنت نائمة، قالت: لا، قال: لعله استكرهك، قالت: لا. قال الإمام الزيلعي في نصب الراية: وحديث علي روي من وجوه.. أحدها عند أحمد و البيهقي (أخرجه أحمد 1/ 140 و153، والبيهقي 8/ 220.)
 فلو كانت هذه الأعذار غير مسقطة للحد لما لقنها علي. 
قال شيخ الإسلام ابن تيمية في الفتاوى الكبرى: وإن حملت امرأة لا زوج لها ولا سبب حُدَّت إن لم تدعِ الشبهة .

އަދި ހަމައެހެންމެ، ޢަލީގެފާނުގެ ޒަމާނުގައި ގެނެވުނު އަންހެން މީހާއާ މެދު ޢަލީގެފާނު ކަންތައް ކުރެއްވި ގޮތުންވެސް ޖުމްހޫރު ޢިލްމުވެރިން ދަލީލު ނަންގަވައެވެ. ( އެކަލޭގެފާނު އެ އަންހެނާއާ ދިމާލަށް ވިދާޅުވިއެވެ. ” ފަހަރެއްގައި ކަނބުލޭގެ ނިދިފައި އޮއްވާ ފިރިހެނަކު ކުރިކަމަކަށް ވެދާނެ ނޫންތޯއެވެ؟” އެ އަންހެން މީހާ ބުންޏެވެ: ” ނޫނެކެވެ.” ދެން އެކަލޭގެފާނު ވިދާޅުވިއެވެ. ” ފަހަރެއްގައި އޭނާ ގަދަކަމުން ކަނބުލޭގެއާއެކު ގުޅުން ހިންގިކަމަށް ވެދާނެ ނޫންތޯއެވެ؟” އޭނަ ބުންޏެވެ: “ނޫނެކެވެ.”)

މިރިވާޔަތާމެދު އިމާމު ޒައިލަޢީ “نصب الراية” ގައި ވިދާޅުވެފައިވެއެވެ. ” ޢަލީގެފާނުގެ މިޙަދީޘްފުޅު އެތަކެއް ގޮތަކަށް ރިވާވެގެން އައިސްފައިވެއެވެ… އޭގެ ތެރެއިން އިމާމު އަޙްމަދާއި ބައިހަޤީ މިޙަދީޘް ރިވާކުރައްވާފައިވެއެވެ.”

[2] – البيهقي في الكبرى الجزء 8 الصفحة 211 “آية الرجم حكمها ثابت وتلاوتها منسوخة وهذا مما لا أعلم فيه خلافا“

[3] – قال ابن قدامة ” وجوب الرجم على الزاني المحصن…وهذا قول عامة أهل العلم…ولانعلم فيه مخالفا إلا الخوارج” المغني 12/309 – ط.التركي

ޚިޔާލު ފައުޅުކުރުން