އިސްލާމްދީން ސެކިއުލަރ ކުރެވިދާނެތަ؟ ބޭރުގެ މުފައްކިރުންގެ ނަޒަރު

ސެކިއުލަރ ނުވަތަ ޢަލްމާނީ ފިކުރު އަޅުގަނޑުމެންގެ ތެރޭގައި ފަތުރާން މަސައްކަތްކުރާ ބައެއް މީހުން ބުނާ އެއް ވާހަކައަކީ، ސެކިއުލަރިޒަމަކީ އިސްލާމްދީނާ ފުށުއަރާ ފިކުރެއް ނޫން ކަމުގައެވެ. އެއާ ޚިލާފަށް، އެއީ އިސްލާމްދީނާ ގުޅޭ ފިކުރެއް ކަމުގައެވެ. އަދި އިސްލާމީ ޤައުމެއްގައި ސެކިއުލަރިޒަމް ޤާއިމުކުރުމަކީ އެންމެ އެދެވިގެންވާ ރަނގަޅު ކަމެއް ކަމުގައެވެ. މިފަދަ ވާހަކަތަކެއް މި ދެންނެވި ބީދައިން ދައްކާނީ، އިސްލާމްދީނާ މެދު ވަރަށް ބޮޑަށް ޖާހިލުވެފައިވާ މުރައްކަބު ޖާހިލެއް ކަމާ މެދަކު ޝައްކެއް ނެތެވެ.  އެފަދަ މީހަކަށް ސެކިއުލަރިޒަމްގެ އެންމެ މައިގަނޑު އަސާސަކީ ކޮބައިކަން އެނގޭ ކަމާ މެދު ވެސް ޝައްކެވެ.

މި ދެންނެވި މީހުންގެ ވާހަކަތަކަކީ، އެއްވެސް ތާކުންތާކު ނުޖެހޭ ވާހަކަތަކެއްކަން ބަޔާންކުރުމުގެ ގޮތުން އަޅުގަނޑު ބަޔާންކުރަން ބޭނުންވަނީ، ހުޅަނގުގެ ފުންނާބުއުސް ދެ މުފައްކިރެއްގެ ބަސްފުޅުތަކެވެ.

 

ބާރނާރޑް ލުވިސް:

އިސްލާމްދީން ސެކިއުލަރ ނުކުރެވޭނެ ކަމަށް ހުޅަނގުގެ މުފައްކިރުންގެ ތެރެއިން މަޝްހޫރު ބޭފުޅެއްކަމަށްވާ، އިނގިރޭސި ވިލާތާއި އެމެރިކާއަށް ނިސްބަތްވެ ވަޑައިގެންނެވި ބާރނާރޑް ލުވިސް (2018-1916މ) ދެކިވަޑައިގަންނަވައެވެ. ބާރނާރޑް ލުވިސް އަކީ، ތާރީޚު ދިރާސާކުރެއްވި ބޭފުޅެކެވެ. ޚާއްޞަކޮށް، އޮރިއެންޓަލް ސްޓަޑީޒް އަށް އެންމެ މަޝްހޫރު އެއް ބޭފުޅެކެވެ. އެ ބޭފުޅާއަށް ދެވިފައިވާ ލަޤަބުތަކުގެ ތެރޭގައި “ހުޅަނގުގެ އެންމެ އަރައި ހުންނެވި މެދުއިރުމަތީގެ ތަރުޖަމާނު” ގެ ލަޤަބު ދެވިފައި ވެއެވެ. އިސްތިޝްރާޤީ މަސައްކަތްތަކުގެ ތެރޭގައި އިސްލާމްދީނާއި  ޢަރަބި ޤައުމުތަކުގެ ތާރީޚާ ބެހޭގޮތުން ތަފާތު ލިޔުންތައް ލިޔުއްވައިފައިވެއެވެ. ނަމަވެސް މި ދެންނެވި މަސައްކަތާއި ލިޔުންތަކުގައި އިސްތިޝްރާޤީ ކުލަވަރާއި ތަޢައްޞުބު ހުރުމަކީ އެކަށީގެންވާ ކަމެކެވެ.

1996 ގައި ބާރނާރޑް ” ޖާނަލް އޮފް ޑިމޮކްރަސީ” އަށް ލިޔުއްވައިފައިވާ “އިސްލާމް އެންޑް ލިބަރަލް ޑިމޮކްރަސީ: އަ ހިސްޓޮރިކަލް އޯވަރވީވް” މަޒުމޫނުގައި ލިޔުއްވައިފައި ވެއެވެ. “އިސްލާމްދީނަކީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ދީނާއި ދައުލަތް އެކުވެފައިވާ ދީނެކެވެ.  މުޙައްމަދު(ގެފާނަކީ) ހަމައެކަނި ނަބިއްޔެއް ނޫނެވެ. އެއީ ވެރިއެއް ވެސް މެއެވެ. އެހެންކަމުން، އިސްލާމްދީން ބޮޑަށް ވައްތަރުވެފައިވަނީ އޯލްޑް ޓެސްޓްމަންޓުގައިވާ ޔަހޫދީ ދީނާއެވެ. އެއީ ނާޞާރާދީނާ ވަރަށް ތަފާތު ދީނެއްގެ ގޮތުގައެވެ. އެހެނީ، ނަޞާރާދީން ފާޅުވެ އެތައް ޤަރުނެއް ވަންދެން އޮތީ އެ ދީނުގެ އަހުލުވެރިންނަކީ (ރޯމަން އެމްޕަޔަރުގެ ފަރާތުން) ރަސްމީކޮށް ހައްޔަރުކުރެވި އަނިޔާ ލިބޭ ބައެއްގެ ގޮތުގައެވެ. ހަމަ އެހެންމެ، އެއަށް ފަހު ރޯމަން ދައުލަތުގެ ރަސްމީ ދީނަކަށް ނަޞާރާދީން ވިޔެއްކަމަކު، ވެރިކަމުގެ ބާރާއި ދީނާ (ރޫޙާނިއްޔަތާ) އޮތީ ވަރަށް ބޮޑަށް ބައިބައި ކުރެވިފައެވެ.”)[1](

މިތަނުގައި ބާރނާރޑް އެ އިޝާރާތް ކުރައްވާ، އޯލްޑް ޓެސްޓްމަންޓުގައިވާ ޔަހޫދީ ދީނުގެ މުރާދަކީ، ބަނޫ އިސްރާއީލަށް މާތް ﷲ ފޮނުއްވި ރަސޫލު ބޭކަލުން ލީޑަރުންގެ ގޮތުގައި ހަނގުރާމަ ކުރައްވައި، ދައުލަތް ޤާއިމުކުރައްވައި، ޙުކުމް ކުރައްވައި، މި ހުރިހާ ދާއިރާއެއްގައި ވެސް އުޅުއްވި ވާހަކައެވެ. އޯލްޑް ޓަސްޓްމަންޓުގައި ނަބީބޭކަލުންގެ ވާހަކަތައް އައިސްފައިވަނީ އެފަދަ ގޮތަކަށެވެ. އެބޭކަލުން ތަދުބީރު ކުރައްވަމުން ގެންދެވީ ދީނާއި ދައުލަތެވެ. ނަމަވެސް ކްރިސްޓިއަން ދީން މިއާ މުޅިން ޚިލާފެވެ. އެހެންކަމުން، ބާރނާރޑް އިޝާރާތް އެ ކުރައްވަނީ މާތް ނަބިއްޔާ صلى الله عليه وسلم ވެސް ގެންދެވީ ދީނާއި ދުނިޔޭގެ ކަންކަން ކުރައްވައި ބަލަހައްޓަވައި ތަދުބީރު ކުރައްވަމުން ކަމަށެވެ. އަދި، އެއީ އިސްލާމްދީނަކީ ވެސް ދީނާއި ދައުލަތުގެ މައްޗަށް އެކުލެވިގެންވާ ދީނެއް ކަމެވެ.

އަދިވެސް ބާރނާރޑް ލިޔުއްވައިފައިވެއެވެ.

“އިސްލާމީ ޙަޟާރަތު ވަނީ ތަފާތު ގިނަގުނަ އެކިއެކި ލިޔުންތައް އުފައްދައިފައެވެ. ޢަޤީދާގެ ދާއިރާއިންނާއި، ފަލްސަފާގެ ދާއިރާއިންނާއި، ޤާނޫނީ ދާއިރާއިންނާއި، އަދި މި ނޫން ވެސް ދައުލަތެއްގެ ބާރާއި ވަޒީފާއާއި ހުރިހާ ބައިތަކެއް ހިމެނޭގޮތަށެވެ. ނަމަވެސް ދީނާއި ދައުލަތް ވަކިކުރުމާ ބެހޭގޮތުން އެއްވެސް ވަރަކަށް މުނާޤަޝާ ކުރެވިފައެއް ނުވެއެވެ. “ސެކިއުލަރ” އަދި “ސެކިއުލަރިޒަމް” ފަދަ ލަފުޒުތައް މިފަހުގެ އިސްލާމީ ލިޔުންތަކުގެ ތެރެއަށް ވަދެފައިވަނީ ބޭރުން އެތެރެ (އިމްޕޯޓް) ކުރެވިފައިވާ މުޅިން އައު ލަފުޒުކެއްގެ ގޮތުގައެވެ. އެހެންކަމުން، އަދިވެސް އިސްލާމްދީނުގައި “ލޭމަން” އާއި “ލެއިޓީ” (އެބަހީ، އާދައިގެ މީހާއާއި ޢަލްމާނީ މީހާ) ފަދަ ބަސްބަހުގެ މާނަ ދޭހަކޮށްދޭނެ ލަފުޒުތަކެއް ނުވެއެވެ. މުސްލިމު ފިޤުހުވެރިންނާއި ޢިލްމުވެރީން އެންމެ ކުރީއްސުރެ ސިޔާސީ ކަންކަމުގައި ދީނާއި ދައުލަތުގެ ކަންކަމާއި، މި ދުނިޔޭގެ ކަންކަމާއި އުޚުރަވީ ކަންކަން ވަކިކުރައްވައިފައި ވެއެވެ. ނަމަވެސް އެއީ ހުޅަނގުގެ މަފްހޫމުތަކުގައިވާ “ރޫޙާނިއްޔަތާއި” “ބާރާއި” “ޢަލްމާނިއްޔަތާ”    ” ކަނަސީ” މިފަދަ މަފްހޫމުތަކާ އެއްގޮތަށް ބައިކުރެވިގެން ވަކިކުރެވިގެން ކޮށްފައިވާ ކަމެއް ނޫނެވެ. ފަހަރެއްގައި ނަޞާރާއިންނަށް ޖެހުނު ފަދަ ބައްޔެއް މުސްލިމުންނަށް ޖެހުނު ދުވަހަކުން، ނަޞާރާއިން ބޭނުންކުރި ފަދަ ފަރުވާއެއް މުސްލިމުން ވެސް ބޭނުންކޮށްފާނެއެވެ. އެއީ ދީނާއި ދައުލަތް ވަކި ކުރުމެވެ.”

ބާރނާރޑްގެ އިސްވެދިޔަ ވާހަކަތަކަށް ބަލާއިރު، ވަރަށް ރަނގަޅަށް ދޭހަވެގެންދަނީ އިސްލާމްދީނުގައި ދީނާއި ދައުލަތަކީ އެކައްޗެއް ކަމެވެ. ތަފާތު ކުރެވިފައި ނުވާ ކަމެވެ. އިސްލާމްދީނުގައި ދައުލަތާއި ދައުލަތުގެ ބާރުތަކާއި ދައުލަތުގެ ދައުރުތައް ކަނޑައަޅާނެ ގޮތާއި އުސޫލުތައް ވެސް ބަޔާންވެފައިވާ ކަމެވެ. އަދި ސިޔާސާ ޝަރްޢިއްޔާގެ ޢިލްމުވެރީންގެ ލިޔުއްވުންތަކުގައި ދީނާއި ދައުލަތުގެ ކަންކަން އެ ބޭފުޅުންނަށް ވަކިކުރައްވަން އެނގިވަޑައިގަންނަވާ ކަމާއި، ދުނިޔެވީ ކަންކަމާއި އުޚުރަވީ ކަންކަމަކީ ކޮބައިކަން ވެސް އެނގިވަޑައިގަންނަވާ ކަމާއި، އެ ބޭފުޅުންގެ ލިޔުއްވުންތަކުން އެކަން ފެނިގެންދިޔަ ނަމަވެސް އެއީ ހުޅަނގުން މި ވަކާލާތު ކުރަމުންދާ ހުޅަނގަށާއި ނަޞާރާދީނުގެ އުނގަށް އުފަންވެފައިވާ ސެކިއުލަރިޒަމުގައިވާ ދީނާއި ދައުލަތް ވަކިކުރުމުގެ ފިކުރެއް ނޫން ކަމާއި، މުސްލިމުންނަށް އެފަދަ ކަމަކަށް ބޭނުން ޖެހިފައި ނުވާކަން ވަރަށް ރަނގަޅަށް ބަޔާން ކުރައްވައިފައިވެއެވެ. މިއީ ބާނާރޑަށް އިސްލާމްދީނުގެ ނިޒާމު އެނގިވަޑައިގަންނަވާތީއާއި،  އޭނާ ކުރައްވައިފައިވާ ދިރާސާގެ ނަތީޖާއިން ބަޔާންކުރައްވައިފައިވާ ވާހަކަތަކެކެވެ.

 

އާރނެސްޓް ގެލްނާރ (1995-1925މ)

އިސްލާމްދީނަކީ ސެކިއުލަރިޒަމުގެ ތައްގަނޑަށް ފިޓުނުވާނޭ ދީނެއްކަން ބަޔާން ކުރައްވައިފައިވާ ހުޅަނގުގެ ފުންނާބުއުސް މުފައްކިރުންގެ ތެރޭގައި، އާރނެސްޓް ގެލްނާރ ވެސް ފާހަގަކޮށްލެވެއެވެ. ގެލްނާރ އަކީ އިޖުތިމާޢީ ސައިންސުގެ ޢިލްމުވެރިއެކެވެ. އަދި ނަން މަޝްހޫރު ފަލްސަފާވެރިއެއް ވެސް މެއެވެ.

1991 ގައި ގެލްނާރ ލިޔުއްވައިފައިވެއެވެ. “އަހަރެން ގަބޫލުކުރާ ގޮތުން، އިސްލާމީ ދުނިޔޭގައި އެއްވެސް ވަރަކަށް ސެކިއުލަރިޒަމް ހިނގައިފައި ނުވެޔޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. އެހެނީ، އިސްލާމްދީނުން އެ ދީނުގެ އަހުލުވެރީންގެ މައްޗަށް ބާރު އޮންނަ ވަރު، މީގެ 100 އަހަރު ކުރީން ވެސް އޮތް ވަރަށް އެބަ އޮތެވެ. އަދި ކިއެއްތަ، ވިއްޔާ މިހާރު އެ ބާރު އިތުރަށް ވަނީ ގަދަ ވެފައެވެ.” ([2])

ގެލްނާރ ގެ މި ބަސްކޮޅުން އަޅުގަނޑުމެންނަށް ޔަގީންވާ އެއް ކަމެއް އެބަ އޮތެވެ. އެއީ، ގެލްނާރ ގަބޫލުކުރައްވާ ގޮތުން އިސްލާމްދީނަކީ ސެކިއުލަރ ކުރެވޭނެ ދީނެއް ނޫން ކަމެވެ. އަދި މުސްލިމުން ވެސް އެކަން ގަބޫލު ނުކުރާނެ ކަމެވެ.  ހަމަ އެހެންމެ، އޭގެ 3 އަހަރު ފަހުން ގެލްނާރ ލިޔުއްވި ލިޔުއްވުމެއްގައި ހަމަ މި ސްޓޭންޑް، ގެލްނާރ ކަށަވަރު ކޮށްދެއްވައިފައިވެއެވެ. އެ ލިޔުމުގައި ވިދާޅުވެފައިވަނީ، އިސްލާމްދީނަކީ އެހެން ހުރިހާ ދީންތަކާ ތަފާތު ދީނެއް ކަމަށެވެ. މުޖުތަމަޢުގައި އެހެން ދީންތަކަށް އޮތް ޖާގަ އިންޑަސްޓްރިއަލް ރިވޮލިއުޝަނަށް ފަހު ވަނީ ބަލިކަށިވެފައި ވިޔަސް، އިސްލާމީ މުޖުތަމަޢުތަކުގައި އިސްލާމްދީނަށް ދެވިފައިވާ ޖާގައަށް އެއްވެސް ހީނަރުކަމެއް އައިސްފައި ނުވާ ކަމަށް ވިދާޅުވެފައިވެއެވެ.)[3](

 

[1] – See: Lewis, Bernard, “Islam and Liberal Democracy. A Historical Overview,” Journal of Democracy, 7. No.2 1996, pp. 52-63, p.61

[2] – Gellner, Ernest, “Islam and Marxism: Some Comparisons,” International Affairs, 67, no.1 1991, pp.  1-6, P. 2.

[3] – Gellner, Ernest, Conditions of Liberty, Civil Society and Its Rivals, Hamish Hamilton, London 1994, p. 15.

ޚިޔާލު ފައުޅުކުރުން