ރަޖަމުގެ ޙައްދާ ބެހޭގޮތުން އުފައްދާ ބައެއް ޝުބުހަތައް!

ރަޖަމުގެ ޙައްދުގެ ޙަޤީޤަތާ ބެހޭގޮތުން އަޅުގަނޑުވާނީ މީގެ ކުރިން ލިޔުމެއް ލިޔެފައެވެ. މިފަހަރުގެ މަޟުމޫނު މިޚާއްޞަކޮށްލަނީ، ރަޖަމުގެ ޙައްދާ ބެހޭގޮތުން ބައެއް މީހުން އުފައްދަމުންދާ ޝުބުހަތަކަށް ދޭ ރައްދެއްގެ ގޮތުގައެވެ.

ހިތާމައަކީ، މިއީ ރައްދު ދޭން ޖެހޭ މައްސަލައަކަށް ނުވާތީވެސް ރައްދު ދޭންޖެހޭތީއެވެ. އެހެނީ، ރަޖަމުގެ ޙައްދަކީ އިސްލާމީ ޝަރީޢަތުގައި އެންމެ ސާފު ޞަރީޙަ އެއް ޙައްދެވެ. މާތް ނަބިއްޔާ صلى الله عليه وسلم ގެ ބަސްފުޅާއި ޢަމަލުފުޅުން މަޤްޠޫޢުކޮށް (ސައްތައިން ސައްތަ ޔަޤީން ދަރަޖައަށް ޘާބިތުވެ) އެނގެންއޮތް ކަމެކެވެ. އެއަށްފަހު އެކަލޭގެފާނުގެ މާތް މަތިވެރި ޞަޙާބީންގެ ބަސްފުޅުންނާއި ޢަމަލުފުޅުން ފެންނަން އޮތް ކަމެކެވެ. އެއަށްފަހު، އުއްމަތުގެ އިޖުމާޢު އެންމެ ގިނައިން ނަޤަލުވެފައި އޮތް އެއް މައްސަލައެވެ. މިހުރިހާ ގޮތަކުންވެސް ގަދަފަދައަށް ޔަޤީން ދަރަޖައަށް ޘާބިތުވާން އޮތް ކަމެކެވެ. ކުރީގައި އަޅުގަނޑު ދެންނެވި ލިޔުމުގައި ވާނީ އެކަންކަމަށް ބަލާފައެވެ.

ރަޖަމުގެ ޙައްދާ ދެކޮޅު ހަދާ މީހުން ތިން ބަޔަކަށް ބެހިދާނެއެވެ. އެއީ އިސްލާމްދީނުގައި ރަޖަމުގެ ޙައްދަކީ ޘާބިތު ޙައްދެއްކަން އެނގޭ ޙާލުވެސް، ހަވާ ނަފްސަށް ތަބާވުމުގެ ގޮތުން އެކިއެކި ބަހަނާގައި އެ ޙައްދާ ދެކޮޅު ހަދާ މީހުންނެވެ. ނުވަތަ، އިސްލާމްދީނުގެ ޙުކުމްތަކާމެދު، ޚާއްޞަކޮށް މިޙުކުމާމެދު ވަރަށް ބޮޑަށް ޖާހިލުވެފައިވާ “ޖަހުލު މުރައްކަބު” މީހުންނެވެ. ނުވަތަ، ހިތުގައި ރުޅިވެރިކަމާއި ނިފާޤުގެ ބަލިމަޑުކަން ފޮރުވައިގެން އިސްލާމްދީނުގެ ޙައްދުތަކާމެދު، މުސްލިމުންގެ މެދުގައި ޝައްކު އުފައްދަން އުޅޭ މީހުންނެވެ.

މި ލިޔުމުގެ ބޭނުމަކީ، ޖާހިލުކަމުގެ ސަބަބުން މިޙުކުމާ ދެކޮޅު ހަދާ މީހުންނާއި، ޢާންމު މުސްލިމުންގެ ތެރޭގައި ވާނުވާ ނޭނގި ތިބި މުސްލިމުންނަށް މިކަމުގެ ހަޤީޤަތް ހާމަކޮށްދިނުމެވެ.  

އެހެންކަމުން، ރަޖަމުގެ ޙުކުމާ މެދު، ބައެއްމީހުން އުފައްދާފައިވާ މައިގަނޑު ޝުބުހަތަކަށް ކޮންމެވެސް ވަރެއްގެ ރައްދެއްދެވޭތޯ ބަލާނަމެވެ. އެގޮތުން:

ފުރަތަމަ ދަޢުވާ: ” ކީރިތި ޤުރުއާނުގައި ރަޖަމުގެ ޙުކުމެއް ނެތެވެ.”

ކީރިތި ޤުރުއާނުގައި ރަޖަމުގެ ޙައްދާ ބެހޭގޮތުން މާތް ﷲ ސުބުޙާނަހޫ ވަތަޢަލާ އަޙްޒާބު ސޫރަތުގައި އާޔަތެއް ބާއްވައިލެއްވިކަމީ ސުންނަތުން ޘާބިތުވާން އޮތް ކަމެކެވެ. ނަމަވެސް، އެ އާޔަތަކީ ތިލާވަތު މަންސޫޚު ކުރެވިފައިވާ އާޔަތެކެވެ. ތިލާވަތު މަންސޫޚު ކުރެވުނަސް، އެއިގެ ޙުކުމް މަންސޫޚު ނުވާކަމަށް ސުންނަތުން ޘާބިތުވާ އާޔަތެކެވެ. [1] އެ އާޔަތް ޙަދީޘް ފޮތްތަކުގައި ރިވާވެފައިވެއެވެ. އެ އާޔަތަކީ ((الشيخ والشيخة إذا زنيا فارجموهما البتة))[2]މިއެވެ. މާނައީ: ( މުޙްޞަނު ފިރިހެނެއް އަދި މުޙްޞަނު އަންހެނެއް ޒިނޭކޮށްފިނަމަ، އެދެމީހުން ރަޖަމުކުރާހުށިކަމެވެ.)

ހަމަކަށަވަރުން ޢުމަރު ބުން އަލްޚައްޠާބު رضي الله عنه ވިދާޅުވިއެވެ. “ރަޖަމުކުރުމުގެ އާޔަތް ﷲ ތަޢާލާ ބާވައިލެއްވިއެވެ. ފަހެ ތިމަން ބޭކަލުން އެއާޔަތް ކިޔެވީމެވެ. އަދި އޭގައިވާ ޙުކުމް ތިމަންބޭކަލުންނަށް ވިސްނި އެކަން ދެނެގަތީމެވެ. ރަސޫލާ صلى الله عليه وسلم ވަނީ އޭރު ބައެއް މީހުން ރަޖަމުކުރައްވާފައެވެ. އަދި ތިމަންބޭކަލުންވެސް އެކަލޭގެފާނު އަވަހާރަވުމަށްފަހު ބައެއް މީހުން  ރަޖަމުކުރީމެވެ. ފަހެ ތިމަންކަލޭގެފާނު ބިރުވެތިވެވަޑައިގަންނަވަނީ ދިގު ޒަމާންތަކަކަށް ފަހު މީހަކު އައިސް ބުނެދާނެތީއެވެ. “ﷲގެ ފޮތުގައި ރަޖަމުގެ ވާހަކަ ބަޔާންކުރައްވާފައިވާކަން ނުފެނެއެވެ.” ފަހެ އޭގެ ސަބަބުން ﷲ ތަޢާލާ ބާވައިލައްވައި، ލާޒިމުކުރައްވާފައިވާ ކަމެއް ދޫކޮށްލުމުން އެބައިމީހުން މަގު ފުރެދިދާނެއެވެ. ހަމަކަށަވަރުން ރަޖަމަކީ ޒިނޭކޮށްފައިވާ މީހުންގެ ތެރެއިން މުޙްޞަނު ފިރިހެނުންނާއި މުޙްޞަނު އަންހެނުންކުރެ ހެކިވެރިންގެ ހެކިބަހުން ނުވަތަ ބަނޑުބޮޑުވުމުގެ ސަބަބުން ނުވަތަ އިޢުތިރާފުވުމުގެ ސަބަބުން ޘާބިތުވެއްޖެމީހެއްގެ މައްޗަށް، ﷲގެ ފޮތުގައި ކަނޑައަޅުއްވާފައިވާ ކަމެކެވެ.” [3]

މިރިވާޔަތަކީ ޞައްޙަ ސަނަދުން، ޤަޠްޢީކޮށް ޘާބިތުވެފައިވާ ރިވާޔަތެކެވެ. ޞަޙީޙް ބުޚާރީއާއި މުސްލިމުގައި މިރިވާޔަތް އިބްނު ޢައްބާސް رضي الله عنه ގެ އަރިހުން ވާރިދުވެފައިވެއެވެ. އޭގެ އިތުރުންވެސް ތަފާތު ގިނަ މަގުތަކުން މިރިވާޔަތް ޙަދީޘް ޢިލްމުވެރިން ރިވާކުރައްވާފައިވެއެވެ.

މީގައި ފާހަނގަކޮށްލަން ޖެހޭ ނުކުތާއަކީ، މި ވާހަކަފުޅު އަމީރުލް މުއުމިނީން ޢުމަރު رضي الله عنه ވިދާޅުވެފައިވަނީ އެކަލޭގެފާނުގެ ޚިލާފަތުގައި މިންބަރު މަތީގައި ޞަޙާބީ ބޭކަލުންގެ މަޖިލީހުގައެވެ. އެހުރިހާ ބޭކަލުންގެ އިޤުރާރު މިކަމުގައި ހިމެނޭ ގޮތަށެވެ. އެބޭކަލުންނަކީ މިއާޔަތް ތިލާވަތު ކުރުން މާތް ﷲ މަންސޫޚު ކުރެއްވުމުގެ ކުރިން މިއާޔަތް ތިލާވަތުކުރައްވާ އުޅުއްވި ބޭކަލުންނެވެ.

މި ރިވާޔަތްތަކުންވެސް އެނގިގެންދަނީ އުއްމަތުގެ ދެވަނަ ޚަލީފާ ޢުމަރު رضي الله عنه ގެ ވިސްނުންފުޅު ތޫނުކަމާއި، ދުރުވިސްނުމާއި، ޢިލްމާއި، މިދީނަށް އޮތް ޣީރަތްތެރިކަމެވެ. އެހެންކަމުން، އެކަލޭގެފާނުގެ ދުރުވިސްނުންފުޅުގެ ސަބަބުން ވިދާޅުވެފައިވަނީ، މި އާޔަތް ތިލާވަތު މަންސޫޚު ކުރެވިފައިވާތީ، މިއާޔަތުގައި މިވާ ޙުކުމަށް ދެކޮޅު ހަދާފާނެ ބަޔަކު އައިސްދާނެކަމަށް އެކަލޭގެފާނު ބިރުވެރިވާކަމަށެވެ. سبحان الله ، ނިކަން ވިސްނަވާށެވެ. މިއަދު މިއޮތީ އެތަން އައިސްފައެވެ. ޢުމަރުގެފާނުގެ ޒަމާނުގައި އެފަދަ ބަޔަކު ނުވެސް ނެތެވެ. ނަމަވެސް، އެކަލޭގެފާނު އެ ވިދާޅުވި ބަސްފުޅު މިއަދު ވަނީ ތުނޑުން ތުނޑަށް ތެދުވެފައެވެ. އެކަލޭގެފާނު ވިދާޅުވިގޮތަށް، ” ރަޖަމުގެ ޙުކުމް ޤުރުއާނުގައި ނެތޭ، ޤުރުއާނުން އެޙުކުމް ދައްކާށޭ” ބުނެ އިޢުތިރާޟު ކުރާނޭ ބައިގަނޑު ފައުޅުވެއްޖެއެވެ.

މިއިން މާތް ނަބިއްޔާ صلى الله عليه وسلم ގެ ޙަދީޘްފުޅެއްގެ ތެދުކަންވެސް ޘާބިތުވެއެވެ. އެއީ، ޢުމަރުގެފާނާމެދު އެކަލޭގެފާނު ޙަދީޘްފުޅު ކުރައްވާފައިވާ ބަސްފުޅެވެ. އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވިއެވެ. «لَقَدْ كَانَ فِيمَا قَبْلَكُمْ مِنَ الأُمَمِ مُحَدَّثُونَ، فَإِنْ يَكُ فِي أُمَّتِي أَحَدٌ، فَإِنَّهُ عُمَرُ» البخاريމާނައީ : ” ތިޔަބައިމީހުންގެ ކުރީގެ އުއްމަތްތަކުގައި މުޙައްދަޘުން މާތް ﷲ ލެއްވިއެވެ. (އެބަހީ، ނަބިއްޔުންގެ އިތުރުން މާތް ﷲގެ ޙަޟްރަތުން ކަންކަމުގެ ޚަބަރު ނުވަތަ އިލްހާމު އެއިލާހު ދެއްވާ ބޭކަލުން). މި އުއްމަތުގެ ތެރޭގައި އެފަދަ ބޭކަލެއް މާތް ﷲ ލެއްވިނަމަ، އެއީ ޢުމަރުގެފާނެވެ.”

ނިކަން ވިސްނަވާށެވެ. އަޅުގަނޑުމެން ވާހަކަ މިދައްކަނީ، އެފަދަ މަތިވެރި ބޭކަލެއްގެ ވާހަކައެވެ. ދެން، މަތީގައި އެވާ ޕޯސްޓު ކުރި ފަރާތުން، “ޢުމަރު ޤުރުއާނަށް ވުރެ މަތީހޭ” ކިޔައި، އެކަލޭގެފާނުގެ ޤަދަރު ކުޑަވާގޮތަށް ބަސްބުނި އިރު، އޭނަގެ ލަދުޙަޔާތް ކޮބައިތޯއެވެ؟ މިއިން އެނގިގެންދަނީ، އެބައިމީހުން ޖާހިލުވެފައިވަނީ، ހަމައެކަނި އިސްލާމީ ޝަރީޢަތާމެދު އެކަންޏެއް ނޫން ކަމެވެ. އިސްލާމީ ވަރުގަދަ ޝަޚްޞިއްޔަތުންގެ ޤަދަރާމެދުވެސް ޖާހިލުވެފައިވާކަން އެނގި ފަޟީޙަތްވަނީއެވެ.

ހަމައެހެންމެ، މިދެންނެވި، ރަޖަމުގެ އާޔަތަކީ ޤުރުއާނުގެ އާޔަތެއްކަން ރިވާވެފައިވަނީ ހަމައެކަނި ޢުމަރުގެފާނުގެ އަރިހުން އެކަންޏެއް ނޫނެވެ. އެތަކެއް ޞަޙާބީންގެ އަރިހުން ތަފާތު އެތަކެއް ސަނަދުން އެތަކެއް މަގުން ޘާބިތުވެފައިވެއެވެ. އެގޮތުން، އެއީ ޤުރުއާނުގެ އާޔަތެއްކަމާއި، ތިލާވަތު މަންސޫޚު ކުރެވުނުކަމަށް ޞައްޙަ މަގުން ރިވާވެފައިވާ ބޭކަލުންގެ ތެރޭގައި، އުބައްޔު އިބްނު ކަޢުބާއި، އިބްނު ޢައްބާސާއި، ޒައިދު ބުނު ޘާބިތު ހިމެނިފައިވެއެވެ. މިއީ ޤުރުއާނުގެ ޢިލްމަށް ޞަޙާބީ ބޭކަލުންގެ ތެރޭގައިވެސް ތިއްބެވި އެންމެ މޮޅު ބޭކަލުންނެވެ. އެ ޢިލްމުގެ ދަންމަރު ހިއްޕެވި ބޭކަލުންނެވެ. ޤުރުއާނުގެ ޢިލްމުގެ ބޮޑު ބިޔަ ފަރުބަދަ ތަކެވެ. މީގެ އިތުރަށް އަޅުގަނޑުމެން ބޭނުންވަނީ ކޮންކަމެއްތޯއެވެ؟

ރަޖަމުގެ އާޔަތަކީ، ޤުރުއާނުގައި ތިލާވަތު މަންސޫޚު ކުރެވިފައިވާ އާޔަތަކަށް ވިޔަސް، އެ އާޔަތަކީ އެކަމުގެ ޙުކުމް ޘާބިތުވާން އޮތް އާޔަތެއްކަން މާތް މަތިވެރި ޞަޙާބީންގެ އަޘަރުތަކުން އެއްވެސް ޝައްކެއްނެތް މިންވަރަށް އެނގިގެން އެދިޔައީއެވެ.

މިބައިމީހުންގެ ދެވަނަ ދަޢުވާއަކީ ” ނޫރު ސޫރަތުގެ އާޔަތުން، ރަޖަމްގެ ޙުކުމް ވަނީ މަންސޫޚުވެފައެވެ.”

އާދެ، އިމާމު އިބްނު ޙަޖަރު – رحمه الله – ޞަޙީޙް ބުޚާރީގެ ޝަރަޙަ “ފަތުޙުލް ބާރީ” (120/12) ގައި ވިދާޅުވެފައިވެއެވެ. ( ހަމަކަށަވަރުން، ނޫރު ސޫރަތް ބާއްވައިލެއްވުމަށްފަހުވެސް ރަޖަމުގެ ޙައްދު ޤާއިމުކުރެވުނު ކަމަށް ދަލީލުތަކުން ދައްކައެވެ. އެހެނީ، ނޫރު ސޫރަތް ބާއްވައިލެއްވުނީ، “އިފްކު”ގެ ޙާދިޘާއަށްފަހުއެވެ. އަދި އެޙާދިޘާ ހިނގީ، ހިޖުރައިން 4ވަނަ އަހަރުތޯ، 5ވަނަ އަހަރުތޯ ނުވަތަ 6ވަނަ އަހަރުތޯއާ މެދު ވަނީ އިޚްތިލާފު އުފެދިފައެވެ. ނަމަވެސް ރަޖަމުގެ ޙާދިޘާ ހިނގާފައިވަނީ އެއަށްވުރެ ފަހުންނެވެ. އަބޫ ހުރައިރާ -رضي الله عنه – ވެސް އެ ޙަދީޘާ ހިނގިއިރު ޙާޟިރުވެ ހުންނެވިއެވެ. އެކަލޭގެފާނު އިސްލާމްވެވަޑައިގެންނެވީ ހިޖުރައިން 7 ވަނަ އަހަރުއެވެ. އަދި ހަމައެހެންމެ، އިބްނު ޢައްބާސްވެސް އެކަލޭގެފާނުގެ މަންމާފުޅާއެކު މަދީނާއަށް ވަޑައިގެންނެވީ ހިޖުރައިން 9 ވަނަ އަހަރުއެވެ.)

މިދަޢުވާގެ އެންމެ ތާނކުން ތާނކު ނުޖެހޭ ކަމަކީ، ރަޖަމުގެ ޙައްދަކީ މަންސޫޚުވެފައިވާ ޙުކުމެއް ކަމުގެ ދަޢުވާ މީގެ ކުރިން އެއްވެސް ބަޔަކު ކޮށްފައިނުވެއެވެ. މީގެ ކުރިން ރަޖަމުގެ ޙައްދަށް އިންކާރުކޮށްފައިވަނީ ޚަވާރިޖުންނާއި ބައެއް ހައްދުފަހަނައަޅައިފައިވާ މުޢުތަޒިލާއިންގެ ބައެކެވެ. ޚަވާރިޖުންގެ ތެރެއިންވެސް ހައްދުފަހަނައަޅާފައިވާ ފިރުޤާއެއްކަމަށްވާ އަޒާރިޤާއެވެ ކިޔުނު ފިރުޤާގެ މީހުންނެވެ. މިބައިމީހުންވެސް އެޙުކުމަކީ މަންސޫޚު ޙުކުމެއްކަމަށް ނުބުނެއެވެ. މިބައިމީހުން އިންކާރު ކުރަނީ ސުންނަތަށެވެ. އެހެންކަމުން، ސުންނަތުން އަންނަ އެއްވެސް ކަމަކަށް މިބައިމީހުން އިޢުތިރާފު ނުވަނީއެވެ. އެއީ ސުންނަތް ރިވާކުރައްވާފައިވަނީ ޞަޙާބީންނަށްވާތީއެވެ. ޞަޙާބީންނަކީ މިބައިމީހުން ދެކޭގޮތުގައި ކާފަރުންނެވެ. އެހެންކަމުން، މިބައިމީހުންނަކީ، އުއްމަތުގެ އިޖުމާޢު ނަޤުލު ކުރެވޭހިނދު، މިބައިމީހުންގެ ޚިލާފަށް ރިޢާޔަތްކުރެވޭ ބައެއް ނޫނެވެ.

އަދި މި ދަޢުވާކުރާ މީހުންނާމެދު އެންމެ އަޖައިބުވާންޖެހޭ ކަމަކީ މިބައިމީހުންގެ ޖާހިލުކަމެވެ. އެހެނީ، ޤުރުއާނުގެ އާޔަތްތައް ބާއްވައިލެއްވުނު ޒަމާނުގައި އުޅުއްވި ޞަޙާބީންގެ ބަސްފުޅަކީ ރަޖަމުގެ ޙައްދަކީ އިސްލާމްދީނުގެ ޙައްދެއްކަމުގައެވެ. ޢުމަރުގެފާނު، ޢަލީގެފާނު، އަބޫބަކުރުގެފާނު، އުބައިއްޔު ބުނު ކަޢްބު އަދި ރަޖަމުގެ ޙައްދާ ބެހޭގޮތުން ވާހަކަދެއްކެވި ހުރިހާ ޞަޙާބީންގެ ފަރާތުން އައިސްފައިވަނީ ރަޖަމުގެ ޙައްދަކީ އިސްލާމްދީނުގެ ޙައްދެއްކަމުގައެވެ.

އެހެންކަމުން، ޞަޙާބީން އިން ފެށިގެން، ތާބިޢީން އަދި ތަބަޢަތާބިޢީންގެ ތެރެއިންވެސް ރަޖަމުގެ ޙައްދާ މެދު ވާހަކަފުޅު ދެއްކެވި ބޭފުޅުންގެ ތެރެއިން އެއްވެސް ބޭފުޅެއްގެ ކިބައިން، ރަޖަމުގެ ޙައްދަކީ ފުރަތަމަ ކޮޅުގައި އޮތް ޙައްދެއްކަމާއި، ނޫރު ސޫރަތުގެ އާޔަތުން މަންސޫޚުވިކަމަށް ވިދާޅުވެފައެއް ނުވެއެވެ. ޤުރުއާން ބާއްވައިލެއްވުނީ ޞަޙާބީންގެ ތެރެއަށެވެ. އެބެއިކަލުންގެ ދުވަސްވަރުއެވެ. އެއަށްފަހު، އެބެއިކަލުންގެ އަރިހުން ޤުރުއާނާއި ޙަދީޘްފުޅު އުނގެނިވަޑައިގެންނެވީ ތާބިޢީންނެވެ. އެއަށްފަހު، ތާބިޢީންގެ ފަރާތުން އެޢިލްމުތައް ނަޤަލުކުރެއްވީ ތަބަޢަތާބިޢީންނެވެ.

ދެން ނިކަން ބުއްދީގެ ތަރަހިން ވިސްނަވާށެވެ. ޤުރުއާނުގެ ޙުކުމްފުޅުތަކާއި ސުންނަތުގެ ޙުކުމްފުޅުތަކާއި، ނާސިޚު މަންސޫޚުގެ ޢިލްމު އެނގިލައްވާނީ ކޮން ބަޔަކަށްތޯއެވެ؟ އެބެއިކަލުންތޯއެވެ؟ ނުވަތަ 14 ޤަރުނު ފަހުން ނަސްޚުގެ ދަޢުވާ ކުރި ބަޔަކަށްތޯއެވެ؟ ނިކަން ބުއްދިން ވިސްނަވާށެވެ. 1400 އަހަރު ފަހުން އަންނަ މީހަކު ޢުމަރުގެފާނަށްވުރެ ބޮޑަށް، ވަޙީ ބާއްވައިލެއްވުނު ޒަމާން އެނގޭނެތޯއެވެ؟ ޤުރުއާނުގެ ޢިލްމަށް އެންމެ އަރައިހުންނެވި، އިބްނު ޢައްބާސް އަށްވުރެ ބޮޑަށް އެނގޭނެތޯއެވެ؟ އަދި ޞަޙާބީންގެ ތެރޭގައިވެސް ހުންނެވި، އެންމެ ޤުރުއާނު ތިލާވަތަށް އެންމެ މޮޅު އުބައިއްޔު ބުނު ކަޢްބަށް ވުރެ ބޮޑަށް، ވަޙީ ބާއްވައިލެއްވުނު ޒަމާނާއި، ދީނުގެ ޙައްދުތައް މޮޅަށް އެނގޭނެތޯއެވެ؟ އަދި ހަމައެހެންމެ، ޤުރުއާނު އަތުން ލިޔުއްވުމުގައި، އަދި މިއަދު އަޅުގަނޑުމެންނަށް ވާސިލުވެފައި މިވާ ޤުރުއާން އަތުން ލިޔުއްވި ޒައިދު ބުނު ޘާބިތަށްވުރެ، 1400 އަހަރު ފަހުން، އައި މީހަކު އެ ޒަމާނުގައި ހިނގާފައިވާ ކަންކަން ދަނެގަތުމަށް މޮޅުވާނެތޯއެވެ؟ މިހުރިހާ ޞަޙާބީންނަށްވެސް ނޭނގިއޮތްކަމެއް، 1400 އަހަރު ފަހުން އައި ބަޔަކަށް ކަޝްފުވެގެން މިއުޅެނީ ކޮން ހަމަ ބުއްދިއަކުންތޯއެވެ؟؟؟

އެހެންކަމުން، މަތީގައިވާ ޕޯސްޓުގައި، “އިސްލާމީ ވަރަށް ގިނަ ޢިލްމުވެރިން” ރަޖަމުގެ ޙުކުމަކީ މަންސޫޚުވެފައިވާ ޙުކުމެއްކަމަށް ބުނުމަކީ، އުއްމަތުގެ ޢިލްމުވެރިންގެ މައްޗަށް ހަދާފައިވާ ބޮޑު ބުހުތާނެކެވެ.

ތިންވަނަ ދަޢުވާ ” އަދަބު ދެވެންވާނީ އެކުރި ކުށަކާ އެއްވަރުގެ އަދަބެކެވެ. އެއީ އިސްލާމީ ޝާރީޢަތުގެ ޢަދުލުގެ އެއް އަސާސެވެ. މިސާލަކަށް، ޤިޞާޞްގެ ޙުކުމެވެ. މަރަށް މަރެވެ. އެކަމަކު، ޒިނޭ ކުރީމައި، ޙައްދެއްގެ ގޮތުން މަރުގެ ޙުކުމެއް ދިނުމަކީ މިދެންނެވި ޢަދުލުގެ އަސާސާ ޚިލާފުކަމެކެވެ.”

މަތީގައިވާ ޕޯސްޓައް ބަލައިލީމާ، ފާހަނގަވެގެންދަނީ، ދީނުގެ ޢަދުލުގެ އުޞޫލުތަކާއި، ޢުޤޫބާތްތައް އޮންނަ ގޮތް ވަރަށް ބޮޑަށް އެޕޯސްޓު ކުރި ފަރާތަށް އޮޅިފައިވާކަމެވެ.

އެހެނީ:

A fundamental tenet of Shariah is equality in punishment

އިސްލާމީ ޝަރީޢަތުގައި ވަނީ ކުށްތަކަށް ޢުޤޫބާތް ކަނޑައަޅުއްވާފައެވެ. އެގޮތުން، ވައްކަން ކުރާ މީހާ (ޝަރުޠު ފުރިހަމަވާނަމަ) އަތްކެނޑުން، މަގުފޭރޭ މީހާގެ ޖަރީމާގެ (ޙިރާބާގެ ޖަރީމާ) ކުޑަ ބޮޑު މިނަށް ބެލުމަށްފަހު، (އޭގައި އޮންނަ އުޞޫލުން) އަތް ފައި ކެނޑުމާއި، ޞަލީބަށް އެރުވުން ފަދަ ބޮޑެތި ޙުކުމްތައް އެބަހިމެނެއެވެ.

މިސާލެއްގެ ގޮތުން ފާހަނގަ މިކުރި، ދެ ޢުޤޫބާތަކީވެސް ކީރިތި ޤުރުއާނުގައި އައިސްފައިވާ ޙުކުމްތަކެކެވެ. އެހެންވީމާ، މީގެއިން އެނގިގެންދަނީ، އިސްލާމީ ޝަރީޢަތުގައި މާތް ﷲ ކަނޑައަޅުއްވާފައިވާ ޢުޤޫބާތަކީ އެޖަރީމާއަކާ ހަމަހަމަ އެއްޗެއް ކަމެވެ. އަޅުގަނޑުމެންގެ ސިކުނޑިން ކަނޑައެޅޭ ކަމެއް ނޫންކަމެވެ. އިސްލާމީ ޝަރީޢަތުގައި ޖަރީމާއަކަށް ޙުކުމެއް އައިސްފައިވާނަމަ، އެއީ އެންމެ ޢަދުލުވެރި އިލާހުގެ ފަރާތުން އައިސްފައިވާ އެންމެ ޢަދުލުވެރި ޢުޤޫބާތެވެ. އެއަށް، މުއުމިނަކު، މުސްލިމަކު އޭނަގެ ބުއްދިއަށް ނުވިސްނެއޭ ކިޔާފައި ދެކޮޅެއް ނަހަދާނެއެވެ.

Qisas, (law of equality in punishment) sanctions a life to be taken for a life.
‘Rajm’ sanctions a life to be taken without a preceding loss of life. Where’s the law of equality? And is it found in the Qur’an?

މިއިން ދޭހަކޮށްދެނީ، މިޕޯސްޓުކޮށްފައިވާ މީހާގެ ޖާހިލުކަމެވެ. އެހެނީ، ޤިޞާޞްގެ ދަށުން އަންނަ މަރަށް މަރު ހިފުމާއި، އަދި އެހެންވެސް ޖިސްމާނީ ގެއްލުމެއް އެކަކު އަނެކަކަށް ދީފިނަމަ، އެކަމުގެ ބަދަލު ހަމަ އެގޮތަށް ނަގައިދެނީ، ޖިސްމާނީ ކުށްތަކަށެވެ. މީހެއްގެ ޖިސްމަށް ގެއްލުމެއް ދިނުމުންނެވެ.

އެހެންކަމުން، މިވަރު، ނޭނގި ޝަރީޢަތުގައި ކަނޑައެޅިފައިވާ ހުރިހާ ޖަރީމާތަކަށް މި ނަޠަރިއްޔާ ފައްތަން އުޅުމަކީ އިސްލާމީ ޝަރީޢަތުގެ އަސާސުތައް މޭރުންނުވެ ހުރި ކަމުގެ ދަލީލެކެވެ.

މިސާލަކަށް، އެ ވާހަކައިގައިވާ ގޮތުން، ވައްކަން ކުރީމާ އަތްވެސް ކަނޑަން ނުޖެހޭނެއެވެ. އެހެނީ، ވައްކަން ކުރި މީހާ އެހެން މީހެއްގެ އަތް ނުކަޑައެވެ. މިއިން އެނގިގެންދަނީ، ތިމަންނައަށް އެކަމެއްގެ ޢިލްމު ރަނގަޅަށް ލިބިފައި ނެތްކަމެއްގައި، “މޮޅު ވާހަކަ” ދައްކަން އުޅުމުން، ތިމަންނަ ބޭޒާރުވެދާނެ ކަމެވެ.

މަރަށް މަރު ނޫނަސް އިސްލާމީ ޝަރީޢަތުގައި މަރުގެ ޢުޤޫބާތް ކަނޑައެޅިފައިވާ ޖަރީމާތައް އެބަހުއްޓެވެ. މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅު ކުރައްވާފައިވަނީ، ” لاَ يَحِلُّ دَمُ امْرِئٍ مُسْلِمٍ، يَشْهَدُ أَنْ لاَ إِلَهَ إِلَّا اللَّهُ وَأَنِّي رَسُولُ اللَّهِ، إِلَّا بِإِحْدَى ثَلاَثٍ: النَّفْسُ بِالنَّفْسِ، وَالثَّيِّبُ الزَّانِي، وَالمَارِقُ مِنَ الدِّينِ التَّارِكُ لِلْجَمَاعَةِ ” البخاري: 6878މާނައީ: ” ޝަހާދަތުގެ ދެކަލިމަ ކިޔައިގެން ހުރި މުސްލިމެއްގެ ލޭ ހުއްދައެއް ނުވެއެވެ. ތިން ކަމަކުން މެނުވީއެވެ. މަރަށް މަރެވެ. ކައިވެނީގެ ރަހަ ލިބިފައިވާ ޒިނޭ ކުރި މުޙްޞަނު މީހާއެވެ. ދީން ދޫކޮށް މުސްލިމުންގެ ޖަމާޢަތާ ވަކިވެދާ މުރުތައްދުވި މީހާއެވެ.”

މިޙަދީޘްފުޅަކީ ޞަޙީޙް ބުޚާރީއާއި މުސްލިމްގައި ވާރިދުވެފައިވާ ޞައްޙަ ޙަދީޘްފުޅެކެވެ. ޒިނޭ ކޮށްފައިވާ މުޙްޞަނު މީހާގެ ޙައްދަކީ މަރުކަން ޘާބިތުވާ ޙަދީޘްފުޅުތަކުގެ ތެރެއިން މި ޙަދީޘްފުޅުވެސް ހިމެނެއެވެ. މިއީ މާތް ނަބިއްޔާ صلى الله عليه وسلم ގެ ބަސްފުޅުތަކުން އެ ޙައްދު ޘާބިތުވާ ޙަދިޘްފުޅެކެވެ. ޢަމަލީގޮތުން ރަޖަމުގެ ކުރެއްވިކަމަށް އަންނަ ޙަދީޘްފުޅުތައް މިއަށްވުރެ އިތުރުވެފައި ގިނައެވެ. އެވާހަކަ “ރަޖަމުގެ ޙަޤީޤަތް” މިނަމުގައި އަޅުގަނޑު ލިޔުނު މަޟްމޫނުގައި ވަރަށް ތަފްސީލުކޮށް ބަޔާންކުރެވިފައިވާނެއެވެ.

 ދެން އޮތީ ޤުރުއާނުގައި ރަޖަމުގެ ޙުކުމް އެބައޮތްތޯއޭ ބުނެ ޕޯސްޓުކުރި މީހާ އުފައްދާފައިވާ ސުވާލެވެ. މި ލިޔުމުގައި އެ ސުވާލަށް ވަރަށް ތަފްޞީލުކޮށް ޖަވާބު ދެވިފައިވާނެއެވެ.

ހަތަރުވަނަ ދަޢުވާ: “ތިލާވަތު މަންސޫޚުކުރެވިފައި، ޙުކުމް މަންސޫޚު ނުކުރެވޭ ގޮތް ނުވިސްނެއެވެ.”

  • ޕޯސްޓަށް ބަލައިލުމުން ފާހަނގަވެގެންދަނީ، ނާސިޚު މަންސޫޚަކީ ކޯންޗެއްކަން އެބައިމީހުންނަށް ނޭނގޭކަމެވެ. ނުވަތަ ނާސިޚު މަންސޫޚަށް އިންކާރު ކުރަނީއެވެ.
  • ނާސިޚު މަންސޫޚަކީ ކޯންޗެއްކަން ނޭނގޭނަމަ، އޮތީ އިތުރަށް ކިޔެވުމެވެ. އެހެނީ، ކިތަންމެ މައްޗަށް ކިޔަވައިގެން ހުއްޓަސް، ކިތަންމެ މޮޅު މަޤާމުތަކުގައި ތިއްބަސް، ދީނުގައި ހިމެނޭ އެންމެ އަސާސީ މައްސަލައަކާމެދުވެސް ޖަހުލުވެދާނެކަމުގެ އަލިގަދަ ހެއްކަކަށް މަތީގައި އެވާ ޕޯސްޓު ފުދެއެވެ. އެފަދަ މީހުންނަށް އޮތީ، ކުޑަކޮށް ބިމަށް ތިރިވެ، ނޭނގޭކަމަށް އެއްބަސްވެ، ޖަހުލު ފިލުވާލުމަށް މަސައްކަތްކުރުމެވެ. އުނގެނުމެވެ.

ނަސްޚާ ބެހޭގޮތުން އަޅުގަނޑުމެންގެ އަޚް އައްޝެއިޚް ޢިމްރާން މުޙައްމަދު ޢަލީ ވަނީ ވަރަށް ތަފްސީލުކުރައްވާ ސިލްސިލާ ލިޔުންތަކެއް ދިސަލަފިއްޔާ ވެބްސައިޓުގައި ޝާއިޢުކުރައްވާފައެވެ. ތިރީގައި މިހިމަނާލަނީ، އެލިޔުންތަކުގެ ލިންކެވެ.

https://dhisalafiyyah.net/article/tag/naskh

  • ދެން އޮތީ، ނަސްޚަށް އިންކާރު ކުރުމުގެ މައްސަލައެވެ.

އެބައިމީހުން އަތުގައި ނަސްޚަށް އިންކާރު ކުރާނެ އެއްވެސް ޙުއްޖަތެއް ނެތެވެ. އެކަމާމެދު ޔަހޫދީން އުފެއްދި ކަހަލަ ވަހުމުތަކެއް އުފެއްދި ދާނެއެވެ. ވަހުމަކީ ޙުއްޖަތެއް ނޫނެވެ. އަދި ކިއެއްތޯ، ވަހުމަކީ ރާޖިޙުކޮޅަށް ބުރަވާ ހީއަކަށްވެސް ނުފުދެއެެވެ. ވަހުމަކީ ޝައްކުގެ ބަލިކަށި ވައްތަރެވެ. އެހެންކަމުން، ޙުއްޖަތެއްނެތް ވަހުމެއް އެބައިމީހުންގެ ހިތު ތެރެއަށް ވަދެ، ނަސްޚަކީ ޘާބިތު އެއްޗެއްކަމަށް ބުނުމަކީ މާތް ﷲ ގެ ރުބޫބިއްޔަތަށް އުނިކަން އަންނަ ކަމެއް ކަމުގައި އެބައިމީހުން ދެކޭތީއެވެ. މިދައްކަނީ ޔަހޫދީން ނަސްޚަށް އިންކާރު ކުރި ވާހަކައެވެ. ރުބޫބިއްޔަތަށް އުނިކަން އަންނަކަމަށް އެބައިމީހުން ދެކެނީ، މާތް ﷲ ކުރިން އަމުރުކުރައްވާފައިވާ އަމުރެފުޅެއް ފަހުން ބަދަލުކުރެއްވުމުގެ ލާޒިމު މާނައަކީ އެކަލާނގެ ޢިލްމު ފުރިހަމަ ނޫނީއެވެ.  

މިއީ އެއްވެސް ތާނކުން ތާނކު ނުޖެހޭ އިލްޒާމެކެވެ. އެހެނީ، މާތް ﷲ ގެ ޢިލްމުފުޅަކީ ކާމިލު ޝާމިލު އަޒަލީ ޢިލްމުފުޅެކެވެ. މާނައަކީ، އެއްވެސް މަޙްދޫދުކަމެއް ނެތް ފުރިހަމަ ޢިލްމުފުޅެކެވެ. އެކަލާނގެއީ ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގަންނަވާ އިލާހެވެ.

އެހެންކަމުން، ޔަހޫދީން ދަޢުވާ ކުރާ ގޮތާ ޚިލާފަށް، އެކަލާނގެ ކަމެއް މަންސޫޚު ކުރައްވާއިރު އެކަމެއްގައި ބައިވަރު ޙިކުމަތްތަކެއް ހިމެނިގެންވެއެވެ. އެގޮތުން، ކުރިން އޮތް ޙުކުމަށްވުރެ ލުއި ޙުކުމަކަށް ބަދަލުކުރެއްވުން ހިމެނެއެވެ. މިސާލަކަށް، އިސްލާމްދީނުގެ ފުރަތަމަ ކޮޅު ދަމު ނަމާދަކީ ވާޖިބެކެވެ. ފަހުން، މާތް ނަބިއްޔާ صلى الله عليه وسلم ފިޔަވައި އުއްމަތުގެ މައްޗަށް އެއީ މުސްތަޙައްބު ނަމާދައަކަށް ބަދަލުކުރެއްވިއެވެ. އެކަލޭގެފާނުގެ ޙައްޤުގައި އެއީ ވާޖިބެއްގެ ގޮތުގައި ދެމިއޮތެވެ.

ހަމައެހެންމެ، ނަސްޚުގެ ޙިކުމަތުގެ ތެރޭގައި، މަރުޙަލާތަކަކަށް ޙުކުމް ބަދަލުވެގެން އައިސް އޭގެ އެންމެ ފަހު ޙުކުމަށް އައުން ހިމެނެއެވެ. މީގެ މިސާލަކީ، ރާ ޙަރާމް ކުރެއްވުމުގެ މިސާލެވެ. އެންމެ ފުރަތަމަ އެކަމާ މެދު ޝަރުޢުގައި އެއްވެސް ޙުކުމެއް ކަނޑައަޅުއްވާފައި ނުވެއެވެ. ޞަޙާބީން ރަލާ ބެހޭގޮތުން ސުވާލުކުރެއްވުމުން، (( ރާއާއި ޖުވާކުޅުމާމެދު އެއުރެން ކަލޭގެފާނާ ސުވާލު ކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެ ދެކަމުގައި ބޮޑުވެގެންވާ ގެއްލުމާއި މީސްތަކުންނަށް ހިސާބަކަށް ނަފާ ލިބެނިވި ގޮތްތަކެއްވެސް ވެއެވެ. އެ ދެކަމުގެ މަންފާއަށްވުރެ، އެ ދެކަމުގެ ގެއްލުން މާބޮޑެވެ.) މިފަދައިން ބަޤަރާ ސޫރަތުގެ 219 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރެއްވިއެވެ. އެއަށްފަހު، ((ތިޔަބައިމީހުން (ނަމާދުގައި) ކިޔާ އެއްޗެއް ތިޔަބައިމީހުންނަށް އެނގިއްޖައުމަށް ދާނދެން، ތިޔަބައިމީހުން މަސްތުވެގެން ތިބޭ ޙާލު ތިޔަބައިމީހުން ނަމާދާ ގާތްނުވާށެވެ!)) މިފަދައިން ނިސާ ސޫރަތުގެ 43 ވަނަ އާޔަތުގައި ބާއްވައިލެއްވުނެވެ.  އެއަށްފަހު، ((ޝައިތާނާ އެދޭކަން ކަށަވަރީ، ރާއާއި، ޖުވާގެ ސަބަބުން، ތިޔަބައިމީހުންގެ މެދުގައި ޢަދާވާތްތެރިކަމާއި، ރުޅިވެރިކަން އުފެއްދުމަށެވެ. އަދި اللَّه ހަނދުމަކުރުމާއި، ނަމާދުކުރުމަށް ތިޔަބައިމީހުންނަށް ހުރަސްއެޅުމަށެވެ. ފަހެ، ތިޔަބައިމީހުން ތިޔަތިބީ އެކަންތައްތައް ހުއްޓާލަންހެއްޔެވެ؟)) މައިދާ ސޫރަތުގެ 91 ވަނަ އާޔަތުން ރަލަކީ މުޅިން ޙަރާމް އެއްޗެއްގެ ގޮތުގައި ލެއްވުނެވެ.

ނަސްޚުގެ ޙިކުމަތުގެ ތެރޭގައި، އަޅުތަކުން އިމްތިޙާނު ކުރެއްވުންވެސް ހިމެނެއެވެ. އޭގެ މިސާލަކީ، ބަޤަރާ ސޫރަތުގައިވާ، މަސްޖިދުލް އަޤްޞާއިން ކަޢުބަތުﷲ ގެފުޅަށް ޤިބުލަ ބަދަލުކުރެއްވުނު ޙާދިޘާއެވެ. މާތް ﷲ ބަޤަަރާ ސޫރަތުގެ 143 ވަނަ އާޔަތުގައި ވަޙީކުރައްވާފައި ވަނީ މިފަދައިންނެވެ. ((އެއުރެންތިބި ފަރާތްނޫން އަނެއްފަރާތަށް އެނބުރިގަންނަ މީހުންނާއި (އެބަހީ: ދީނުން ބޭރުވެ މުރުތައްދުވާ މީހުންނާއި) ރަސޫލާއަށް ތަބާވާ މީހުން، ތިމަންރަސްކަލާނގެ ހާމަކުރެއްވުމަށްޓަކައި މެނުވީ، އެ ޤިބުލައެއްގެ މަތީގައި ކަލޭގެފާނު އިހު ހުންނެވި ޤިބުލަ، ޤިބުލައެއް ކަމުގައި ތިމަންރަސްކަލާނގެ ނުލައްވަމެވެ.))

ކޮންމެއަކަސް، ނަސްޚާމެދު ޔަހޫދީންގެ ހިތުގައި އޮތް ނުބައި ތަސައްވުރެއްގެ ސަބަބުން އެބައިމީހުން ނަސްޚަކީ އޮންނަ އެއްޗެއް ކަމަށް ޤަބޫލެއް ނުކުރެއެވެ. އެއްވެސް ޢަޤްލީ އަދި ނަޤްލީ ދަލީލެއް، ޙުއްޖަތެއް އެކަމުގައި ނެތިއެވެ.

ދެން ނަސްޚުގެ ޙަޤީޤަތަށް ބަލައިލަމާތޯއެވެ.  

ޢަޤްލީގޮތުންނާއި، ނަޤްލީގޮތުންވެސް، ނަސްޚަކީ ޘާބިތު ކަމެކެވެ. އަދި، އެކަންވާނީ ވާޤިޢުގައި ހިނގާފައެވެ. މިއީ އުއްމަތުގެ އިޖުމާޢުވެސް އޮތް ކަމެކެވެ.

ޢަޤްލީ (ބުއްދީގެ) ގޮތުން ބަލާއިރު، މާތް ﷲ ސުބުޙާނަހޫ ވަތަޢަލާ، އެ އިލާހުގެ ޙުކުމްފުޅެއް ބަދަލުކުރައްވަން އިރާދަފުޅު ކުރައްވައިފިނަމަ، އެކަން ނުވާންވީ އެއްވެސް ބުއްދީގެ ދަލީލެއް ނެތެވެ. އެހެނީ، އެކަލާނގެ އިރާދަފުޅު ކުރައްވައިފި ކޮންމެ ކަމެއް ކައުނީގޮތުންނާއި ޝަރުޢީގޮތުން ހިނގާނެއެވެ.

ޝަރުޢީ ގޮތުން ބަލާއިރު، ޤުރުއާނުގެ އެތަކެއް އާޔަތަކުން ނަސްޚަކީ އޮންނަ އެއްޗެއްކަން ޘާބިތުވެއެވެ. އެއިގެ ތެރެއިން ބައެއް އާޔަތްތައް މިތަނުގައި ހިމަނާލާނަމެވެ.

((اللَّه، އެކަލާނގެ އިރާދަކުރައްވާ ކޮންމެ ކަމެއް ފުހެލައްވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ ކޮންމެކަމެއް ޘާބިތުކުރައްވަތެވެ. އަދި އެކަލާނގެ ޙަޟްރަތުގައި، މައިފޮތް (އެބަހީ:ލައުޙުލް މަޙްފޫޡު) ވެއެވެ.)) الرعد:39

((ތިމަންރަސްކަލާނގެ ނަސްޚު ކުރައްވައިފި އާޔަތެއް، ނުވަތަ ތިމަންރަސްކަލާނގެ ހަނދުމަނައްތަވައިފި އާޔަތެއްގެ ބަދަލުގައި، އެއަށްވުރެ ހެޔޮ ނުވަތަ ހަމަ އެފަދަ އާޔަތެއް ތިމަންރަސްކަލާނގެ ގެނެސްދެއްވާ ހުށީމެވެ. ހަމަކަށަވަރުން، ކޮންމެ ކަމެއްގެ މައްޗަށް اللَّه ކުޅަދުންވަންތަވެވޮޑިގެންވާކަން ކަލޭގެފާނު ދެނެވަޑައި ނުގަންނަވަމުތޯއެވެ؟)) البقرة:106

ވާޤިޢުއަށް (ކަން ހިނގާފައިވާ ގޮތަށް) ބަލާއިރު،  މާތް ﷲ سبحانه وتعالى ވަނީ ކުރީގެ ޝަރީޢަތްތައް، އަޅުގަނޑުމެންގެ މިއުއްމަތުގެ މައްޗަށް ބާއްވައިލެއްވި ޝަރީޢަތުން މަންސޫޚު ކުރައްވާފައެވެ. ހަމައެފަދައިން، މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ މިޝަރީޢަތުގައިވެސް އެކަލާނގެ ކީރިތި ޤުރުއާނުގައި ބާއްވައިލެއްވި ބައެއް އާޔަތްފުޅުތައް މަންސޫޚު ކުރައްވާފައެވެ. އެގޮތުން، ބައެއް އާޔަތްތަކުގެ ތިލާވަތު މަންސޫޚު ކުރައްވާ، ޙުކުމް އިޘްބާތު ކުރެއްވިއެވެ. އަނެއްބައި އާޔަތްތަކުގެ ޙުކުމް މަންސޫޚު ކުރައްވައި، ލަފްޒު (ތިލާވަތު) އިޘްބާތު ކުރައްވާފައިވެއެވެ. ޙުކުމް އިޘްބާތުކުރައްވައި، ލަފްޒު ނަސްޚު ކުރެއްވި އާޔަތްތަކުގެ ތެރޭގައި ރަޖަމުގެ އާޔަތް ހިމެނެއެވެ. އަދި ކިއެއްތޯއެވެ. ފަޤީހުންނާއި، އުޞޫލީންނާއި، މުފައްސިރީންނާއި، ޝަރުޢީ ހުރިހާ ޢިލްމުވެރިންވެސް ޙުކުމް އިޘްބާތުކުރެވި، ތިލާވަލު ނަސްޚު ކުރެވުނު އާޔަތްތަކުގެ މިޘާލަކަށް ބަޔާންކުރައްވަނީ، ރަޖަމުގެ އާޔަތެވެ.

ނަސްޚަކީ އިންކާރު ނުކުރެވޭނެ އެއްޗެއްކަން މިވަރުންވެސް ފުދެއެވެ. އަދި އެކަމަށް އިންކާރު ކުރާ މީހުން އިންކާރު ކުރަނީ، އެބައިމީހުންގެ ޢިލްމުގެ މަދުކަމުންނެވެ. ނުވަތަ ޖަހުލުގެ ސަބަބުންނެވެ. ނުވަތަ ބޮޑާކަމާއި ކިބުރުވެރިކަމުންނެވެ.

ފަސްވަނަ ދުޢުވާ: ޝައިބާނީގެ ޙަދީޘާމެދު އުފައްދާ ޝުބުހަ

  • މަތީގައިވާ ޕޯސްޓަށް ބަލައިލުމުން ފާހަނގަވެގެންދާ ކަމަކީ، ޞަޙާބީ ބޭކަލެއްގެ އަޘަރުގެ އެއްބައި ގެނެސްދީފައި، އެންމެ މުހިއްމު ބައި ފޮރުވާފައިވާ ކަމެވެ. މިއަށް ކިޔަނީ، ޢިލްމީ ޚިޔާނާތެވެ. ތިމަންނަ ބޭނުންވާ ތަންކޮޅު ގެނެސްފައި، ތިމަންނައާ އިދިކޮޅަށް އޮތް ބައި ފޮރުވާލުމެވެ. މިއީ ދީނުގައި އެކަން އޮތްގޮތް ނޭނގިގެން އޮޅުން ފިލުވަން އުޅޭ މީހަކު ކަންތައް ކުރާނެ ގޮތެއް ނޫންކަން ކަށަވަރެވެ.
  • ޕޯސްޓުގައި ފޮރުވާފައިވަނީ، ޢަބްދުﷲ އިބްނު އަބީ އައުފާ رضي الله عنه ގެ ޖަވާބެވެ. އެއީ އައްޝައިބާނީ އެކަލޭގެފާނާ ކުރެއްވި ސުވާލުގެ ޖަވާބެވެ. ޕޯސްޓުން ފެންނަން އިން ފަދައިން، އައްޝައިބާނީ ސުވާލުކުރައްވަނީ، މާތް ނަބިއްޔާ صلى الله عليه وسلم ނޫރު ސޫރަތުގެ އާޔަތަށްފަހުވެސް ރަޖަމު ކުރެއްވިތޯއެވެ؟ އޭގެ ޖަވާބުގައި ޢަބްދުﷲ އިބްނު އަބީ އައުފާ ވިދާޅުވަނީ، (لا أدري) އެވެ. އެކަލޭގެފާނަށް އެކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. މިއީ ޞަޙީޙް ބުޚާރީގައި ވާރިދުވެފައިވާ ރިވާޔަތެކެވެ.  

އެހެންކަމުން، މިއަޘަރަކީ، ރަޖަމުގެ ޙުކުމާ ދެކޮޅު ހަދާ މީހުންނާ ދެކޮޅަށް އޮތް ޙުއްޖަތެކެވެ. އެހެނީ، މާތް ނަބިއްޔާ صلى الله عليه وسلم ރަޖަމު ކުރެއްވިކަމަށް ޢަބްދުﷲ އިބްނު އަބީ އައުފާ އެއްބަސްވެލައްވައެވެ. އެކަލޭގެފާނަށް އެނގި ނުލައްވަނީ، އެއީ ނޫރު ސޫރަތުގެ ކުރިންތޯ ނުވަތަ ފަހުންތޯއެވެ. ނަމަވެސް އެހެން ރިވާޔަތްތަކުން، ރަޖަމުގެ ބައެއް ޙަދީޘާތައް ހިނގާފައިވަނީ، ނޫރު ސޫރަތުގެ އާޔަތަށްފަހުގައި ކަން ޞައްޙަ ޞަރީޙަ މަގުން އެތަކެއް ޞަޙާބީންގެ ފަރާތުން ޘާބިތުވެއެވެ.

އިމާމު އިބްނު ޙަޖަރު – رحمه الله – ޞަޙީޙް ބުޚާރީގެ ޝަރަޙަ “ފަތުޙުލް ބާރީ” (120/12) ގައި ވިދާޅުވެފައިވެއެވެ. ( ހަމަކަށަވަރުން، ނޫރު ސޫރަތް ބާއްވައިލެއްވުމަށްފަހުވެސް ރަޖަމުގެ ޙައްދު ޤާއިމުކުރެވުނު ކަމަށް ދަލީލުތަކުން ދައްކައެވެ. އެހެނީ، ނޫރު ސޫރަތް ބާއްވައިލެއްވުނީ، “އިފްކު”ގެ ޙާދިޘާއަށްފަހުއެވެ. އަދި އެޙާދިޘާ ހިނގީ، ހިޖުރައިން 4ވަނަ އަހަރުތޯ، 5ވަނަ އަހަރުތޯ ނުވަތަ 6ވަނަ އަހަރުތޯއާ މެދު ވަނީ އިޚްތިލާފު އުފެދިފައެވެ. ނަމަވެސް ރަޖަމުގެ ޙާދިޘާ ހިނގާފައިވަނީ އެއަށްވުރެ ފަހުންނެވެ. އަބޫ ހުރައިރާ -رضي الله عنه – ވެސް އެ ޙަދީޘާ ހިނގިއިރު ޙާޟިރުވެ ހުންނެވިއެވެ. އެކަލޭގެފާނު އިސްލާމްވެވަޑައިގެންނެވީ ހިޖުރައިން 7 ވަނަ އަހަރުއެވެ. އަދި ހަމައެހެންމެ، އިބްނު ޢައްބާސްވެސް، އެކަލޭގެފާނުގެ މަންމާފުޅާއެކު މަދީނާއަށް ވަޑައިގެންނެވީ ހިޖުރައިން 9 ވަނަ އަހަރުއެވެ.)

ހަވަނަ ދަޢުވާ: ” ރަސޫލާ ބަޔާން ނުކުރައްވާ އާޔަތެއް، ޢުމަރުގެފާނު ހާމަކުރެއްވީ ކިހިނެއްތޯއެވެ. މިތަނުން ރަސޫލަކީ ކޮބައިތޯއެވެ؟”

މަތީގައިވާ ޕޯސްޓު ލިޔުނު ފަރާތުން ލިޔެފައިވަނީ ޚަޞްމުންނަށް އިލްޒާމު ކުރާ ޞީޣާއިން ކަމުގައިވިޔަސް، އެފަދައިން އޭނަގެ ބަހުރުވަ ހުރީ، ޚަޞްމުންގެ ވާހަކަތަކަކީ ކޮބައިކަން ރަނގަޅަށް ނޭނގޭތީ ކަމަށްވެދާނެއެވެ. އެހެނީ، އޭނާ އެ އިލްޒާމު ކުރާ ކަންކަމަކީ ޚަޞްމުންގެ ވާހަކައިން ދޭހަވާ ކަންކަމެއް ނޫނެވެ. މި މައުޟޫޢު ރަނގަޅަށް ފަހުމުނުވެ، ހިތަށް އެރި ގޮތަކަށް ޚަޞްމުންގެ ވާހަކަ މާނަކޮށް، އެ މާނައިން ދޭހަވާ ފާސިދު އިލްޒާމުތައް ޙަޞްމުންނާ ކުރިމަތި ކުރަން މަސައްކަތްކޮށްފައި ވާތީއެވެ. މިއަށް ޢަރަބި ބަހުގައި ކިޔަނީ “ޖަހުލު މުރައްކަބް” އެވެ. މަނާއަކީ، އެއްޗެއް ނޭނގިހުރެ،  އޭގެ ޙަޤީޤަތާ ޚިލާފަށް ވާހަކަ ދެއްކުމެވެ.

ޕޯސްޓު ކުރި ފަރާތަށް އޮޅިފައިވާ ކަންކަމަށް ބަލާއިރު، މާތް ނަބިއްޔާ صلى الله عليه وسلم އެ އާޔަތް ބަޔާން ނުކުރައްވާ ކަމަށް ޚަޞްމުންގެ ވާހަކައިން ދޭހަވާކަމަށް އިލްޒާމުކޮށްފައިވެއެވެ. އަދި ހަމައެހެންމެ، ޢާއިޝަތުގެފާނުގެ އެނދު ދާންކޮޅު ދަށުގައި އެ އާޔަތް ރައްކާ ކުރައްވާ ފާޅުނުކުރައްވާ ހުންނެވިކަމަށާއި، މާތް ނަބިއްޔާއަކީ ޢަމާނާތްތެރިއެއް ނޫން ކަމަށް ޙަޞްމުންގެ ވާހަކައިން ދޭހަވާކަމަށް ސުވާލުކޮށްފައިވެއެވެ. އަދި އެއަށްފަހު، މާތް ނަބިއްޔާ صلى الله عليه وسلم އެ އާޔަތް ވަންހަނާ ކުރެއްވިކަމަށާއި ޢުމަރުގެފާނު އެ އާޔަތް ހާމަކުރައްވާފައިވާ ކަމަށް ޚަޞްމުން ބުނާކަމަށާއި، އެފަދައިންވާނަމަ، އެތަނުން ރަސޫލަކީ ކާކުހޭ ޚަޞްމުންނާ ސުވާލުކޮށް އިލްޒާމުކޮށްފައިވެއެވެ.

މިޕޯސްޓުން ފާހަނގަވެގެންދާ އެއްކަމަކީ، ޕޯސްޓު ކުރި މީހާގެ ބޭއަދަބީ ކަމާއި، ބަސްމަގުގެ ހުތުރުކަމެވެ. ޚަޞްމަކަށް އިލްޒާމުކުރުމުގެ ގޮތުންވެސް، “މުޙައްމަދު ވަންހަނާ ކުރެއްވިއޭ، ޢުމަރު ހާމަކުރެއްވިއޭ” ބުނެ މުޚާޠަބު ކުރުމަކީ ކަނޑައެޅިގެން ގޯހެކެވެ. ބަސްމަގުގެ ހުތުރުކަމުން، ބައެއް މީހުން، މިއީ ސީދާ މާތް ނަބިއްޔާ صلى الله عليه وسلم އަށް ކޮށްފައިވާ ފުރައްސާރައެއްގެ ގޮތުގައިވެސް މާނަކޮށްފައިވެއެވެ. ނަމަވެސް، މިއީ ޚަޞްމުންނަށް އިލްޒާމީ ޞީޣާއަކުން ގެނެސްދީފައިވާ ވާހަކަތަކެއް ކަމަށް ވުމުން، ސީދާ މާތް ނަބިއްޔާ صلى الله عليه وسلم އަށް ކޮށްފައިވާ ފުރައްސާރައެކޭ ބުނުމަކީ އިންޞާފުވެރި ބުނުމަކަށް ނުވާނެއެވެ. އަޅުގަނޑު މިދައްކަނީ މިޕޯސްޓު (ނުވަތަ މި ޓްވީޓްގެ) ވާހަކައެވެ.

އޭނާގެ އެހެން ޓްވީޓުތަކުގައި ދީނީ އަޙްކާމުތަކަށް އިންކާރުކޮށް، ޤަޠްޢީކޮށް ޘާބިތުވާން ހުރި ކަންކަމަށް އަމިއްލަ ރަޢުޔު ނެރެފައިވާ ކަމީ އެންމެންނަށް ފެންނަން ހުރި ޙަޤީޤަތެކެވެ. މާތް ނަބިއްޔާ صلى الله عليه وسلم މަދީނާއަށް ހިޖުރަ ކުރެއްވުމަށްފަހު، މުހާޖިރީންނާއި، އަންޞާރުންނާއި، ކުރެއްވި މުޢާހަދާއާއި މުސްލިމުންނާއި ޔަހޫދީންނާ ކުރެވުނު މުޢާހަދާތަކުގެ އަސްލު މަފްހޫމު އޮޅުވާލައި، އެއީ ޢަލްމާނީ (ސެކިއުލަރ) ދައުލަތެއްގެ ބިންގާ އެޅުއްވީ ކަމަށް ވަކާލާތުކޮށްފައި އޭނާ ދައްކާފައިވާ ވާހަކަވެސް އެންމެންނަށް ފެންނަން އެހުރީއެވެ. އެހެންކަމުން، ސެކިއުލާ މީހުންގެ ދަންމަރު ހިފައިގެން، ދިވެހިރާއްޖޭގައި އިސްލާމްދީނުގެ އަޚްކާމުތަކާމެދު ރައްޔިތުންގެ ހިތުގައި ޝައްކު އުފައްދަން މަސައްކަތްކުރާ މީހުންގެ ލިސްޓުގެ އެންމެ ކުރީގައި އޭނާ ނުހިމެނޭނެ އެއްވެސް ސަބަބެއްނެތެވެ. އެކަމަކު، އެއީ އެހެން މައުޟޫޢެކެވެ. އެއީ އެހެން ޕޯސްޓުތަކެކެވެ.

މާތް ﷲ މާއިދާ ސޫރަތުގެ 8 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވަނީ ((އަދި ބަޔަކުމީހުންދެކެ ތިޔަބައިމީހުންގައި އުފެދިފައިވާ ރުޅިވެރިކަމެއް އެއީ، ތިޔަބައިމީހުން ޢަދުލުވެރި ނުވުމުގެ މައްޗަށް ބާރުއަޅާކަމެއް ކަމުގައި ނަހަދާށެވެ! ތިޔަބައިމީހުން ޢަދުލުވެރިވާށެވެ! އެގޮތް ތަޤްވާވެރިކަމާ ގާތްކަން ބޮޑެވެ.)) މިފަދައިންނެވެ.

އެހެންވީމާ، އެ މަޙައްލެއްގައި ދައްކަންވާނީ، އެމަޙައްލެއްގައި ދައްކަންވީ ވާހަކައެވެ. އަދި ދައްކާ ވާހަކައެއް ދައްކަންވާނީ ޢަދުލަށް، އިންޞާފަށެވެ.

އާދެ، އެނބުރި ޕޯސްޓުގައިވާ މައުޟޫޢަށް ދަމާތޯއެވެ. ޕޯސްޓުގައި އިލްޒާމުކޮށްފައިވާ ކަންކަމަކީ، ރަޖަމުގެ މައުޟޫޢާމެދު، ޕޯސްޓު ކުރި ފަރާތުން ޖާހިލުވެފައިވާ މިންވަރުގެ ބޮޑުކަން ހާމަކޮށްދޭ ކަމެކެވެ. ޢާއިޝަތުގެފާނާ ބެހޭގޮތުން ދައްކާފައިވާ ވާހަކައަކީ، ޙަދީޘެއްގެ މައްޗަށް ދައްކާފައިވާ ވާހަކައެކެވެ. ނަމަވެސް އެ އަޘަރުގައިވެސް ވާގޮތާ ޚިލާފަށެވެ. އެކަމަނާ އެ އާޔަތް ލިޔެވިފައިވާ ފަތްކޮޅު އެނދުދާންކޮޅު ދަށަށްލެއްވެވި ވާހަކަ އެއަޘަރުގައި އާދެއެވެ. އަދި، ފަހުން ކަންބަޅި ބަކަރިއެއް އެފަތް ކައިލީކަމަށްވެސް އާދެއެވެ. އޭގައި އެކަމަނާ އެކަން ކުރެއްވީ، އެ އާޔަތް ހާމަނުކުރެއްވުމުގެ ގޮތުން ކަމަކަށް ބަޔާންކޮށްފައި ނުވެއެވެ. އެހެންކަމުން، އެއީ ޕޯސްޓު ކުރި މީހާގެ އަމިއްލަ ޝަރަޙައެކެވެ. އަމިއްލައިން ޚަޞްމުންނަށް ކުރިމަތިކޮށްފައިވާ އިލްޒާމެކެވެ.

ނަމަވެސް، މިހުރިހާ ކަމެއް އެއްފަރާތުގައި ބާއްވާފައި، އެ އަޘަރުގެ ޞައްޙަ ނުޞައްޙައަށް ބަލާއިރު، އެއަޘަރަކީ ޢިލްމުވެރިންގެ އަރިހުގައި ޘާބިތުނުވާ ބަލިކަށި ޟަޢީފު އަޘަރެކެވެ. ޞައްޙަ މަގުން ޢާއިޝާ رضي الله عنه ގެ ފަރާތުން އިމާމު މާލިކު، އެކަލޭގެފާނުގެ ފޮތް “މުވައްޠައު”ގައި ރިވާކުރައްވާފައިވާ އަޘަރުގައި މިފަދަ އެއްވެސް ވާހަކައެއް ހިމެނިފައި ނުވެއެވެ.[4] އެހެންކަމުން، އޭގައި އެވާ ވާހަކައަކީ އެއްވެސް ވަރަކަށް ޙުއްޖަތެއްގެ ގޮތުގައި ބޭނުންކޮށް، ރަޖަމުގެ އާޔަތާމެދު ސުވާލު އުފެއްދޭނެ ފަދަ އަޘަރެއް ނޫނެވެ.

ނަމަވެސް، ޕޯސްޓު ކުރި މީހާ، ޕޯސްޓުގައިވާ ހުރިހާ އިލްޒާމާތުތަކެއް ޚަޞްމުންނަށް ކުރިމަތިކޮށްފައި މިވަނީ، މިބަލިކަށި އަޘަރުގައިވާ ވާހަކައާއި، ރަޖަމުގެ އާޔަތުގެ ވާހަކަ ޢުމަރުގެފާނު ބަޔާންކުރެއްވިކަމަށް ޞައްޙަ މަގުން އަައިސްފައިވާ އަޘަރުގެ މައްޗަށް ބިނާކޮށެވެ. އަމިއްލަ މަޤްޞަދު ޙާސިލުކުރުމަށްޓަކައި، އެއްވެސް އުސޫލެއް އެއްވެސް ހަމައެއް ލަމައެއްނެތި، އެތަނުން ވާހަކައެއް މިތަނުން ވާހަކައެއް ނަގައި، އަމިއްލަ ހިތަކަށް ޝަރަޙަ ކުރެވުނު ގޮތަކަށް ޝަރަޙަކޮށްގެން، އެއީ އިލްޒާމުތަކެއްގެ ގޮތުގައި ހުށަހަޅައިލީއެވެ. އޭނާ ދަޢުވާކުރާ ފަދައިން، ތެދުވެރި ނިޔަތެއްގައި، ޙައްޤު ހޯދަން މަސައްކަތްކުރާ މީހަކު ކަންތައް ކުރާނީ މިގޮތަށްބާވައެވެ؟ ނޫނީ، މިއީ ދީނުގެ މިފަދަ ޙުކުމްތަކާމެދު، ހިތުގައި ނަފުރަތު ފޮރުވައިގެން، އެއަށް އިންކާރުކޮށް، މީސްތަކުންގެ މެދުގައި ޝައްކު އުފެއްދުނު ގޮތަކަށް އުފައްދަން ހިފާފައި ހުރި މީހަކު ކަންތައްް ކުރާނެ ގޮތް ބާވައެވެ؟

އެހެނީ، މާތް ނަބިއްޔާ  صلى الله عليه وسلم އެ އާޔަތް ހާމަކުރެއްވިކަމާއި، ޞަޙާބީ ބޭކަލުން އެ އާޔަތް ކިޔުއްވައި އުޅުއްވިކަމަށް ރިވާވެފައިވާ ވާހަކައާއި، އެބޭކަލުންގެ ނަންފުޅުތަކާއެކު، އިސްވެ ދިޔަ ތަނުގައި ބަޔާންވެގެން ހިނގައްޖެއެވެ. އެހެންކަމުން، މާތް ނަބިއްޔާ صلى الله عليه وسلم ހާމަނުރައްވާހޭ؟ ޢުމަރުގެފާނު ހާމަކުރެއްވިހޭ ބުނެ ސުވާލުކުރުމުގެ އެއްވެސް ޖާގައެއްނެތެވެ. އެ އާޔަތަކީ، ތިލާވަތު މަންސޫޚު ވަންދެން އެހުރިހާ ބޭކަލުން ތިލާވަތުކުރައްވާ އުޅުއްވި އާޔަތެކެވެ. އަދި ތިލާވަތު މަންސޫޚުވުމަށްފަހުވެސް، އެ އާޔަތުން ރަޖަމުގެ ޙުކުމަށް ޙުއްޖަތް ދައްކަވައި އުޅުއްވި އާޔަތެކެވެ. މިއީ އެއްވެސް ޝައްކެއްނެތް މިންވަރަށް ޙަދީޘް ފޮތްތަކުން ޘާބިތުވާން އޮތް ކަމެކެވެ.

އެހެންވީމާ، ޕޯސްޓުކުރި ފަރާތުގެ ޢިލްމީ ނާޤާބިލުކަމާއި، ދީނީ ކަންކަމަށް އެއްވެސް ޢިލްމެއްނެތި، ރަނގަޅު ނިޔަތެއް ނެތި ޖަދަލުކޮށް އުޅޭކަން މިކަމުން ވަރަށް ބޮޑަށް އެނގި ހާމަވެއެވެ.

ހަތްވަނަ ދަޢުވާ: “ރަޖަމުގެ ޙުކުމަކީ ޔަހޫދީ ޝަރީޢަތުން އައިސްފައިވާ ކަމެކެވެ. އެޙައްދު މާތް ނަބިއްޔާ صلى الله عليه ޤާއިމުކުރެއްވީ ނޫރު ސޫރަތުގެ ކުރިންނެވެ؟ އެއަށްފަހު، އެކަން ނުކުރައްވައެވެ.”

  • ތެދެކެވެ. ރަޖަމުގެ ޙުކުމަކީ މާތް ﷲ މޫސާގެފާނުގެ މައްޗަށް ބާއްވައިލެއްވި ތައުރާތުގައި ވެސް ވާ ޙުކުމެކެވެ. އެކަމަކު، މާތް ނަބިއްޔާ صلى الله عليه وسلم އެ ޙައްދު ޤާއިމުކުރެއްވީ ތައުރާތުން ނަންގަވައިގެން ކަމަށް ބުނެވޭނެ އެއްވެސް ޙުއްޖަތެއް ނެތެވެ. އެއާ ޚިލާފަށް، އެއީ މާތް ﷲ އެކަލޭގެފާނުގެ މައްޗަށްވެސް ބާއްވައިލެއްވި ޙުކުމެއްކަން ވަރަށް ޞަރީޙަކޮށް އެނގެން އެބައޮތެވެ.

އިސްލާމީ ޝަރީޢަތުގެ ފުރަތަމަކޮޅު، ޒިނޭގެ ޙައްދު ޤާއިމު ކުރެވުނީ، މުޙްޞަނު މީހާގެ މައްޗަށް ރަޖަމެއް ނޫނެވެ. ޒިނޭގެ ޙައްދު މި އުއްމަތުގެ މައްޗަށް މާތް ﷲ ބާއްވައިލައްވާފައި ވަނީ ތަދްރީޖީކޮންނެވެ. (މަރުޙަލާ ތަކަކަށެވެ.)

އެގޮތުން، އެންމެ ފުރަތަމަ އޮތީ، ޒިނޭކޮށްފިކަން ޘާބިތުވެއްޖެ މީހަކަށް އަދަބުދީ މަލާމާތްކޮށް އެއްޗެހި ކިޔުމެވެ. އެއީ ނިސާ ސޫރަތުގެ 16 ވަނަ އާޔަތުންނެވެ. އެ އާޔަތުގެ މާނައިގައި ވަނީ މިފަދައިންނެވެ. ((އަދި، ތިޔަބައިމީހުންގެ ތެރެއިން ފާޙިޝް ކަންތައް ގެނެސްގަންނަ ދެމީހުންނަށް (އެބަހީ؛ ޒިނޭކޮށްފި ދެމީހުންނަށް) ތިޔަބައިމީހުން މަލާމާތްކޮށް އަދަބުދޭށެވެ!))

އެއަށްފަހު، ދެން ބާއްވައިލެއްވުނީ، ޒިނޭކުރިކަން ޘާބިތުވެއްޖެ މީހާ، މަރާ ބައްދަލުވަންދެން ގޭގައި ބަންދުކޮށްފައި ބެހެއްޓުމުގެ ޙުކުމެވެ. އެއީ ނިސާ ސޫރަތުގެ 15 ވަނަ އާޔަތުންނެވެ. ((ތިޔަބައިމީހުންގެ އަންހެނުންކުރެ ހުތުރުކަން ބޮޑުވެގެންވާ ފާފަ ގެނެސްގަންނަ މީހުންނާމެދު، (އެބަހީ: ޒިނޭކުރާ މީހުންނާމެދު) ތިޔަބައިމީހުންގެ ތެރެއިން ހަތަރު ހެކިން، އެކަނބަލުންގެ މައްޗަށް ހެކިކުރާށެވެ! ފަހެ، އެއުރެން ހެކިދީފިނަމަ، މަރު، އެކަނބަލުން އަތުލައިފުމަށް ދާނދެން (އެބަހީ: މަރުވެއްޖައުމަށް ދާނދެން) ނުވަތަ، އެކަނބަލުންނަށް اللَّه މަގެއް ދައްކަވައިފުމަށް ދާނދެން، ގޭގޭގައި އެކަނބަލުން ބަންދުކުރާށެވެ! )) މި ޙުކުމްތަކަކީ މުޙްޞަނުންނާއި، ޣައިރު މުޙްޞަނުންނަށްވެސް އެއްހަމައެއްގައި އައިސްފައިވާ ޙުކުމްތަކެކެވެ.

އެއަށްފަހު، ނިސާ ސޫރަތުގެ 15 ވަނަ އާޔަތުގައި މާތް ﷲ އެބައިމީހުންނަށް “މަގެއް ދައްކަވައިފުމަށްދާންދެން ގޭގައި ބަންދު ކުރާށެވެ” އޮތް ވަޙީ ބަސްފުޅުގެ މައްޗަށް މާތް ﷲ އެބައިމީހުންނަށް މަގެއް ދެއްކެވިއެވެ. އެއީ، ޣައިރު މުޙްޞަނުންނަށް (ކައިވެނި ނުކުރާ މީހުންނަށް) 100 އެތިފަހަރުން ޙައްދު ޖެހުމާއި، ޒިނޭކުރާ މުޙްޞަނުންނަށް (ޞައްޙަ ކައިވެންޏެއްކޮށްފައިވާ މީހުންނަށް) ރަޖަމުގެ ޙައްދު ޤާއިމުކުރުމެވެ.

އެގޮތުން، މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅު ކުރައްވާފައިވެއެވެ. «خُذُوا عَنِّي، خُذُوا عَنِّي، قَدْ جَعَلَ اللهُ لَهُنَّ سَبِيلًا، الْبِكْرُ بِالْبِكْرِ جَلْدُ مِائَةٍ وَنَفْيُ سَنَةٍ، وَالثَّيِّبُ بِالثَّيِّبِ جَلْدُ مِائَةٍ، وَالرَّجْمُ»صحيح مسلم. މާނައީ: (ތިޔަބައިމީހުން އަވަހަށް ތިމަން ކަލޭގެފާނުގެ އަރިހުން މިޙުކުމްފުޅު ލިބިގަންނަ ހުށިކަމެވެ. އަވަހަށް ލިބިގަންނަ ހުށި ކަމެވެ. މާތް ﷲ އެކަބަލުންނަށް މަގެއް ދައްކަވައިފިއެވެ. އެއީ، ބިކުރުވެރިންނަށް 100 އެތިފަހަރުން ޙައްދު ޖެހުމާއި 1 އަހަރަށް އަރުވައިލުމެވެ. އަދި ކައިވެންޏެއްކޮށްފައިވާ މީހުންނަށް 100 އެތިފަހަރު ޖެހުމާއި ރަޖަމުގެ ޙައްދު ޤާއިމުކުރުމެވެ.)

އެހެންކަމުން، މާތް ނަބިއްޔާ صلى الله عليه وسلم ރަޖަމުގެ ޙައްދު ޤާއިމުކުރެއްވެވީ، ޔަހޫދީ ޝަރީޢަތުން ނެންގެވި ޙުކުމެއްގެ ގޮތުގައިކަމަށް ބުނެ ކުރާ ދަޢުވާއަކީ އެއްވެސް އަސާސެއް އޭގައި އޮތް ދަޢުވާއެއް ނޫނެވެ. އެބައިމީހުންގެ އަތުގައި އެކަމުގެ އެއްވެސް ޙުއްޖަތެއް، ބުރުހާނެއް ނެތެވެ. އެއާ ޚިލާފަށް، ރަޖަމުގެ ޙައްދަކީ ޤުރުއާނުގެ ޙައްދެއްކަމަށް، ޞަޙާބީ ބޭކަލުންގެ ފަރާތުން ވާރިދުވެފައިވާ ޙަދީޘްފުޅުތައް އެހުރީ ޞައްޙަ ސަނަދުން ފެންނާށެވެ.

  • ދެން އޮތީ، ނޫރު ސޫރަތުން އެޙުކުމް މަންސޫޚުވެ، 100 އެތިފަހަރު ޖެހުމަށް ބަދަލުވެފައިވާ ކަމަށް ކުރާ ދަޢުވާއެވެ.

މިދަޢުވާއަށް ވަނީ 2 ވަނަ ޝުބުހާގައި ޖަވާބުދެވިފައެވެ. ނަމަވެސް މިތަނުގައި ބައެއް މުހިންމު ނުކުތާތަކެއް ފާހަނގަކޮށްލާނަމެވެ.

ނޫރު ސޫރަތުގެ ފަހުންވެސް މާތް ނަބިއްޔާ صلى الله عليه وسلم އެ ޙައްދު ޤާއިމުކުރެއްވި ކަމަށާއި، އެކަލޭގެފާނަށްފަހު، ޚުލަފާއުއްރާޝިދީން އެޙުކުމް ޤާއިމު ކުރެއްވިކަމަށް ވަނީ ޞައްޙަ ސަނަދުން ޘާބިތުވެފައެވެ. ޢުމަރުގެފާނުގެ ޙަދީޘްފުޅުވެސް މަތީގައި ބަޔާންވެގެން ހިނގައްޖެއެވެ.

ނިކަން ޞަޙީޙް ބުޚާރީގައި ވާރިދުވެފައިވާ، ޢަލީގެފާނުގެ ޙަދީޘްފުޅަށް ބައްލަވާށެވެ. އިމާމު ބުޚާރީ رحمه الله ރަޖަމުގެ ޙައްދާ ބެހޭގޮތުން ބާބެއް ބަންނަވާފައިވެއެވެ. (بَابُ رَجْمِ المُحْصَنِ“މުޙްސަން މީހާގެ މައްޗަށް ރަޖަމުގެ ޙައްދު ޤާއިމުކުރުމާ ބެހޭ ބާބު” މިއެވެ. އެއަށްފަހު އިމާމު ބުޚާރީ އެންމެ ފުރަތަމަ ގެންނަވާފައިވަނީ ޢަލީގެފާނުގެ ޙަދީޘްފުޅެވެ. «قَدْ رَجَمْتُهَا بِسُنَّةِ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ» މާނައީ: “ހަމަކަށަވަރުން އޭނަގެ މައްޗަށް ރަޖަމުގެ ޙައްދު ތިމަންކަލޭގެފާނު މިޤާއިމުކުރެއްވީ މާތް ރަސޫލާ صلى الله عليه وسلم ގެ ސުންނަތުގެ މައްޗަށެވެ.”

މިއީ ޢަލީގެފާނުގެ ޚިލާފަތުގައި އެކަލޭގެފާނު ރަޖަމުގެ ޙައްދު މީހެއްގެ މައްޗަށް ޘާބިތުވުމުން، ރަޖަމު ކުރެއްވުމަށްފަހު ވިދާޅުވެފައިވާ ބަސްފުޅެކެވެ. ނޫރު ސޫރަތުގެ އާޔަތުން ރަޖަމުގެ ޙުކުމަކީ މަންސޫޚު ޙުކުމެއްނަމަ، އެބޭކަލުން އެ ޙުކުމް ޤާއިމުކުރައްވާނެތޯއެވެ. ފަހަރެއްގައި މީހަކު، އިޢުތިރާޟުކޮށްފާނެއެވެ. ” ޢުމަރާއި، ޢަލީ ޤުރުއާނަށްވުރެ މަތީ ހެއްޔެވެ؟” މިސުވާލު ޓްވިޓާގައި ބައެއް ޖާހިލުން ކޮށްފައި އެބަހުއްޓެވެ. އޭގެ ޖަވާބުގައި ބުނެލަން އޮތީ، ހަމަޤައިމުވެސް، ތިބައިމީހުންނަށްވުރެ، ޢުމަރުގެފާނާއި ޢަލީގެފާނަށް ޤުރުއާނުގެ އަޙްކާމުތައް މާ ރަނގަޅަށް އެނގިލައްވާނެއެވެ. އެކަމުގައި، ތިޔަބައިމީހުންނަކީ، އެބޭކަލުންގެ ނިޔަފަތީގެ ނިޔަރޮދިއެއްހާ މިންވަރުވެސް އެއްފަދަ ވެގެންވާ ބައެއް ނޫންކަން ކަށަވަރު ޔަޤީނެވެ.

އޭގެ އިތުރުން، މިދައްކަނީ، ޢުމަރުގެފާނާއި، ޢަލީގެފާނުގެ ވާހަކަ އެކަންޏެއް ނޫނެވެ. ހުރިހާ ޞަޙާބީންގެ ވާހަކައެވެ. އެބޭކަލުންގެ އިޖުމާޢުގެ ވާހަކައެވެ. އެބޭކަލުންގެ އިޤުރާރުގެ ވާހަކައެވެ. ޤުރުއާން ބާއްވައިލެއްވުނީ އެބޭކަލުންގެ ތެރެއަށެވެ. އެންމެ ފުރަތަމަ އެ ޤުރުއާނު ތިލާވަތު ކުރެއްވީ އެބޭކަލުންނެވެ. އެބޭކަލުން އަތުގައި އެހެން އިތުރު ތަޢުލީމެއް ނެތެވެ. އޮތީ މާތް ﷲ ގެ ފޮތާއި، އެކަލާނގެ ރަސޫލާގެ ސުންނަތެވެ. އެކަމަކު، 1400 އަހަރު ފަހުން، ތިބާ ދަޢުވާ ތިޔަ ކުރަނީ، “ޢުމަރަކީ ކާކު ހެއްޔެވެ؟ ޢަލީއަކީ ކާކު ހެއްޔެވެ؟” އޭ ކިޔާފައިތޯއެވެ؟ ތިބާގެ ލަދުޙަޔާތް ކޮބައިތޯއެވެ؟ ޤުރުއާން ބާއްވައިލެއްވުނު ޒަމާނުގައި އުޅުއްވި ޞަޙާބީ ބޭކަލުންނަށްވުރެ ބޮޑަށް، އެ ޤުރުއާނުގެ އަޙްކާމުތައް 1400 އަހަރު ފަހުން އަންނަ މީހަކަށް އެނގިދާނެކަމަށް ޤަބޫލުކުރާނީ ކޮން ބުއްދިއަކުންތޯއެވެ؟ މިއީ ބުއްދީގެ އަހުލުވެރިން ދައްކައި އުޅޭނެ ވާހަކައެއްތޯއެވެ؟ އެފަދަ ދަޢުވާއެއް ކުރާ މީހެއްގެ ޢިލްމު މަދީ އެކަންޏެއް ނޫނެވެ. ބުއްދިވެސް އުނިކަމަށް ބެލެވިދާނެއެވެ. އެހެނީ، 1400 އަހަރު ފަހުން، އެ ޤުރުއާން ބާއްވައިލެއްވުނު ޒަމާނުގައި އުޅުއްވި ޞަޙާބީންނަށް ނޭނގޭކަމަށް ބުނެ، އެބޭކަލުންގެ ބަސްފުޅުތަކާ މުޅިން ޚިލާފުވާ ގޮތަށް އެ ޤުރުއާނާމެދު ދަޢުވާ ކުރާނީ މޮޔައެކެވެ.  

މިހާ ހިސާބުން، ލިޔަން ގަސްދުކުރި ބައިތައް ލިޔެ ނިމުނީއެވެ. والحمد لله رب العالمين! 


[1] – ނާސިޙު މަންސޫޙު އަކީ ކޮބައިކަން އެނގެން ބޭނުންވާ ބޭފުޅުން، ޝެއިޚް ޢިމްރާން މުޙައްމަދު ޢަލީ، ދިސަލަފިއްޔާ ވެބްސައިޓުގައި، “النسخ” މި މައުޟޫޢަށް ލިޔުއްވާފައިވާ ލިޔުންތައް ކިޔާލުމަށް އެދެމެވެ.

https://dhisalafiyyah.net/article/tag/naskh

[2] – ބައްލަވާ: موطأ مالك، حديث رقم : 1595. سنن ابن ماجه ، رقم الحديث: 2553.  

[3] -رواه البخاري / كتاب: الحدود / باب: الاعتراف بالزنا / رقم: 6829 ، ورواه مسلم / كتاب: الحدود / باب: رجم الثيب في الزنى / رقم: 1691. (ތަރުޖަމާ: ޝެއިޚް ޢިމްރާން މުޙައްމަދު ޢަލީ، ދިސަލަފިއްޔާ)

[4] –https://islamqa.info/en/answers/175355/the-hadith-about-the-sheep-eating-the-page-containing-the-verse-about-stoning-and-breastfeeding-in-the-house-of-aaishah-is-not-saheeh

ޚިޔާލު ފައުޅުކުރުން