ފަލްސަފީ ޢިލްމުލްކަލާމާއި އިސްލާމީ ސާފުސީދާ ފިޠުރަތުގެ ޢަޤީދާ!

 

އިސްލާމީ ޢަޤީދާއަކީ ސާފުސީދާ ޢަޤީދާއެކެވެ. މާތް ނަބިއްޔާ ﷺ ގެ ޒަމާނާއި، އެއަށް ފަހު އެކަލޭގެފާނު އަވަހާރަވުމަށް ފަހު ޞަޙާބީންގެ ޒަމާނުގައި ވެސް މި ކަން އޮތީ މި ގޮތަށެވެ. އީމާންކަމުގެ ރުކުންތަކުގައި ހިމެނޭ 6 ކަންތަކަކީ އެ ބޭކަލުންގެ ހިތުގައި ބިންވަޅު ނެގިފައިވާ ކަންކަމެވެ. އެ ކަންކަމާ އެ ބޭކަލުން ޖަދަލުކުރައްވާ ނުއުޅުއްވައެވެ. އެއީ އެ ކަންކަމުގެ ސާފު ކަމުންނެވެ. އެހެނީ، އެއީ ފިޠުރަތުގެ ޢަޤީދާއެވެ. އެއީ ބަލައިލި ކޮންމެ ދިމާލަކުން ވެސް އެ ކަންކަމަށް ހެއްކާއި ދަލީލު ފެންނާން އޮތް ތައުޙީދާއި އެއްކައުވަންތަކަމުގެ ޢަޤީދާއެވެ.

މި ގޮތަށް، މި ފިޠުރަތުގެ ސާފުކަން މަތީގައި މި ކަން މިހެން ހިނގަމުން ދަނިކޮށް، ޞަޙާބީންގެ ޒަމާނަށް ފަހު، ދެން އައި ޖީލުތަކުގައި އީމާންކަމުގެ ރުކުންތަކުގައި ހިމެނޭ ބައެއް ކަންކަމުގެ ފަރުޢީ ކަންކަމުގެ ތެރެއަށް ޖަދަލު ވަންނަން ފެށިއެވެ. އެ ޖަދަލުތައް އެ ގޮތަށް ވަންނަން ފެށީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. އޭގެ ތެރެއިން އެންމެ މައިގަނޑު އެއް ސަބަބަކީ ޔޫނާނާއި އިޤްރީކުގެ ފަލްސާފާ ފޮތްތައް ޢަރަބި ބަހަށް ތަރުޖަމާކުރެވި، އެ ކަމުގައި ބަޔަކު މީހުން މަޝްޣޫލުވާން ފެށި ފެށުމެވެ. އޭގައި ފަލްސަފާވެރީން ރައްބާއި، ކައުނާއި، އިންސާނީ ޙަޔާތާއި، އިންސާނީ ޠަބީޢަތާ މެދު އުފައްދަވާފައިވާ ހީތަކާއި ޝުބުހަތަކާއި ސުވާލުތަކާއި ޝައްކުތަކުގެ އޮޅުންބޮޅުންގަނޑު ނިއުޅައި އެއިން ކޮންމެ ކަމަކަށް ޖަވާބު ދޭން އިސްލާމުންގެ ތެރެއިން ބަޔަކު މީހުން ދިމާކުރި ކުރުމެވެ.

ނަމަވެސް، ނަތީޖާއަކަށް ވީ އެބައިމީހުން އިތުރަށް އޮޅިގެން ދިޔުމެވެ. ފަލްސަފާވެރީން ބޭނުންކޮށްފައިވާ މުތަޝާބިހު އިޞްތިޙާލުތަކާއި ބަސްމަގާ އެއްގޮތަށް ފިޠުރަތުގެ ސާފުސީދާ ފަސޭހަ ޢަޤީދާގައި ހިމެނޭ ކަންކަން ފުރޮޅައި ފަލްސަފާވެރީންގެ އޮޅުންބޮޅުން ހިމެނޭ މުޞްތަލަޙުތަކަށް ބުރޫނަރާ ގޮތަށް މާނަކުރަން އުޅެގަތުމުގެ ސަބަބުން، އެ ސާފުސީދާ ފިޠުރަތުގެ ޢަޤީދާގައި ހިމެނޭ ކަންކަން ވެސް އޮޅުންބޮޅުން ވާން ފެށީއެވެ.

އެ ހިސާބުން ޢިލްމީ ކަލާމުގެ ވަރުގަދަ ޖަދަލުތަކެއް އުފެދިގެން ދިޔައެވެ. އެއް ބަޔަކު އަނެއް ބަޔަކަށް އެންމެ ކުދި ކަންކަމުން ފެށިގެން އެންމެ ބޮޑު ކަންކަމަށް ޖަދަލުކުރާން ފެށިއެވެ. އަދި މަޢުނަވީގޮތުން ޙަޤީޤީ ތަފާތެއް ނެތް، ލަފްޒީ ކަންކަމުގައި ވެސް ތަފާތުވާން ފެށިއެވެ. ނުބައި ހީކުރުންތަކާއި، ނުބައި ނިޔަތް އެ ކަންކަމުގެ ތެރެއަށް ވަންނާން ފެށިއެވެ.

ޞަޙާބީ ބޭކަލުންނާއި، އެ ބޭކަލުންނަށް ތަބާވި ތާބިޢީ ބޭކަލުން ޢަޤީދާގެ ކަންކަން ފަހުމުކުރެއްވި ފިޠުރަތުގެ ސާފުސީދާކަން ފަހުން އައި ޖީލުތަކަށް ގެއްލޭން ފެށިއެވެ. އެ ބޭކަލުން ޢަޤީދާގެ ކަންކަން ބޭނުންކުރެއްވީ މާތް ﷲ މަޢުރިފާކޮށް ދަނެގަތުމާއި، އެ އިލާހަށް އިތުރަށް ކުއްތަންވުމާއި، އެ އިލާހަށް އަޅުކަން ކުރުމަށެވެ. ނަމަވެސް ފަހުގެ ޖީލުތަކުގައި ޢަޤީދާގެ ކަންކަން ވެގެން ދިޔައީ ޖަދަލުކުރުމާއި، އިމުން ބޭރުވެ ހުއްދަ ނޫން ހިސާބަށް ވަދެ މާތް ﷲ ގެ ޛާތުފުޅާއި، އެ އިލާހުގެ ސިފަފުޅާއި، އެ އިލާހުގެ އިސްމުފުޅުތައް މުރާދުން ބޭރުކޮށް، އެ ޞިފަފުޅާއި އިސްމުފުޅުތައް ބާވައިލެއްވުނު މަޤްޞަދު އެކަހެރިކޮށް، އެ ކަންކަމުގައި އެއް ބަޔަކު އަނެއް ބަޔަކު ތަޅާފޮޅައި ހަނގުރާ ކުރުމަށެވެ. އެއިގެ ސަބަބުން، އީމާނުގެ އަޘަރުތައް ހިތާއި، ގުނަވަންތަކުގެ ޢަމަލުން ފެނުމުގެ ބަދަލުގައި، އެއީ އެއްވެސް އަޘަރެއް ނެތް އެއްޗެއް ކަމަށް ވެއްޖެއެވެ. މުޅި ވަގުތު އެ ކަމުގެ ޒުވާބުގައި ބަޔަކު މީހުން ހޭދަކުރާން ފެށިއެވެ.

މި ކަންކަން މި ގޮތަށް ދާތީވެ، ސަލަފުއްޞާލިޙުންގެ ބޭކަލުން ޢަޤީދާގެ މި ކަންކަން ބަޔާން ކުރެއްވުމަށް ތަފާތު ފޮތްކާއި، ރިސާލާތުތައް ލިޔުއްވައި ހެއްދެވިއެވެ. ފިޠުރަތުގެ ސާފުސީދާ އެއްކައުވަންތަކަމުގެ ޢަޤީދާގެ ޙިމާޔަތުގައެވެ. އަދި އެ ކަމުގެ ފޮނި ނަތީޖާ ވެސް ފެނިފައިވެއެވެ. އިންސާނުންނަކީ ފުރިހަމަ ބައެއް ނޫނެވެ. މާތް ނަބިއްޔާ ﷺ އަށް ފަހު، މި އުއްމަތުގައި އެއްވެސް ކުށްފާފައެއް ނުކުރެވޭ މަޢުޞޫމު މީހަކު ނުހުންނާނެއެވެ. އެއީ ކިތަންމެ މޮޅު ޢިލްމުވެރިޔަކަށް ވިޔަސް ވެހެވެ. އެއީ ވެސް އިންސާނީ ޠަބީޢަތެވެ. އެހެންވުމުން، ޢަޤީދާގެ މި ދެންނެވި ފަރުޢީ ބާބުތަކުގައި ވެސް ދަމަން ވާވަރަށް ވުރެ ބޮޑަށް ދެމި މީހުން ތިއްބެވެ. އަދި އެކަމުގެ ސަބަބުން އިސްލާމީ މުޖުތަމަޢަށް އެކަމުގެ ނުބައި އަޘަރު ވެސް ކޮށްފައި އެބަހުއްޓެވެ.

ނަމަވެސް މި ދެންނެވި، ފަލްސަފީ ކަލާމީ ޚިލާފުތައް ވަރަށް ބޮޑަށް ނެތި ގޮސް، މިހާރު އެއިގެ ތެރެއިން ބައެއް ފިރުޤާތަކަކީ ހަމައެކަނި ފޮތްތަކުގައި ޒިކުރުކުރެވިފައިވާ ނަންތަކަކަށް ވަނީ ވެފައެވެ.

ސުވާލަކީ، މި ގޮތަށް މި ކަންކަން އޮތް ހިނދު، އިސްލާމީ މުޖުތަމަޢުތަކުގެ ތެރެއިން ފަލްސަފީ މި ޢިލްމުލްކަލާމު ވަދެފައި ނުވާ މުޖުތަމަޢުތަކާއި، ޙަޔާތުގައި ދުވަހަކު ވެސް މި ފިރުޤާތަކާއި ނަންތަކާއި، މި ޖަދަލުތައް އަޑުއަހާފައި ނުވާ، ޢާންމު މުސްލިމުންތަކެއް ހިމެނޭ މުޖުތަމަޢެއްގައި މި ދެންނެވި، ޖަދަލުތައް އަލުން ދިރުވުމާއި، ޢަޤީދާގައި ހިމެނޭ ހަމައެކަނި ބައިތަކަކީ އެއީ ކަމުގައި ހަދައި، ފިޠުރަތުގެ ޢަޤީދާގައި ހިމެނޭ ސާފުސީދާކަމާއި، ޞަޙާބީން ޢަޤީދާ ކިޔަވައިދެއްވައި ބަޔާންކޮށްދެއްވައި ހެއްދެވި މަންހަޖު ދޫކޮށް، މުޖުތަމަޢުގައި ފަލްސަފީ ޢިލްމުލްކަލާމު ދިރުވުން އެއީ ބުއްދިވެރި ގޮތެއްތޯއެވެ؟

އަޅުގަނޑުގެ ނަޒަރުގައި އެއީ ވަރަށް ބޮޑު ގޯހެކެވެ. ފަލްސަފީ ޢިލްމުލްކަލާމް ނެތް މުޖުތަމަޢެއްގައި ކިޔަވައިދީ މީސްތަކުންނަށް ބަޔާންކޮށްދޭންވީ ފިޠުރަތުގެ ޢަޤީދާގައި ހިމެނޭ ބައިތަކެވެ. ތާރީޚުގެ ވަކި ޒަމާނެއްގައި އުފެދިގެން އައި ފިތުނަތަކެއްގެ ސަބަބުން އެ ޖުމުތަމަޢަކަށް ޢިލާޖުކުރައްވަން އެ މުޖުތަމަޢެއްގައި ތިއްބެވި ޢިލްމުވެރީން ދެއްވި ބޭހާއި ފަރުވާ އެއީ ވަކި ޚާއްޞަ މައްސަލައަކަށް ދެއްވި ޢިލާޖެކެވެ. އެ ބަލިކަމަޑުކަމާއި ވަބާ ނެތް މުޖުތަމަޢަތަކަށް އެ ބޭހާއި ޢިލާޖުކުރަން ވެއްޖެއްޔާ، އެ މުޖުތަމަޢެއް މަރުވެދާނެއެވެ. އެހެނީ ކޮންމެ ބޭހަކީ ވެސް އޭގައި ނުބައި އަޘަރުތަކެއް ވެސް (ނުވަތަ ސައިޑް އިފެކްޓްސްތަކެއް) ހިމެނޭ އެއްޗެކެވެ. ޚާއްޞަކޮށް، އެ ބައްޔެއް ނެތް މީހަކަށް ނުގުޅޭ ބޭހެއް ދެވިއްޖެއްޔާ، އެ ދެވޭ ބޭހެއްގެ ސަބަބުން އެ މީހަކު މަރުވުން ވެސް އެކަށީގެންވެއެވެ. ހަމަ އެގޮތަށް އެ މުޖުތަމަޢެއްގައި ނެތް ބައްޔަކަށް އެ މުޖުތަމަޢުގެ އެންމެންނަށް އެ ބަލީގެ ބޭހުގެ ވަރުގަދަ ޑޯޒުތަކެއް ދީފިއްޔާ، ދެން ވާނެ ގޮތް ނިކަން ވިސްނަވާށެވެ. މި ކަމުގައި ވެސް އެ ކަން ވެގެން ދާނީ ހަމަ މިހެންނެވެ.

ނިކަން އިމާމު މާލިކުގެފާނުގެ މިސާލަށް ބައްލަވާށެވެ. އޭރުން މި ޖަދަލުގެ މަންހަޖަކީ އެ ބޭކަލުންގެ މަންހަޖެއް ނޫންކަން ވަރަށް ރަނގަޅަށް އެނގި ކަށަވަރު ވެގެން ދާނެއެވެ. އެ ކަމުގެ ތެރެއަށް ޢާންމުން ވަދެ، ޙުދޫދުން ބޭރުވާ ވުން، އެ ބޭކަލުން މަނާކުރެއްވީ ހަރުކަށި ކަމާ އެކު ކަން ވެސް އެނގި ކަށަވަރު ވާނެއެވެ. އެހެނީ އެ ކަމުގެ ހުރި ނުބައި އަޘަރާއި، އެ ކަމުގައި ހުރި ފިތުނަ ވަރަށް ރަނގަޅަށް އެ ބޭކަލުންނަށް އެނގިވަޑައިގެންވިއެވެ. އަދި، އިސްލާމީ ޢަޤީދާ އާއި އީމާންކުމުގެ ރުކުންތަކުގެ މަޤްޞަދަކީ އެއީ ނޫންކަން އެ ބޭކަލުންނަށް ވިސްނިވަޑައިގެންވިއެވެ.

އިމާމު މާލިކުގެފާނު ޢިލްމީ މަޖިލީހުގައި، މި ދެންނެވި ފަލްސަފީ ޢިލްމުލްކަލާމުގެ އަޘަރުކޮށްފައިވާ މީހަކު ތެދުވެ ބުންޏެވެ. ” އޭ އިމާމެވެ! މާތް ﷲ ވަނީ ޢަރްޝިއަށް އިސްތިވާވެ ވޮޑިގެންނެވެ. ސުވާލަކީ، ކޮން ގޮތަކަށްތޯއޭ އިސްތިވާވެވޮޑިގެންނެވީ؟” މި ސުވާލު އަޑުއިވިވަޑައިގެންނެވުމާ އެކު އިމާމު މާލިކުގެފާނު އެކަލޭގެފާނުގެ މޫނުފުޅު ތިރިކުރައްވާ އިސްދަށަށް ޖެއްސެވިއެވެ. އަދި ގިނަ އިރުތަކެއް ވަންދެން އެ ގޮތަށް ހުންނެވިއެވެ. އެ އަށް ފަހު އިސް އުފުއްލަވާލެއްވިއެވެ. އިސް އުފުއްލާލެއްވި އިރު، އެކަލޭގެފާނުގެ މޫނުފުޅުން ކޯފާގެ އަޘަރު ވަރަށް ބޮޑަށް ފާޅުވާން ހުއްޓެވެ. ދެން ވިދާޅުވިއެވެ. ” އިސްތިވާވޮޑިގެންނެވިކަން އެނގެއެވެ. އެއީ ކިހިނެއް ކަމެއް ނޭނގެއެވެ. އެ ކަމަށް އީމާންވުމަކީ ވާޖިބެކެވެ. އަދި، އެ ކަމާ މެދު ސުވާލު ކުރުމަކީ ބިދުޢައެކެވެ. އަދި ކަލޭއަކީ ބިދުޢަވެރިއެއް ކަމުގައި ނޫނީ ނުފެނެއެވެ.” އެއަށް ފަހު އޭނާ އެ މަޖިލީހުން ބޭރު ކުރެވުނެވެ.

ނިކަން ވިސްނަވާށެވެ! މާތް ﷲ އެ އިލާހުގެ ޢަރްޝީއަށް އިސްތިވާވެވޮޑިގެންނެވިކަން ވަނީ ކީރިތި ޤުރުއާނުގައި އެތައް އާޔަތެއްގައި ވަޙީކުރައްވާފައެވެ. އިމާމު މާލިކުގެފާނުގެ ޖަވާބުގައި، އިސްތިވާއުވެވޮޑިގެންނެވިކަން “އެނގެޔޭ”، ވިދާޅުވީ މިހެންވެއެވެ. އަދި، އިސްތިވާވެވޮޑިގެންނެވީ ކިހިނަކުން ކަމެއް “ނޭނގެޔޭ” ވިދާޅުވީ، ޤުރުއާނާއި ސުންނަތުގައި އެއިން އެއްވެސް ކަމަކަށް އިޝާރާތެއް އައިސްފައި ނުވާތީއެވެ. އެހެނީ، އެއީ މާތް ﷲ ގެ ޛާތުފުޅާ ގުޅުން ހުރި އަދި އެއީ ޣައިބުގައިވާ ކަންކަމަކަށްވާތީއެވެ. އެ ކަންކަމަކީ ޤުރުއާނާއި ސުންނަތުގެ ޞަރީޙަ ބަސްފުޅަކުން ނޫނީ ނޭނގޭނޭ ކަންކަމަށް ވާތީއެވެ. އެ ކަންކަމަށް އޮތީ ވާރިދުވެފައިވާ މިންވަރަށް އީމާންވުމެވެ. އަދި އެ ކަންކަމާ މެދު ސުވާލުކުރުމަކީ ބިދުޢައެކެވެ. އެ ދޮރު ބަންދުކުރެއްވުމުގެ ގޮތުން، އެކަލޭގެފާނު އެ މީހާއާ މެދު ހަރުކަށި ފިޔަވަޅު އެޅުއްވިއެވެ. އެއީ ޖަދަލުކޮށް، އަދި އެ ކަމާ މެދު ބަސްބުނެ އުޅުން ހުއްދަ ވާނޭ ކަންކަން ނޫންކަން އެހެން މީސްތަކުންނަށް ބަޔާންކޮށްދެއްވުމުގެ ގޮތުން ވެސް މެއެވެ.

މިއިން އެނގިގެން ދާ ޙަޤީޤަތަކީ، އެ ބޭކަލުން މީސްތަކުންނަށް ޢަޤީދާ ކިޔަވައިދެއްވައި، ބަޔާންކޮށްދެއްވައި އުޅުއްވީ، ފަލްސަފީ ޢިލްމީކަލާމުގެ ޖަދަލެއްގެ ގޮތުގައެއް ނޫނެވެ. އަދި އެ ކަމަށް ކިރިޔާ ވެސް ފުރުޞަތެއް ނުދެއްވައެވެ. އެ ބޭކަލުންގެ މަންހަޖަކީ ޞަޙާބީންގެ މަންހަޖެވެ. އެބޭކަލުންގެ ޙުދޫދަކީ ޞަޙާބީ ބޭކަލުންގެ ޙުދޫދެވެ. އެހެންކަމުން، ފިޠުރަތުގެ ސާފު ޢަޤީދާ އެ ގޮތުގައި ބޭއްވުމުގެ ގޮތުން، އެ ބޭކަލުން ފަލްސަފީ ޢިލްމުލްކަލާމުގެ ޖަދަލުތަކާއި، އެ ޖަދަލުތަކަށް ރައްދު ދޭ މަންހަޖާ ދުރުވެވަޑައިގެންނެވިއެވެ. އެހެނީ އޭރުގެ މުޖުތަމަޢުތަކުގައި އެ ކަމެއް ނެތެވެ.

އެހެންކަމަށް ވަންޏާ، ފަލްސަފީ ޢިލްމުލްކަލާމް ނެތް މުޖުތަމަޢެއްގައި އެފަދަ މަންހަޖެއްގައި ޢަޤީދާ ބަޔާކޮށްދީ، ޖަދަލާއި ރައްދުތަކުގެ ކަނޑަށް އެ މުޖުތަމަޢެއްގައި ހިމެނޭ ޢާންމު މުސްލިމުން ގަންބައިލުމަކީ އެއީ ގޯހެކެވެ. ކޮންމެ ނިޔަތެއްގައި އެކަން ކުރިޔަސް، އެ ބަޔަކަށް އެ ކުރެވެނީ ވަރަށް ބޮޑު ގޯހެކެވެ. އެހެނީ، ކުރިން ދެންނެވި ފަދައިން، ވަރުގަދަ ޑޯޒެއް ހިމެނޭ ބޭހެއް މި ދެވެނީ އެ ބައްޔެއް ނެތް މުޖުތަމަޢަކަށެވެ. އޭގެ އަރިމަތީ ނުބައި އަޘަރު އެ މުޖުތަމަޢަކަށް ނުކޮށް ނުދާނެއެވެ. އަދި، އެއީ ވަރަށް ބޮޑު ފިތުނައަކަށް ނޫނީ ނުވާނެއެވެ.

އެހެންކަމުން، އެފަދަ މުޖުތަމަޢެއްގައި އުޅުއްވާ ޢިލްމުވެރީންނަށް އޮތީ، ޞަޙާބީ ބޭކަލުންނާއި އެ އެ ޞަޙާބީ ބޭކަލުންނަށް ތަބާވެވަޑައިގެންނެވި މަތިވެރި އިމާމުވެރި ތާބިޢީ ބޭކަލުންގެ މަންހަޖެވެ. ފަލްސަފީ ޢިލްމުލްކަލާމުގައި ހިމެނޭ ޖަދަލާއި އެއަށް ދެވޭ ރައްދުތަކުގެ މަންހަޖެއް ނޫނެވެ. ސާފު ސީދާ ފިޠުރަތުގެ ޢަޤީދާ ބަޔާންކުރުމުގެ މަންހަޖެއެވެ. ޢަޤީދާގެ އަރުކާނުތަކުގައި ހިމެނޭ ޣައިބުގައިވާ ކަންކަމުގެ ފަރުޢީ ބައިތަކުގެ އެންމެ ފުނަށް ސިކުނޑި ފޮނުވައި، ފިކުރުކޮށް، ޚިޔާލާތަށް ކަންކަން ގެނެސް، އެ ކަމުގެ ވާހަކައާއި އެ ކަމުގެ ޖަދަލާއި ރައްދު ދިނުމުން ދުރުވުމެވެ. އެހެނީ، އެއީ ފުންމިން ނޭނގޭ ބޮޑު އަނދަވަޅެކެވެ. އެއަށް ފުންމައިލައިފި މީހަކު މަރުވުން ނޫނީ އެހެން ނަތީޖާއެއް އެ ކަމުގައި އޮތްތަނެއް ނުފެނެއެވެ.

އަޅުގަނޑުގެ އިލްތިމާސަކީ ރާއްޖޭގައި ދީނީ ތަޢުލީމު ފޯރުކޮށްދެއްވާ ހުރިހާ ފަރާތްތަކުން މި ކަންކަމަށް ރިޢާޔަތް ކުރެއްވުމެވެ. އިސްލާމީ ސާފުސީދާ ޢަޤީދާ ބަޔާންކޮށްދެއްވުމަށް ސަމާލުކަން ދެއްވުމެވެ. ވީހާ ވެސް ބޮޑަކަށް ޢިލްމުލްކަލާމުގެ ޖަދަލުން ދުރުވުމެވެ. މުޖުތަމަޢުގައި ނެތް ފިތުނައެއް މުޖުތަމަޢަށް ނުވެއްދުމެވެ. އިސްލާމީ ސާފު ސީދާ ފިޠުރަތުގެ ޢަޤީދާ އަޅުގަނޑުމެންނަށް ފުދެއެވެ.

 

ޚިޔާލު ފައުޅުކުރުން