7 ފެބްރުއަރީގެ އަރަތް! ހައްލުކުރަންޖެހޭ އަރަތެއް!

މިއަހަރު 7 ފެބްރުއަރީގައި ވަރަށް ގިނަ ޝުޢޫރުތައް އަޅުގަނޑުމެންނަށް މީސްމީޑިއާއިން އެބަފެނެއެވެ. 7 ފެބްރުއަރީ 2012 އާ ބެހޭގޮތުންނެވެ. ޚާއްޞަކޮށް އެމްޑީޕީގެ އިސްފަރާތްތަކުންނެވެ. އޭގެ ތެރޭގައި ރައީސް މުޙައްމަދު ނަޝީދު ހިމެނެއެވެ.

އާދެ، 7 ފެބްރުއަރީ 2012 އަކީ ރައީސް މުޙައްމަދު ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވި ދުވަހެވެ. އިސްތިއުފާ ދެއްވީ ދުވަސްތަކެއް ވަންދެން ކުރިމަތިވަމުން އައި މުޒާހަރާތަކާއި އިޙުތިޖާޖުތަކުގެ އެންމެ ފަހު ބޮޅެއްގެ ގޮތުގައި ފުލުހުންނާއި ސިފައިން އެމަނިކުފާނާ ދެކޮޅަށް ނުކުތް ހިސާބުންނެވެ. އެކަން ހިނގައި ދިޔަގޮތް ދިވެހިންނަށްވާނީ ފެނިފައެެވެ. އަދި އެއީ ދިވެހިންނަށް އޮޅިފައި އޮތް ކަމެއްވެސް ނޫނެވެ. މީޑިއާތަކުން ދިޔައީ އެމަންޒަރުތައް ވަގުތުން ވަގުތަށް ގެނެސްދެމުންނެވެ. އެހެންކަމުން، އެދުވަހުގައި ކަންތައް ހިނގިގޮތުގެ ތަފްސީލަކަށް ނުދާނަމެވެ.

ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނު ހެއްދެވި ގޯސްތައްވެސް މަދެއް ނޫނެ ބުނަން ފުރުސަތު އެބައޮތެވެ. އެގޮތުން، ދީނީގޮތުންނާއި، އިޤްތިސާދީ ގޮތުންނާއި، އިޖުތިމާޢީ ގޮތުންނާއި، ޤާނޫނީ ގޮތުންވެސް ގޯސްތައް ހައްދަވާފައި އެބަހުއްޓެވެ. ޚާއްޞަކޮށް ދީނީ ގޮތުން ހެއްދެވި ގޯސްތައް ބޮޑެވެ. އެކަން އެނގިގެންދަނީ، 23 ޑިސެމްބަރު 2011 ގައި ބޭއްވުނު ބޮޑު މުޒަހާރާއެވެ. އެ މުޒާހަރާއަކީ މުޅި ޤައުމު ކަހަލަގޮތަށް ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގެ ސިޔާސަތުތަކާ ދެކޮޅަށް ނުކުތް ދުވަހެވެ. އެދުވަހުގެ ޝިޢާރުތަކުގެ ތެރޭގައި “އިސްލާމްދީނުގެ ހިމާޔަތުގައި ދިވެހިން” މިޝިޢާރަކީ އެ މުޒާހަރާގެ އެންމެ މައިގަނޑު ޝިޢާރެވެ. ނަމަވެސް، އެކަމުގެ ތަފްސީލަކަށްވެސް ދާކަށް ނެތީމެވެ. އެހެެނީ، އޭގެ ވީޑިއޯތަކާއި އަޑުތަކާއި، ނޫސް ޚަބަރުތައް މިއަދުވެސް ފެންނަން އެހުރީއެވެ.  

ދައްކަން މިއުޅޭ ވާހަކަ އަކީ، 7 ފެބްރުއަރީ 2012 ގައި ރައީސް ނަޝީދުގެ ވެރިކަން ވެއްޓިގެން ދިޔަ އިރު، الله أكبر ހަރު އަޑުން ކިޔުއްވައި، މަގުތައް މައްޗަށް ނުކުމެ ވަޑައިގެންނެވި، އޭރުގެ ސަރުކާރާ އިދިކޮޅު ލީޑަރުން އުފާ ފާޅުކުރެއްވި ފާޅުކުރެއްވުމަށެވެ. އެއްބޭފުޅަކު އަނެއްބޭފުޅަކާ ކޮނޑާއިކޮނޑު ޖައްސަަވައި، ލޮލުން ކަރުނަ އަޅުއްވައި، މިޤައުމު ސަލާމަތްވެއްޖެކަމަށް ވިދާޅުވެ، މާތް ﷲ އަށް ހާސްފަށުން ޙަމްދާއި ޝުކުރުއަދާ ކުރައްވައި، މިދިވެހި ޤައުމަށް ކުރިމަތިވި ބޮޑު މުސީބާތަކުން މި ޤައުމު ސަލާމަތްވެއްޖެކަމަށް ވިދާޅުވެ އެބޭފުޅުން އުފާ ފާޅުކުރެއްވި ދުވަހެވެ. ރައީސް މުޙައްމަދު ނަޝީދު އިސްތިއުފާ ދެއްވީ، އަމިއްލަ އިޚްތިޔާރުގައި ކަމަށް ވިޔަސް، އެމަނިކުފާނު އިސްތިއުފާ ދެއްވީ، އެދުވަހު ކަންތައް ގޮސްފައި އޮތް ނާޒުކު ހާލަތަށް ރިޢާޔަތް ކުރައްވާފައިކަމާމެދު އެއްވެސް ޝައްކެއްނެތެވެ. އަދި ހަމައެހެންމެ، އެއީ އެމަނިކުފާނުގެ ވެރިކަމުގެ ސިޔާސަތުގެ ގޯސްކަމާއި، އެމަނިކުފާނާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން އެޅުއްވި ޅައެއްޗެހީގެ ސަބަބުން ކަމާމެދަކުވެސް ޝައްކެއްނެތެވެ.

7 ފެބްރުއަރީގައި އިސްތިއުފާ ދެއްވައި ގެއަށް ވަޑައިގަތުމަށްފަހު، 8 ފެބްރުއަރީގައި އެމްޑީޕީގެ މެމްބަރުންނާއެކު ގެއްލުނު ވެރިކަން ހޯއްދަވަން މަގު މައްޗަށް ނުކުމެވަޑައިގެންނެވި ހިނދުން ފެށިގެން ރައީސް ނަޝީދުއާއި އެމްޑީޕީގެ ދައުވާއަކަށްވީ ވެރިކަން ބަޣާވާތަކުން ވައްޓާލީކަމަށާއި، އިސްތިއުފާދެއްވީ ބޮލުގައި ބަޑި ޖައްސައި ބިރު ދެއްކުމުން ކަމަށެވެ. އެހިސާބުން، އެމަނިކުފާނަށް ވެރިކަމުގައި ހެެއްދެވުނު ގޯސްތަކުގެ ވާހަކަވެސް ނިމުނީއެވެ. އެއްވެސް ގޯހެއް ނުހައްދަވާފަދަ އެވެ. ބަޔަކު މީހުންނަށް، އެމަނިކުފާނުގެ ހެޔޮވެރިކަން ހަޖަމް ނުވެގެން، ވެރިކަމުގެ ދަހިވެތިކަމުގައި، އެ ސާފު ތާހިރު ވެރިކަން ނުހައްގުން ވައްޓައިލީ ކަމަށެވެ. ގައުމު އަނދަވަޅަކަށް ވައްޓައިލީ ކަމަށެވެ. އެދުވަހުން ފެށިގެން އެބައިމީހުން ކިޔަން ފެށީ، މިއޮޑިއެއް ނުފެތޭނެއެވެ. އެމްޑީޕީ އެނބުރި އަންނާނެއެވެ. ތާހިރު ވެރިކަމެއް އަނެއްކާވެސް ކޮށްދޭނަމަވެ.

އެކަމަށް 7 އަހަރު ފުރުނީއެވެ. ރައީސް ނަޝީދާއި އެމްޑީޕީން އެވިދާޅުވަނީ މިއޮތީ އެނބުރި އަންނަން ކުރި ވަޢުދުތައް ފުއްދާފައި ކަމަށެވެ.

ނަމަވެސް، އަޖައިބުވާން ޖެހޭ ކަމަކީ، ރައީސް ޔާމީން ފިޔަވައި، އެއްކަލަ “ބަޣާވާތުގެ ބޮޑުން” މިހާރު އެތިބީ އެމްޑީޕީ ކޯލިޝަނުގައެވެ. 7 ފެބްރުއަރީގައި އެބައިމީހުންގެ ލޮލުން އޮހޮރި ކަރުނަތަކުގެ ވާހަކަ މިހާރަކު ނުދެކެވެއެވެ. އެބައިމީހުން، ދިވެހި ޤައުމަށް ދިމާވި ބޮޑު މުސީބާތަކުން ދިވެހި ޤައުމު ސަލާމަތް ކުރައްވަން ކުރެއްވި މަސައްކަތުގެ ވާހަކަވެސް ނުދައްކަވައެވެ. އޭގެ ބަދަލުގައި 7 ފެބްރުއަރީގައި ކަމެއް ހިނގިކަމަށްވެސް ނެހެދި އެތިއްބެވީ، “ވަގު ބުޅަލާ” ވަގު ޖަހައިގެން އޮންނަ ފަދަ ގޮތަކަށެވެ.

އަޅުގަނޑަށް އުދަނގޫވަނީ މިކަމާއެވެ. ސިޔާސީ ނިފާޤަށެވެ. އެހެނީ، މިހާރު މިވީ ގޮތުން، 7 ފެބްރުއަރީ އަރަތަކަށް ވެއްޖެއެވެ.

އެއްގޮތަކީ، 7 ފެބްރުއަރީއަކީ ޤައުމު “ބޮޑު މުސީބާތަކުން” ސަލާމަތްވި ދުވަހެވެ. އަނެއްގޮތަކީ، އެއީ ޤައުމަށް ދިމާވި އެންމެ ހިތާމަވެރި ހާދިސާއެވެ. ހިތާމަވެރިއޭ މިބުނަނީ، “ތާހިރު ވެރިކަމެއް މަގުމަތިން ވައްޓާލި” ދުވަހެވެ. އެމްޑީޕީން ސިފަކުރާ ގޮތަށެވެ. ނުވަތަ އެއްގޮތަކީ، އެމްޑީޕީން އެއްވެސް ގޯހެއް ނަހަދައެވެ. އަނެއްގޮތަކީ، އެމްޑީޕީއަށް ގިނަ ގޯސްތަކެއް ހެދުނުކަމެވެ. އަދި އެކަމުގެ ނަތީޖާއެއްގެ ގޮތުން، ވެރިކަން ވެއްޓެން ޖެހުނީއެވެ. ނުވަތަ އެއްގޮތަކީ، “ބަޣާވާތުގެ ބޮޑުން” އެމްޑީޕީ ސަރުކާރާ ދެކޮޅަށް ނުކުމެ، އިޖުތިޖާޖުކޮށް، މުޒާހަރާކޮށް، ވެރިކަން “ބަޣާވާތަކުން ވައްޓާލީ” މުޅި ގައުމަށް އޮޅުވާލާފައެވެ. ދޮގު ބުހުތާނު ހަދައިގެން، ރައްޔިތުން ބޯނު ހައްދައިގެންނެވެ. އަނެއްގޮތަކީ، އެބައިމީހުން ދީނާއި ޤައުމުގެ ޙައްޤުގައި ތެދުވެ، ޤައުމަށް އެމްޑީޕީ ސަރުކާރުން ދިމާވި އަނދިރި ދުވަސްތަކުން ސަލާމަތް ކުރީއެވެ.

އެންމެން އެއް އޮޑިއެއްގައި ތިއްބަސް، މިވާ އެއްޗެއް ދިވެހިންނަށް ރަނގަޅަށް ސާފުކޮށްދެއްވާފައި ތިއްބެވިދާނެއެވެ. މިތަނުން ގޯސް ހެއްދެވި ބަޔަކު، އެއީ ގޯހެކޭ ވިދާޅުވެ، 7 ފެބްރުއަރީއަކީ މުޅި ޤައުމު ހިތާމަ ކުރަން ޖެހޭ ދުވަހެއްކަމަށް ނުވަތަ އުފާ ކުރަންޖެހޭ ދުވަހެއްކަމަށް ކަނޑައަޅުއްވާ ދެއްވަން އެބަޖެހެއެވެ. ސިޔާސީ ނިފާޤުގެ ފަރުދާގެ ފުރަގަހުގައި، ހައްޕު ކިޔުއްވައިގެން ތިއްބެވުމަކީ، އަޅުގަނޑު ކަހަލަ ސާދާ ދިވެއްސަކަށް ޤަބޫލުކުރަން އެހާ ފަސޭހަކަމެއް ނޫނެވެ.

ޚިޔާލު ފައުޅުކުރުން